ބަންގްލަދޭޝް މުޒާހަރާތަކުގެ ލީޑަރު، ހާދީގެ ޖަނާޒާ: އެތައް ހާސް ބަޔަކު އެއްވެ ހިތާމަ ފާޅުކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރަން މިދިޔަ އަހަރު ދަރިވަރުންތަކެއް އިސްނަގައިގެން ކުރި މުޒާހަރާތަކުގެ ލީޑަރު ޝަރީފް އުސްމާން ހާދީގެ ޖަނާޒާ އިއްޔެ ބާއްވާފައިފިއެވެ. ހާދީގެ ޖަނާޒާގައި ބައިވެރިވުމަށް ޑާކާގައި ހުންނަ ބަންގްލަދޭޝްގެ ޕާލަމެންޓް ހައުސް ވަށައިގެންވާ ސަރަހައްދަށް އެތައް ހާސް ބަޔަކު އެއްވެފައިވެއެވެ. ހާދީގެ ހަށިގަނޑު ބާއްވާފައި އޮތީ ބަންގްލަދޭޝް ޔުނިވާސިޓީގެ ސެންޓްރަލް މިސްކިތުގައެވެ. "އަހަރުމެންގެ ހިތްތަކުގައި އަބަދު ވެސް ހާދީ ވާނެ. އަދި ގައުމު އޮތްހާ ހިނދަކު ބަންގްލަދޭޝްގެ އެންމެންގެ ހިތުގައި އޮންނާނެ،" ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް އެއްވެ ތިބި މީހުންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. ޑާކާ ޔުނިވާސިޓީގެ އޮފިޝަލުންނާއި ސިޔާސީ މަތީ ފަންތީގެ ބޭފުޅުން ވެސް ޖަނާޒާގައި ބައިވެރިވި ކަމަށް ދަ ޑެއިލީ ސްޓާ ނޫހުން ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ހާދީގެ އިންގިލާބް މޮންޗޯ ހަރަކާތުގެ ލީޑަރާއި ނޭޝަނަލް ސިޓިޒަން ޕާޓީގެ ވެރިޔާ ވެސް ހިމެނެއެވެ. ޓްރެފިކް މެނޭޖްކުރުމާއި އެއްވެ އުޅޭ މީހުން ކޮންޓްރޯލްކުރަން ބޮޑީ ކެމެރާ އަޅައިގެން ފުލުހުންނާއި ސަލާމަތީ ބާރުތައް ޑާކާގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވިއެވެ. ހާދީގެ މަރާ ގުޅިގެން ބަންގްލަދޭޝްގެ ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ. ޖަނާޒާއަށްފަހު ހާދީގެ ހަށިގަނޑު ވަޅުލުމަށް ގެންދަނީ. ފޮޓޯ/ރޮއިޓާސް އިންގިލާބް މޮންޗޯ ނުވަތަ ޕްލެޓްފޯމް ފޯ ރިވޮލިއުޝަންގެ ތަރުޖަމާނުގެ ގޮތުގައި ހުރި އުމުރުން 32 އަހަރުގެ ހާދީ މަރުވީ ވެރިރަށް ޑާކާގައި މި މަހުގެ 12 ވަނަ ދުވަހު ބެޓެރީ އިން ދުއްވާ އޮޓޯރިކްޝާއެއްގައި ދަތުރުކުރަމުން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވީ ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލް (އެސްޖީއެޗް) ގައެވެ. ހާދީ ވަނީ ކުރިއަށް އޮތް އާންމު އިންތިޚާބުގައި ވާދަކުރަން ވެސް ނިންމާފައެވެ. ހާދީ މަރުވުމާ ގުޅިގެން ބަންގްލަދޭޝްގައި ހަމަނުޖެހުންތައް ހޫނުވެ، މަޝްހޫރު ދެ ނޫހެއް ކަމުގައިވާ ޕްރޮތޮމް އަލޯއާއި ޑެއިލީ ސްޓާ ނޫހުގެ އޮފީހުގައި ރޯ ވެސްކޮށްލިއެވެ. މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ ހާދީއަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. ހާދީއަށް ބަޑިން ހަމަލާދިން މީހުން ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ޝައްކު ކުރެވޭ ދެ މީހުންގެ ފޮޓޯ އާންމުކޮށް، އެމީހުން ހައްޔަރު ކުރުމަށް މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް ފަސް މިލިއަން ޓާކާ ނުވަތަ 42،000 ޑޮލަރު ގެ އިނާމެއް ދިނުމަށް ހުށަހަޅާފައިވެއެވެ. ބަންގްލަދޭޝްގެ ދަ ޑެއިލީ ސްޓާ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ގައުމުގެ ފުލުހުންނާއި ބޯޑަރު ގާޑުން މިހާތަނަށް އެ ހާދިސާއާ ގުޅުން ހުރި 20 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ