ޢަލީ އިޙްޞާން ފިރާޤް
އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާގެ ބަފައިކަލުން އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްތާބު ރަޟިޔަﷲ ޢަންހު މުސްލިމުންގެ ޚަލީފާއަކަށް ދިހަވަރަކަށް އަހަރު ހުންނެވިއިރު އެކަލޭގެފާނު ދިރިއުޅުއްވުން ހުރީ އެންމެ ފަޤީރު ނިކަމެތިންގެ ދިރިއުޅުއްވުން ހުރި ގޮތަށެވެ. ދުވަހަކުވެސް އެކަލޭގެފާނުގެ ގައިކޮޅުގައި މަޑުރަނގަޅު ފޭރާމެއް ތުރުނުކުރައްވައެވެ. ތުރުކުރައްވައިގެން ހުންނަ ހެދުންކޮޅު ހުންނަނީ ދިހަބާރަތަނުން ވީދިގެން ފޮތިއަޅާ ބައްދައިފައެވެ. ފަގުޑިކޮޅުވެސް ހަމައެފަދަމެއެވެ. ފައިވާން ޖޯޑުކޮޅުވެސް ހުންނަނީ ބާވެފައެވެ. ބޭރު ޤައުމުތަކުން އަންނަ ބޮޑެތި ބޮޑެތި ވަފުދުތަކާވެސް އެކަލޭގެފާނު ބައްދަލުކުރައްވަނީ މިހާލުކޮޅުގައި ހުންނަވައިގެންނެވެ.
އެއްފަހަރަކު ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނު ޢުމަރުގެފާނަށް ދެންނެވިއެވެ. އޭ މުއުމިނުތަކުންގެ އަމީރެވެ. މިހާރު الله ވަނީ މުސްލިމުންނަށް ތިޔާގިކަމާއި ފަސޭހަކަން ދެއްވައިފައެވެ. ރަސްރަސްކަލުންގެ ސަފީރުންނާއި ޢަރަބި ވަފުދުތައް ކަލޭގެފާނުގެ އަރިހަށް އެބަ އާދެއެވެ. ވީމާ ކަލޭގެފާނުގެ ދިރިއުޅުއްވުމުގެ އާދަތައް މިއަށްވުރެ ރަނގަޅުކޮށްލެއްވުން ކީއްތޯއެވެ.]
އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ހިތާމަ ހުއްޓެވެ. މުއުމިނުތަކުންގެ މައިކަނބަލުންކަމުގައި ތިޔަ ދެކަނބަލުން ވެވަޑައިގެން ތިއްބަވާ ދުނިޔޭގެ ޒީނަތްތެރިކަމަށް ބާރުއަޅުއްވަނީއެވެ. އޭ ޢާއިޝާއެވެ. ކަމަނާ ހަނދުމަފުޅު ނެތުނީތޯއެވެ. ކަމަނާގެ ގެކޮޅުގައި ހެނދުނު އިށީންދެވަޑައިގަތުމަށް ފަތުރުއްވާ ރަޖާކޮޅު ރޭގަނޑުވުމުން ނަންގަވައި އޭތި ގައިކޮޅުގައި ލައްވައިގެން އަވަހާރަފުޅު ލައްޕަވަމުއެވެ.] އޭ ޙަފްޞާއެވެ. ކަމަނާ އެއްފަހަރަކު މާތް ރަސޫލާގެ ރަޖާކޮޅު ދެފަތްޖައްސަވައިލައްވައިފައި މާތް ރަސޫލާ އަވަހާރަފުޅު ލެއްޕެވުމަށްޓަކައި ފެތުރުއްވީމުއެވެ. އޭގެ މަޑުކަމުގެ ސަބަބުން މާތް ރަސޫލާ އެރޭ އެއްކޮށް އަވަހާރަފުޅު ލެއްޕެވިއެވެ. ރޭގަނޑުގެ އަޅުކަމަށް ތެދުވެވަޑައެއް ނުގެންނެވުނެވެ. ބިލާލުގެފާނު އެރޭ ފަތިސް ނަމާދަށް ބަންގި ގޮވައިލެއްވުމުން އެކަލޭގެފާނު ތެދުވެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. އޭ ޙަފްޞާއެވެ. ރޭގައި ކަމަނާ ފެތުރުއްވި ރަޖާގެ ސަބަބުން ތިމަންކަލޭގެފާނު ނަމަދާފުޅަށް ތެދުވެވަޑައިގެންނެވުމުން އެއްކިބާ ކޮށްފިއެވެ. ތިމަންކަލޭގެފާނަށް ދުނިޔޭ އަރާމާ ފަސޭހަތަކާ ކޮންކަމެއް ހެއްޔެވެ.]
އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްތާބު ރަޟިޔަﷲ ޢަންހު ތުރުކުރައްވާ ހެދުންކޮޅު އެތައްތަނަކުން ވީދިގެން ބައްދައިފައިވާތަން ފެނިވަޑައިގެން އެކަމާ އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ އެކަލޭގެފާނާ ވާހަކަފުޅު ދެއްކެވުމުން ވިދާޅުވިއެވެ. [އޭދަރިފުޅާއެވެ. މިއަށްވުރެ އިތުރަކަށް މުސްލިމުންގެ މުދަލުން ބައްޕާއަކަށް އެއްޗެއް ނަގާކަށް ނުކެރޭނެއެވެ.]
އެއްފަހަރަކު އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްތާބު ރަޟިޔަﷲ ޢަންހު ގެ އަރިހަށް ވަރަށް ގިނަ ޣަނީމާ މުދާތަކެއް ގެނެވުނު ޚަބަރު ލިބިވަޑައިގެން ޙަފްޞަތުގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މުއުމިނުތަކުންގެ އަމީރެވެ. މީގައިވާ އަޅުގަނޑުގެ ޙައްޤު ދެއްވާށެވެ. އަޅުގަނޑަކީ ذَوِیالْقُربیٰ ގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭގެ ފުރިހަމަ ޙައްޤުވެރިއަކީމެވެ.] ޢުމަރުގެފާނު ވިދާޅުވިއެވެ. [އޭ ދަރިފުޅާއެވެ. ދަރިފުޅުގެ ޙައްޤުވަނީ ބައްޕަގެ މުދަލުގައެވެ. ދަރިފުޅު ތިޔަ އުޅެނީ ބައްޕައަށް ކެއްސެއް ދޭންކަމަށްތާއެވެ.] މިއަޑު އައްސަވައި އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ލަދުފުޅުން ވަޑައިގެންފިއެވެ.
އެހެން ފަހަރަކު ޢުމަރުގެފާނުގެ އަރިހަށް ޙަފްޞަތުގެފާނު ވަޑައިގެން އެކަލެގެފާނު ރަނގަޅު ތަކެތި ފަރީއްކުޅުއްވުމާއި މަޑުފޭރާން ތުރުކުރެއްވުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އެހެނީ އޭރު މުސްލިމުންގެ މައްޗަށް މުދަލާއި އެތައް ފަސޭހަތަކެއް ދެއްވުމުގައި الله ވަނީ ދީލަތިވެވޮޑިގެންފައެވެ. ޢުމަރުގެފާނު އެކަމަނާގެ ވާހަކަފުޅުތައް އަޑުއައްސަވާ ވިދާޅުވިއެވެ. [އޭ ލޯބިވާ ދަރިފުޅާއެވެ. މާތް ރަސޫލާ އުޅުއްވި ދަތިހާލުކޮޅާއި ފަޤީރުކަން ދަރިފުޅު ހަނދާން ނެތުނީހެއްޔެވެ. الله ގަންދީ ބުނަމެވެ. އަހަރެން އަހަރެންގެ ސާހިބާގެ އެންމެހައި ފިޔަވަޅުފުޅުތަކަކަށް ތަބާވާނަމެވެ. އާޚިރަތުގެ ބާއްޖަވެރިކަން ހުރީ އެކަލޭގެފާނަށް ތަބާވުމުގައެވެ.] އެއަށްފަހު އެކަލޭގެފާނު މާތް ރަސޫލާ ދިރިއުޅުއްވި ދަތިހާލުކޮޅުގެ ވާހަކަ ވިދާޅުވާން ފެއްޓެވިއެވެ. އެވާހަކަތަކުގެ ދިގުކަމާއި އަސަރުގަދަކަމުން ޙަފްޞަތުގެފާނަށް ގިސްލައްވަލައްވައިފައި ކީރިތި ކުރެއްވެން ފައްޓަވައިފިއެވެ.
އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްތާބު ރަޟިޔަﷲ ޢަންހު ރޭގަނޑުގެ ވަގުތުގައި މަދީނާގެ މަގުމަތީގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށް އަންހެނަކު ވަރަށް ވޭނާއެކު އޭނާގެ އުދާސްތައް ޅެމެއްގެ ޒަރިއްޔާއިން ބޭރުކުރަމުން ގެންދާ އަޑުއިވިވަޑައިގެންނެވިއެވެ. އެޅެމުގައިވަނީ އޭނާގެ އެކަނިވެރިކަމުގެ ވާހަކައާއި ފިރިމީހާ މަތިން ހަނދާންވާ ވާހަކައެވެ. ހަވާނަފުސަށް ތަބާވެ ޒިނޭކުރެވިދާނެކަމަށް ބިރުން އެކުލަވައިލައިފައިވާ ބަސްތަކެވެ. ޢުމަރުގެފާނު އެ އަންހެންމީހާގެ ކުރެ އެހުމުން އެނގުނީ އޭނާގެ ފިރިމީހާވީ ޖިހާދުގައި ކަމަށެވެ. އެހެންކަމުން ޢުމަރުގެފާނު އޭނާގެ ފިރިމީހާއަށް ލިޔުއްވައިގެން މަދީނާއަށް ގެންނެވިއެވެ. އެއަށްފަހު އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ގެ އަރިހަށް ވަޑައިގެން އަނބިމީހާއަށް ފިރިމީހާއާ ނުލާ ހުރެވޭނީ ކިހާ މުއްދަތެއްގައިތޯ ސުވާލުކުރެއްވިއެވެ. އެކަމަނާ ޖަވާބު ދެއްވިއެވެ. ހަމަސްދުވަހުއެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ހަތަރު މަސްދުވަހުއެވެ. ދެން ޢުމަރުގެފާނު އާއްމު އިއުލާނެއް ކުރެއްވިއެވެ. އެއްވެސް މުޖާހިދަކު އަނބިމީހާއާވަކިން ހަމަސްދުވަހަށްވުރެ ގިނަ ދުވަސްވަންދެން ރަށުންބޭރުގައި ޖިހާދުގައި ނޫޅުމަށެވެ.
ހިޖްރައިން 23 ވަނަ އަހަރުގެ ތެރޭގައި އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްތާބު ރަޟިޔަﷲ ޢަންހު ފަތިސް ނަމާދުފުޅަށް ހުންނަވަނިކޮށް އަބޫލުއުލުއު މަޖޫސީ އެކަލޭގެފާނަށް ހަމަލަދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލިއެވެ. ބަނޑުފުޅަށް ލިބިވަޑައިގެންނެވި ޒަޚަމުގެ ބޮޑުކަމުން ކިރުފޮދެއް ހިއްޕަވަން އެރުވުމުންވެސް ހިއްޕެވި ކިރުފޮދުވެސް އެ ޒަޚަމުގެތެރެއިން ލައިފައި ފޭބިއެއެވެ. ބައްޕާފުޅު ޒަޚަމްވެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންނެވުމުން އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ގެ ހިތްޕުޅު ކުދިކުދި ވި ކަހަލައެވެ. ކީރިތި ކުރައްވަމުން އަވަސްއަވަހަށް ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަމަނާގެ ހިތާމަފުޅުގައި ބައިވެރިވުމުގެ ގޮތުން މަދީނާގެ އަންހެންވެރިންވެސް އެކަމަނާއާއެކުގައި ދިޔައެވެ. ބައްޕާފުޅުގެ ހާލުކޮޅު ފެނިވަޑައިގެން އެކަމަނާއަށް މާބޮޑަށް ކީރިތި ކުރެއްވެންފެއްޓެވިއްޖެއެވެ. އެހިނދު ޢުމަރުގެފާނު އެކަމަނާއަށް ހިތްވަރުދެއްވައި ކީރިތި ކުރެއްވުން ހުއްޓަވައިލެއްވުމަށް އެންގެވިއެވެ.
ޙަފްޞަތުގެފާނު 07: ޢުމަރުގެފާނުގެ ޚިލާފަތުގައި ޙަފްޞަތުގެފާނުގެ ދިރިއުޅުއްވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ