ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން، މިސްޓަ ވޮންގް ޑޮންގްމިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުން ރާއްޖޭގެ އިގުތިސާދީ އަދި އިޖްތިމާޢީ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ޗައިނާއިން ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ބަދަހިކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރުވެސް ގުޅުން ގާއިމްކުރެވިފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.
އެގޮތުން ގެދޮރުވެރިކަމާއި މަސްވެރިކަމާއި އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ ފަހުމުނާމާތަކާއި، އެ ފަހުމުނާމާތަކުގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ގައުމުންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވޮންގް ޑޮންގްމިން ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރައްވާ ރައީސް މުއިއްޒު ޗައިނާއަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މި ދަތުރުފުޅުގެ ބޭނުންފުޅަކީ ދެ ގައުމާއި އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުންކަންވެސް ވޮންގް ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމު ގުޅިގެން ރާއްޖޭގައި މިހާރުވެސް ކުރިއަށްދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވޮންގް ދެއްވި އެވެ.
ރާއްޖެ-ޗައިނާގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ