ބޭސްފަރުވާއަށް ބިލިއަނުން: އެކަމަކު ފަރުވާ ލިބޭ ކަމަކަށް ނުވޭ, މިވަނީ ކިހިނެއް؟
މި ދޭތެރެއިން ޓިކްޓޮކުގައި ދިވެހި އަންހެނަކު ތަފުސީލާ އެކު ކިޔައިދެނީ ވަރަށް ސިއްހީ ހާލަތު ދަށްކޮށް އޮތް ދިވެހި ކުއްޖަކަށް އާސަންދައާއި އެންސްޕާއިން އެންމެ އެދެވޭ އެހީ ފޯރު ނުކޮށްދިން ވާހަކައެވެ. އެ ޕޯސްޓަށް މީހުން ކޮށްފައި ހުރި ކޮމެންޓްތަކުގައި ވަރަށް ބޮޑަށް އާސަންދައާއި އެންސްޕާ ގޯސްކޮށްފައި ހުއްޓެވެ. މިއީ ކިހިނެއް ހިނގާ ކަމެއްތޯ ބަލާލުމުގެ ޝައުގު އުފެދި, އެކި މަސްދަރުތަކުން މައުލޫމާތު އެއްކޮށްލިއިރު އެ އަންހެން މީހާ އެ ދެއްކީ މުޅިން ތެދު ވާހަކައެއް ނޫނެވެ. އެ ކުއްޖާގެ ފަރުވާގެ ކަންކަން އާސަންދައިގެ ތެރެއިން އޮތީ ވަރަށް ބޮޑަށް ހަމަޖައްސައިދީފައެވެ. އޭގެ ތެރޭގައި ރާއްޖޭން އެ ގައުމަކަށް ގެންދިއުމުގެ ޚަރަދާއި އެޑްމިޓްކޮށްގެން ހޮސްޕިޓަލުގައި ދޭން ޖެހޭ ފަރުވާގެ ޚަރަދު ވެސް ހިމެނެއެވެ. މީގެ އިތުރުން އެންސްޕާއިން ވެސް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ސޯޝަލް މީޑިއާއަށް ބަލާއިރު ބޭސްފަރުވާ ނުލިބިގެން ކޮށްފައި ހުންނަ ޝަކުވާ ވަރަށް ވެސް ގިނައެވެ. ހަމަ ސަލާން ޖަހަނީއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބާއްވާ ރައްޔިތު ބައްދަލުވުންތަކުގައި ވެސް އެ ޝަކުވާ ވަރަށް ބޮޑެވެ. އެތައް ބަޔަކު ބުނަނީ, ބޭހެއް ނުލިބެއޭ, ޑޮކްޓަރަކަށް ނުދެއްކެވޭ, އާސަންދަ ނުލިބެއޭއެވެ. ރަނގަޅު ފަރުވާއެއް ލިބެއޭ ބުނާ ހަމަ އެކަކާ ވެސް ދިމައެއް ނުވެއެވެ. https://www.sun.mv/206204 ނަމަވެސް، ތަފާސްހިސާބުތައް ބުނަނީ އެހެން ވާހަކައެކެވެ. އަހަރަކަށް ވުރެ އަހަރެއް ބޭސްފަރުވާއަށް ކުރާ ހޭދަ ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އާސަންދައަށް ހޭދަކުރަން ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް، އަހަރު ނިމުނުއިރު އޭގެ ހަތް ޕަސެންޓް އިތުރަށް ޚަރަދުކުރިއެވެ. އެއީ، 2.1 ބިލިއަން ރުފިޔާއެވެ. ހަމަ އެހެންމެ 2023 ވަނަ އަހަރު އާސަންދައަށް ވަނީ 2.11 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި އަހަރު ވެސް އާސަންދައަށް އެކަނި ވަނީ 1.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ. ބޭސްފަރުވާއަށް އެހީ ދެނީ އަދި ހަމަ އެކަނި އާސަންދައަކުންނެއް ނޫނެވެ. އެންސްޕާ މެދުވެރިކޮށް ވެސް އެތައް މިލިއަން ރުފިޔާއެއް ކޮންމެ މަހަކު ބޭސް ފަރުވާގެ ކަންކަމަށް އެބަ ހޭދަކުރެއެވެ. މި އަހަރަށް އެކަނި ބަލާއިރު ވެސް އެތައް ބައެއްގެ ފަރުވާއަށް އާސަންދައިގެ އިތުރުން އަދި އެންސްޕާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފިއެވެ. އެންމެ މީހަކަށް, މިލިއަނުން އެބަ ހޭދަކުރެއެވެ. މިއީ ހަގީގަތެވެ. އޭގެ ކުރިން ބައްޔެއް ވެއްޖެނަމަ ތީމުގެއަށް ބޭސް ސިޓީ ހިފައިގެން ދާން ޖެހޭޖެހުން ހުއްޓުވާލީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ތައާރަފުކުރެއްވި އާސަންދައާ އެކުއެވެ. ފުރަތަމަ އެ ޚިދުމަތް ތައާރަފުކުރެއްވީ ވަކި ލިމިޓްތަކަކާ އެކުއެވެ. ނަމަވެސް، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ އާސަންދަ, "ހުސްނުވާ އާސަންދަ"އަށް ބަދަލު ކުރައްވައިފައެވެ. އޭގެ ފަހުން އައި ހަމަ ކޮންމެ ސަރުކާރެއްގައި ވެސް, ކޮންމެ އަހަރަކު ވެސް ދައުލަތުން ރައްޔިތުންގެ ބޭސްފަރުވާއަށް ބިލިއަނުން އެބަ ހޭދަ ކުރެއެވެ. އެކަމަކު، ރަނގަޅު ޚިދުމަތެއް ލިބޭކަމަށް ގަބޫލުކުރާ ރައްޔިތަކު އެބަ އުޅޭ ހެއްޔެވެ؟ ސޯޝަލް މީޑިއާގައި އެހީއަށް އެދި, ސަލާން ޖެހުން ހުއްޓިއްޖެތޯއެވެ؟ ނޫޅޭނަމަ މި ބޮޑު ހޭދައިން ބައެއް އިސްރާފަކަށް އެބަ ވޭ ނޫންތޯއެވެ. ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ފޭރުނު މީހަކު ވަނީ ބަންދުކޮށްފައި --ސަން ފޮޓޯ/ އިބްރާހިމް ނާއިޝްނިޒާމު ގޯސް, މައްސަލައަކީ ކޮބާ؟ ހަމައެކަނި ފަސް އަހަރާ މެދު ވިސްނާ ސިޔާސީ މީހުންނަށް ހަގީގީ މައްސަލައާއި ހައްލު ނުފެންނާނެއެވެ. ނަމަވެސް، ފައިސާއަކީ ކަނޑުން ނަގާއެއްޗެއް ނޫނެވެ. ޚަރަދުކުރަން ވާނީ ދެކޮޅު ޖެހޭ ގޮތަކަށެވެ. މިހާރު ރާއްޖޭގައި ބޭސްފަރުވާ ދިނުމަށް ދައުލަތުން މި ކުރާ ހޭދަ ވެފައި މިވަނީ ދައުލަތަށް ބުރައަކަށެވެ. ބުރައަކަށް ވާތަނުގައި އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ބޮޑެވެ. މިހެންވާ ސަބަބުތައް ގިނައެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާ ވާހަކަދައްކާލުމުން އެނގުނު ގޮތުގައި, އާސަންދަ ނިޒާމަށް ޚަރަދު ބޮޑުވާ ގިނަ ސަބަބުތަކެއް އެބަވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ރަނގަޅު "ގޭޓްކީޕިން" ނިޒާމެއް ނެތީމައެވެ. ހަމަ ފުރަތަމަ ވެސް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި ބޭނުންހާ ޓެސްޓްތަކެއް ހެދޭ ގޮތަށް ނިޒާމު އޮތުމެވެ. އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި މި ކަންތައް ހައްލުކޮށްފައި އޮންނަނީ ރަނގަޅު, ޕްރައިމަރީ ކެއާގެ ނިޒާމަކުންނެވެ. މާނައަކީ އިމަޖެންސީ ކޭސްއެއް ނޫންނަމަ, ފުރަތަމަ ފަރުވާ ހޯދަން ދާން ޖެހޭނީ ޖެނެރަލް ޑޮކްޓަރުންގެ ކައިރިއަށެވެ. އެހެން ގޮސް ފަރުވާގެ ނިސްބަތް ބޮޑުވަމުން ދާނީ ޑޮކްޓަރުން ދޭ ލަފާގެ މަތިންނެވެ. އެންމެ ފުރަތަމަ ސްޕްޝަލިސްޓުންނަށް ދެއްކޭ އުސޫލެއް ނޯވެއެވެ. ދައުލަތުން ބޭސް ފަރުވާއަށް ކުރަން ޖެހޭ ހޭދަ ބޮޑުވާ އަނެއް ސަބަބަކީ ގިނަ ފަރުވާތަކެއް ހޯދަން ރާއްޖޭން ބޭރަށް ދާން ޖެހޭ ޖެހުމެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުވީއިރު, އެންމެ ހަތަރު ލައްކައެއްހާ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް އަދިވެސް މި ގައުމުގައި ނެތެވެ. އެހެންކަމުން ކިރިޔާ ވެސް ކަމެއްވާއިރަށް މި ޖެހެނީ ކޮންމެ ވެސް ގައުމަކަށް ދާށެވެ. އަވައްޓެރި ގައުމުތަކުން އެ ފައިދާ އެބަ ނަގައެވެ. ރާއްޖޭގައި އެތައް ހޮސްޕިޓަލެއް އަޅާހާ ފައިސާ ކޮންމެ އަހަރަކު ބޭރުގެ ހޮސްޕިޓަލްތަކަށް ހޭދަކޮށްކޮށް އަދިވެސް ސަރުކާރުތަކުން ތިބެނީއެވެ. އާސަންދައަށް އޮތް އަނެއް މައްސަލައަކީ ތަނަވަސް މީހެއް, ނިކަމެއްޗެއް ބެލުމެއް ނެތް ހަމަހަމަ އުސޫލެއް އޮތުމެވެ. ކިތަންމެ ތަނަވަސް މީހަކު ވެސް ހަމަ ނިކަމެތި މީހެކޭ އެއްވަރަށް އާސަންދައިން ޚަރަދުކުރެވެއެވެ. އެއްވެސް އެއްޗެއް އަތުން ދައްކަން ނުޖެހުމުގެ ނަތީޖާއަކަށް ވަނީ ބޭނުންނުވާ ވަރަށް ވެސް ބައެއް ހާލަތްތަކުގައި އާސަންދައިގެ ބޭނުން ކުރުމެވެ. އެކިއެކި ސަރުކާރުތަކަށް ބަލާއިރު ސިޔާސީ މީހުން, ޚާއްސަކޮށް އޭރަކު އޮންނަ ވެރިކަމެއް މަޖިލީހުގައި ތަމުސީލު ކުރާ މެންބަރުންގެ ނުފޫޒުން އާސަންދައިގެ ތެރެއިން އެކިއެކި މީހުންނަށް ކުރާ ބޮޑު ހޭދައަކީ ވެސް މި ނިޒާމު އަގު ބޮޑުވެފައިވާ އެއް ސަބަބެވެ. މިހާރު މި ނިޒާމު މި ހިންގަނީ މިކަން ކުރަން ހެޔޮވާނެ ވެސް އުސޫލަކުން ނޫނެވެ. އިސްރާފާއި ޚަރަދު މާ ބޮޑީއެވެ. އަނެއްކޮޅު ބޮޑު ޚަރަދުކުރާއިރު ވެސް ފަރުވާ ނުލިބޭކަމުގެ ޝަކުވާތަކަށް ނިމުމެއް ނާދެއެވެ. އެހެންކަމުން މި ނިޒާމަށް ބަދަލެއް މުހިންމެވެ. ދުނިޔޭގެ ގައުމުތަކުން މިސާލު ނަގަމާ! ކަންކަން ރަނގަޅު ކުރަން އެންމެ ފަސޭހަގޮތަކީ މޮޅެތި މީހުން, ނުވަތަ ކާމިޔާބު މީހުން އެކަން ކުރާ ގޮތަށް ބެލުމެވެ. އެހެންކަމުން މި ކަމުގައި ވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އަމަލުކުރާ ގޮތަށް ބެލުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެސްޓީއޯ ފާމަސީއެއް: ހަމައަށް ބޭސް ނުލިބޭ ޝަކުވާ މިހާރު ވަރަށް އާންމު -- ފޮޓޯ/ އެސްޓީއޯ ހެލްތުކެއާ ސޮލިއުޝަންސްމިކަމުގައި ވެސް ރާއްޖެއާ އެކު މިނިވަންކަން ލިބި އެއްވަނަ ދުނިޔޭގެ ގައުމަކަށް ބަދަލުކޮށްލާފައިވާ ސިންގަޕޫރަކީ މިސާލެކެވެ. ސިންގަޕޫރުގައި ހުރިހާ އެއްޗަކީ ހިލޭ ލިބޭނެ އެއްޗެއް ނޫނެވެ. ސިއްހީ ޚިދުމަތް ވެސް ހަމަ އެގޮތެވެ. އޭގެ ނަތީޖާއަކަށް ވަނީ އަމިއްލަ އަތުން ވެސް ޚަރަދެއް ކުރަން ޖެހޭތީ މީހުން ޚިދުމަތް ހޯދުމުގައި ޚަރަދަށް ބެލުމެވެ. ނަމަވެސް، އެ ގައުމުގައި ވެސް ސަރުކާރުން ފަގީރުންނާއި ނިކަމެތިންގެ ޚަރަދު ހިފައިދެއެވެ. އެކަމަކު، އެކަން ވެސް އޮންނަނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ތައިލޭންޑަށް ބަލާއިރު އެ ގައުމުގެ ސަރުކާރުން އެންމެ އިސްކަން ދޭ ކަމަކީ އެ ގައުމުގެ ހޮސްޕިޓަލްތަކާއި ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމެވެ. އާއްމުން ދިރިއުޅޭ ހިސާބާ ކައިރިން ފަރުވާ ލިބެން ހުރެއެވެ. ނަތީޖާއަކީ ބޭސްފަރުވާގެ ކަމަކު، އެ ގައުމުން ބޭރަށް ދާން ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ކެނެޑާއަށް ބަލާއިރު އެ ގައުމުގެ ސިއްހީ ކަންކަމުގައި ގޮތް ނިންމަން ތިބެނީ ސިޔާސީ މީހުންނެއް ނޫނެވެ. ދައުލަތުން ބޮޑު ހޭދައެއް ރައްޔިތަކަށް ކޮށްދޭނަމަ އެކަން ނިންމަނީ މިނިވަން މެޑިކަލް ބޯޑަކުންނެވެ. އޭގެ ނަތީޖާއަކީ ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ފުރުސަތު ކުޑަކުރުމެވެ. އުތުރު ޔޫރަޕްގެ ގައުމުތައް ކަމަށްވާ ސްވިޑެންއާއި ޑެންމާކަށް ބަލާއިރު, ވަރަށް ތަނަވަސް އެ ގައުމުތަކަކީ ރައްޔިތުންގެ ވެލްފެއާއަށް ވަރަށް ބޮޑު ހޭދައެއް ކުރާ ގައުމުތަކެވެ. އެކަމަކު، އެކަން އެ ގައުމުތަކުން ކުރަނީ ވަރަށް ރަނގަޅަށް ތަފާސްހިސާބުތައް ބަލަހައްޓައިގެންނެވެ. އެއަށް ބަލައި ޚަރަދު ބޮޑުވާ ދާއިރާތައް އިސްލާހުކުރެއެވެ. ފައިސާ ޚަރަދު ކުރާ ގޮތުގެ ތަފުސީލުތައް ގަވާއިދުން ހާމަކުރެއެވެ. ރާއްޖެއަށް އޮތް ހައްލަކީ ކޮބާ؟ މި ސަރުކާރުން ވެސް އާސަންދައާއި ސަޕްސިޑީތައް ރިފޯމްކުރާ ވާހަކަ ވަރަށް ދެއްކިއެވެ. ހުރިހާ ބާރުތަކެއް ސީދާ ރައީސްގެ އަތްޕުޅުގައި އޮތީމާ އެކަން ކުރައްވަން ބޭނުންފުޅު ނަމަ ވަރަށް ފަސޭހައިން ކުރެވެން ވެސް އެބައޮތެވެ. އެކަމަކު، ކުރައްވަން އުޅޭ މަންޒަރު ދެއްކެވުމަށް ފަހު، މިހާރު ވަނީ އެކަން ހުއްޓާލައްވައިފައެވެ. އެކަމަކު، ހަގީގަތަކީ ރާއްޖޭގެ މި ނިޒާމަށް ބަދަލުތަކެއް ބޭނުންވާ ކަމެވެ. އެންމެ ފުރަތަމަ ގެންނަން ޖެހޭ އެއް ބަދަލަކީ ސީދާ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އެންމެ ފުރަތަމަ ވެސް ދައްކައިގެން ޓެސްޓް ހެދުމާއި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ހޭދަ މަދު ކުރުމެވެ. އެކަން ހައްލު ވާނީ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ރަނގަޅުކޮށްގެންނެވެ. އިމަޖެންސީ ނޫންނަމަ ފުރަތަމަ ދައްކަންވާނީ އާއްމު ބަލިތަކުގެ ޑޮކްޓަރަކަށެވެ. ފަރުވާއިން އިތުރަށް ކުރިއަށް ދާނީ އެ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ. އެޕްރޫވްޑް ޑްރަގް ލިސްޓެއްގައި ބޭސްތަކެއް އެތެރެކުރުމުގެ ހުއްދަ ދީފައި އޮތަސް، ރާއްޖޭގައި ބޭސް ޓެސްޓުކުރެވޭނެ ނިޒާމެއް ނެތެވެ. -- ސަން ގެރެފިކްސް/ އިބްރާހިމް ފަހީމްދެން އޮތް އަނެއް ކަމަކީ ރާއްޖޭން ބޭރުން ފަރުވާ ހޯދަން ދައުލަތުން މި ކުރާ ހޭދަ ކުޑަކުރުމެވެ. އެކަން ކުރެވެން އޮތީ އިޚުލާސްތެރިކަމެއް އޮވެގެންނެވެ. އެއީ ސިއްހީ އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު މި ގައުމުގައި ގާއިމުކުރުމެވެ. އެންމެ ހަތަރު ލައްކަ މީހުންގެ އާބާދީއަކަށް ބޭނުންވާ ފަރުވާ ނުދެވޭނަމަ އެއީ ޖޯކެކެވެ. ހަމައެހެންމެ އާސަންދައަކީ އިންޝުއަރެންސް ނިޒާމެއްގެ ގޮތުގައި ހިންގާ ނިޒާމަކަށް ހަގީގަތުގައި ހަދަން އެބަޖެހެއެވެ. ހަމައެއާއެކު އެންސްޕާގެ އެހީއަކީ ހަމައެކަނި ނިކަމެތިންނަށް އެކަނި ދޭ އެއްޗެއްކަން ޔަގީން ކުރަން އެބަޖެހެއެވެ. ހަމައެއާއެކު ވަކި ވަކި މީހުންނަށް ދޭ ބޭސް ފަރުވާގެ އެހީގެ މިންވަރު ކަނޑައެޅުމުގެ ބާރު ސިޔާސީ މީހުންގެ އަތުން އަތުލަން ޖެހެއެވެ. އޭގެ ބަދަލުގައި އެކަންކަން ނިންމަން ވާނީ ސިއްހީ ދާއިރާގެ މީހުން ހިމެނޭ ބޯޑަކުން ނުވަތަ ޓީމަކުންނެވެ. އޭރުން ތަފާތުކުރުން ހުއްޓޭނެއެވެ. އޭރުން ވެސް ލައްކަ ޚަރަދު ސަލާމަތް ކުރެވޭނެއެވެ. ހަމައެހެންމެ ސިންގަޕޫރުގައި އޮންނަ ގޮތަށް އާމްދަނީ ލިބޭ މީހުންގެ އަތުން ކޮންމެ ވެސް މިންވަރެއް ނަގާ ގޮތަށް އާސަންދަ ނިޒާމު ބަދަލުކުރަން ޖެހެއެވެ. އޭގެ ބަދަލުގައި ހިލޭ މުޅި އެ ޚިދުމަތް ދޭން ވާނީ ފަގީރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ފަދަ މީހުންނަށް އެކަންޏެވެ. މިހާ ޒަމާންވީއިރު އާސަންދައިގެ ދަށުން ބޭސް ވިއްކައިގެން, ހިތުހުރި އަގެއް ޖަހައިގެން ބޭސް ފިހާރަތަކުން އައީ ލައްކަ ފައިދާ ނަގަމުންނެވެ. މި ސަރުކާރުން ކޮންޓްރޯލް އަގުތަކެއް ބޭހަށް ކަނޑައެޅުމާ އެކު އެ ކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބިއްޖެއެވެ. ނަމަވެސް، ބޭހުގެ ކަންކަން އަދިވެސް ހަމަ މަގަށް އަޅުވަން ޖެހެއެވެ. އޭރުން ވެސް ދައުލަތުން ބޮޑު އެއްޗެއް ސަލާމަތްކުރެވޭނެއެވެ. ހަގީގަތަކީ، އެއްވެސް ހައްދެއް މިނެއް ނެތް ގޮތަށް ސިއްހީ ޚިދުމަތަށް ޚަރަދު މި ކުރާ ކުރުން ހުއްޓުމަކަށް އަންނަން ޖެހެއެވެ. އޭގެ ބަދަލުގައި ރާއްޖެއަށް ބޭނުންވަނީ ވަކި ކޮންޓްރޯލެއްގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް ދޭ, ވަރުގަދަ ސިސްޓަމެކެވެ. މިހާރު ނިޒާމު މިއޮތްގޮތުން ފަރުވާއެއް ލިބޭ ކަމަކަށް މީހަކު ނުހަދާ ތަނުގައި, ދައުލަތުން ބިލިއަނުން އެބަ ޚަރަދުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ