މިސްޓަ މޯލްޑިވްސް 2025 އާއި ކްލެސިކްގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)އިން މި އަހަރު ބާއްވާ މިސްޓަ މޯލްޑިވްސް 2025 އަދި ކްލެސިކް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ހަމަޖައްސައިފިއެވެ. ދެ މުބާރާތުގެ ޕާޓްނަރަކަށް ވުމަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްއެސް މީޑީއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެގެޓިވް އޮފިސަރު މުޙައްމަދު އާސިފް (މޮންދު)އެވެ. ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަޙްމަދު އައިމަނެވެ. މިސްޓަ މޯލްޑިވްސް 2025 މި އަހަރު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ރޭގަނޑެވެ. ހަމަ އެ ދުވަހުގެ ހަވީރު ބާއްވަނީ މިސްޓަ މޯލްޑިވްސް ކްލެސިކް، ނުވަތަ ދެވަނަ އެމޭޗާ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕެވެ. ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެސްއެސް މީޑިއާ އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އާސިފް ވިދާޅުވީ، މިއީ އެސްއެސް މީޑިއާއިން ބޮޑީބިލްޑިން ކަވަރުކުރާ ފުރަތަމަ ފަހަރު ކަމަށާއި މި ފުރުސަތު ދެއްވިކަމަށް ޓަކައި އެސޯސިއޭޝަނަށް ޝުކުރުދަންނަވާ ކަމަށެވެ. "ވީހާވެސް ރަނގަޅަށް މިކަން ކުރަން އަޅުގަނޑުމެން [އެސްއެސް މީޑިއާ]އިން ބޭނުންވޭ، މި ކޮމިޓްމަންޓް ދިނީ ގުޅުން ބަދަހިކުރަން ބޭނުންވާލެއް ބޮޑުކަމުން، މި އަހަރުގެ ތަޖުރިބާއާއެކު ކުރިއަށްއޮތް އަހަރު ވެސް އުންމީދަކީ މި ފުރުސަތު އެސްއެސް މީޑިއާއަށް ލިބިގެންދިއުން،" އާސިފް ވިދާޅުވިއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އައިމަން ވަނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެސްއެސް މީޑިއާއިން މި އެއްބަސްވުން ފައިނަލްކޮށްދިން ކަމަށް ޓަކައި ޝުކުރުއަދާކޮށްފައެވެ. އަދި އުންމީދަކީ ދިގު ޕާޓްނާޝިޕެއް ގާއިމުވުން ކަމަށްވެސް ވިދާޅުވިއެވެ. އެއްބަސްވުމުގެ ރަސްމިއްޔާތުގައި ސޮއިކުރެއްވުމަށްފަހު އައިމަން ވާހަކަދައްކަވަނީ-- ފޮޓޯ: އެސްއެސް މީޑިއާ "މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޕްރޮޕޯސަލްއަށް ރިކުއެސްޓުކޮށް ފައިނަލްކޮށްދިން ކަމަށްޓަކައި ޝުކުރު ދަންނަވަން، އަޅުގަނޑުމެން ވެސް އުންމީދުކުރަނީ އެސްއެސް މީޑިއާއާ އެކު ދިގު މުއްދަތުގެ ޕާޓްނަޝިޕަކަށް،" އައިމަން ވިދާޅުވިއެވެ. މި ދެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ތައިސޭ ކޮށީގައެވެ. ތައިސޭ ކޮށީގައި މި ދެ މުބާރާތާއެކު ވެއިޓްލިފްޓިން ޗެމްޕިއަންޝިޕާއި ޕަވާ ލިފްޓިން ޗެމްޕިއަންޝިޕުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވެއިޓްލިފްޓިން މުބާރާތް ބާއްވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު ވަގުތެއްގައެވެ. އަދި ޕަވާ ލިފްޓިން ޗެމްޕިއަންޝިޕު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހާއި ހަތް ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ