ބާސެލޯނާ ބަލިކޮށް ރެއާލުން އެއް ވަނައިގައި ލީޑުފުޅާކޮށްފި ބާސެލޯނާ ބަލިކޮށް ރެއާލުން އެއް ވަނައިގައި ލީޑުފުޅާކޮށްފި

މެޑްރިޑް (އޮކްޓޫބަރު 26) - ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވާދަވެރި އެއް ކުރިމަތިލުން ކަމަށްވާ "އެލް ކްލަސިކޯ" މެޗުގައި ބާސެލޯނާ 2-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި އޮތްް ރެއާލަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 10 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.
ރެއާލްގެ ދަނޑު ސަންޓިއާގޯ ބާނަބައުގައި ކުޅުނު މިރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަތުމަށެވެ. އެކަމަކު، އޭގެ 10 މިނިޓް ފަހުން، ޖޫޑް ބެލިންހަމް ދިން ބޯޅައަކުން އެމްބާޕޭ ވަނީ ލަނޑު ޖަހައި، ރެއާލަށް ލީޑުނަގައިދީފަ އެވެ.
ނަތީޖާ ހަމަހަމަކުރެވޭތޯ ބާސެލޯނާ އިން ކުރި މަސައްކަތް 38 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. މިއީ، މާކަސް ރެޝްފޯޑް ދިން ބޯޅައަކުން މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފާމިން ލޮޕޭޒް ޖެހި ގޯލެކެވެ. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލަށް މާ އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކުނެވެ.
މެޗުގެ 43 ވަނަ މިނިޓްގައި، ރެއާލަށް އަލުން ލީޑުނަގައިދިން ލަނޑު ޖެހީ އަނިޔާއިން ރަނގަޅުވެ، ތަފާތު ދައްކަމުން އަންނަ ބެލިންހަމް އެވެ. ބެލިންހަމް މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ އެޑާ މިލިޓާއޯ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ ރެއާލަށް ތިން ވަނަ ލަނޑެއް ޖަހައިދޭން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ބާސެލޯނާ ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.
ރެއާލުގެ ކޯޗު ޒަބީ އަލޮންސޯ ވަނީ މެޗުގެ 72 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާގެ ބަދަލުގައި ރޮޑްރީގޯ ކުޅެން އަރުވައިފަ އެވެ. ވިނީޝިއުސް ވަނީ އެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި، އިތުރު ވަގުތުގެ 10 ވަނަ މިނިޓްގައި ބާސެލޯނާގެ ޕެޑްރީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައިފަ އެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ ރެއާލްގެ އައުރެލިއަން ޗުއަމެނީ އަށް ކުރި ފައުލަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ