ބޭރުގެ ކޮލެޖަކުން ޕީއެޗުޑީއަށް ކިޔެވި ދަރިވަރުންތަކެއް، އެ މީހުންގެ ސެޓްފިކެޓް ގަބޫލުނުކޮށްގެން ކޯޓަށް ދިޔަ މައްސަލާގައި އެ ސަނަދު ގަބޫލުކުރުމަށް ހައި ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލާގައި ހިމެނޭ އެކަކަށް ބަދަލު ނަގައިދިނުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ސުޕްރީމް ކޯޓުން މިއަދު ހައި ކޯޓަށް އަންގައިފި އެވެ.
މައްސަލައިގެ ފެށުން - ސްރީ ލަންކާގެ އެއިމްސް ކޮލެޖުން، ފިލިޕީންސްގެ އަލްޑާސްގޭޓާ ގުޅިގެން ހިންގި ކޯހަކަށް 2016 ވަނަ އަހަރު އެމްކިއުއޭ އިން ހުއްދަ ދިނެވެ.
އެއިމްސް ކޮލެޖު ގަބޫލުނުކުރާކަމާއި އޯލްޑާސްގޭޓް ކޮލެޖުގެ ޕީއެޗްޑީ ޕްރޮގްރާމް ގަބޫލުނުކުރާކަން މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އަށް، ފިލިޕީންސްގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރާ ރަސްމީ އިދާރާ، 'ފިލިޕީންސްގެ ކޮމިޝަން އޮން ހަޔާ އެޑިއުކޭޝަން' އަންގަނީ މި ތިން ދަރިވަރުން ވެސް ކޮލެޖުގައި ކިޔަވަމުން ދަނިކޮށް، 18 ޖެނުއަރީ 2018ގަ އެވެ.
އެހެންވެ، އެ ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ރެކޮގްނިޝަން ލިޔުން ދޫކުރުން ކޮލިފިކޭޝަން އޮތޯރަޓީން އެ އަހަރުގެ ޖަނަވަރީ މަހު ހުއްޓާލި އެވެ. އެކަމަކު، އެ މުއްދަތުގެ ކުރިން އެ ޕްރޮގްރާމުގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ސަނަދު ވެލިޑޭޓުކޮށްދޭނެ ކަމަށް 29 މާޗު 2018ގައި ނިންމައި އިއުލާންކޮށްފައިވެ އެވެ.
މައްސަލަ ޖެހުނީ ކޮލިފިކޭޝަން އޮތޯރަޓީން ދިން އެ ޔަގީންކަމާ އެކު، ކިޔެވުން ފުރިހަމަކުރުމަށް ފަހު ސަަނަދު އެކްރިޑެޓް ކޮށްދިނުމަށް ހުށަހެޅުމުން އެ ސަނަދު ގަބޫލުކޮށްފައި ނުވާތީ އެވެ.
ވީ ކިހިނެއް؟ - އެ ސަނަދު ގަބޫލުކުރުމާއެކު ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކޮށްދިނުމަށް އެދި ތިން ދަރިވަރަކު ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން ނިންމީ ޕީއެޗްޑީ ގަބޫލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދަރިވަރުންގެ ފަރާތުން ހައި ކޯޓުގައި މި ނިންމުން އިސްތިއުނާފު ކުރުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭ ހައި ކޯޓުން ހުކުމްކުރީ ޕީއެޗްޑީ ބަލައިގަތުމަށެވެ.
ހައި ކޯޓުގެ މި ނިންމުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ކޮލިފިކޭޝަން އޮތޯރަޓީން ދިޔައީ އެ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގަ އެވެ.
ކޮލިފިކޭޝަން އޮތޯރަޓީން ބުނީ، އެ ޕީއެޗްޑީ ޕްރޮގްރާމަކީ ޕިލިޕީންސްގެ މަތީ ތައުލީމު ފެންވަރު ކަށަވަރުކުރާ ރަސްމީ އިދާރާ، ކޮމިޝަން އޮން ހަޔާ އެޑިއުކޭޝަނުން ބަލައިގަންނަ ޕްރޮގްރާމެއް ނޫން ކަމަށެވެ. އަދި ޕީއެޗްޑީ ފުރިހަމަކުރި ސްރީލަންކާގެ އެއިމްސް ކޮލެޖަކީ އެ ގައުމުގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަނުން ޕީއެޗްޑީއަށް ހުއްދަދީފައިވާ ތަނެއް ނޫން ކަމަށެވެ.
އޭގެ ރައްދުގައި މައްސަލަ ހުށަހެޅި ދަރިވަރުން ބުނެފައިވަނީ، ޕީއެޗްޑީ ދޫކޮށްފައިވަނީ އޭރު އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްކަން، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ޕީއެޗްޑީއަށް ކިޔަވަމުންދާ ދަރިވަރުންގެ ސަނަދު ބަލައިގަތުމާމެދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރަޓީން 20 މާޗު 2018ގައި ނިންމާފައިވާ ނިންމުމުން އެނގޭ ކަމަށެވެ.
ތަފްސީލް - ޕީއެޗްޑީ ގަބޫލުކުރަން އަންގައި ހައި ކޯޓުން ކުރި ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލުކުރީ އެ ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުން ބުނީ، އެ ސަނަދު ބަލައިގަތުމަށް ކޮލިފިކޭޝަން އޮތޯރަޓީއަށް ހައި ކޯޓުން އަންގާފައިވަނީ އެ އޮތޯރަޓީގެ މަގުސަދާއި މަސްއޫލިޔަތުތަކާ ފުށޫއަރާގޮތަށް ކަމަށެވެ.
އެކަމަކު، ސުޕްރީމް ކޯޓުގެ މި ނިންމުމުގައި ވަނީ:
މި މައްސަލަ ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަމްއޫން އާދަމް، ގދ. ތިނަދޫ/ޓްވިލައިޓް، އަށް ގެއްލުމުގެ ބަދަލުދޭންޖެހޭ ކަމަށް
ގެއްލުމުގެ މިންވަރު ކަނޑައެޅުމަށް އެބައި އަލުން ބަލައި ގޮތެއް ކަނޑައަޅަން ހައި ކޯޓަށް އަންގާފައިވޭ
ޝަމްއޫނަށް ބަދަލުދޭންޖެހޭ ކަމަށް ކަނޑައެޅީ، އޭނާ ޕީއެޗްޑީ ފުރިހަމަކުރީ، ކޮލިފިކޭޝަން އޮތޯރަޓީގެ 'ރެކޮގްނިޝަން އޮފް އަ ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް' ލިޔުން ހޯދައިގެން ކަމަށްވާތީ
ދެން މި މައްސަލާގައި ހިމެނޭ އަނެއް ދެ މީހުން ޕީއެޗްޑީ ފުރިހަމަކުރީ އެ ލިޔުން ހޯދައިގެން ކަމަށް ނުވާތީ، އެމީހުންނަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ކަނޑައެޅި
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ރިޔާސަތު ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި ވިދާޅުވީ، އެއިމްސް ކޮލެޖަކީ ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަނުން ގަބޫލުކުރާ ތަނެއް ނޫން ކަމަށެވެ. އަދި، ފިލިޕީންސްގެ އޯލްޑާސްގޭޓް ކޮލެޖަށް ޑޮކްޓޯރަކް ލެވެލްގެ އެއްވެސް ޕްރޮގްރާމެއް ހިންގަން ހުއްދަ ދީފައިނުވާއިރު، ކޮލިފިކޭޝަން އޮތޯރިޓީން ޕްރޮގްރާމް ބަލައިގަންނަ ކަމުގެ ލިޔުން ޝަމްއޫނަށް ދޫކޮށްފައިވަނީ ބަލަންވާ ވަރަށް ނުބަލާ ކަމަށް ޝަހީދު ވިދާޅުވި އެވެ. އަދި އޭގެފަހުން ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ ސަނަދު ބަލައިގަންނަން 2018ގައި ނިންމާފައިވަނީ ވެސް އެކަށީގެންވާ ވަރަށް ނުބަލާ ކަމަށް ވެސް ވިދާޅުވި އެވެ.
"ވުމާއެކު، ފްރޮގްރާމް ރެކޮގްނިޝަން ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރަޓީގެ ނިންމުމަކީ ބަލަންވާވަރަށް ނުބަލާ ދޫކޮށްފައިވާ ލިޔުމެއް އަދި ނިންމުމެއް ކަމަށްވާއިރު، އެ ނިންމުން އޭރު އަމަލުކުރަމުންދިޔަ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުސޫލާ ހިލާފުކަމުގައި ދެކެމެެވެ. އަދި އެ ލިޔުމަށް ނުވަތަ ނިންމުމަށް ރިއާޔަތްކޮށް އިސްތިއުނާފް ރައްދުވާ ފަރާތްތަކުން ޕްރޮގްރާމް ފުރިހަަމަކޮށް ހުށަހަޅާފައިވާ ސަނަދު ވެލިޑޭޓް ކުރެވިދާނެ ކަމަށް އަހުރެން ނުދެކެމެވެ." ޝަހީދުގެ ރައުޔުގައި ވެއެވެ.
ޕީއެޗްޑީ ބަލައިގަންނަން ކުރި އަމުރު ބާތިލުކޮށް، ސުޕްރީމް ކޯޓުން ހައި ކޯޓަށް އެންގީ އެކަކަށް ބަދަލު ނަގައިދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ