ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ގެ އިންޓަރނޭޝަނަލް އެކައުންޓް ފީޗަރ މިއަދު ދައްކާލައިފިއެވެ.
މި ފީޗަރއާއެކު ދިވެހި ކަސްޓަމަރުންނަށް 'އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު' ހިމެނޭ ބައިނަލްއަގުވާމީ އެކައުންޓެއް ހުޅުވައި، ބޭރު ގައުމުތަކުގެ ބޭންކުތަކުން ފަސޭހަކަމާއެކު ފައިސާ ލިބިގަތުމަށް މަގުފަހިވެގެންދާނެއެވެ.
ޑޮލަރު، ޔޫރޯ، އަދި ޕައުންޑުން އިންޓަރނޭޝަނަލް އެކައުންޓް ހުޅުވޭއިރު، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެކި ކަރަންސީތަކުން ފައިސާގެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޓްރާންސްފަރ ފުރިހަމަވުމާއެކު ވަގުތުން ކަސްޓަމަރުގެ ސްވައިޕް އެކައުންޓަށް ފައިސާ ޖަމާވާނެއެވެ. ސްވައިޕް މެދުވެރިކޮށް ކުރާ ޕަރސަން-ޓު-ޕަރސަން ޓްރާންސްފަރތަކަށް އެއްވެސް ފީއެއް ނުނަގާނެއެވެ.
މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، އިންޓަރނޭޝަނަލް ޕޭމަންޓްތައް ލިބޭ ގޮތް ހެދިގެން ދިއުމަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ކަމެއް ކަމުގައެވެ. މި ފީޗަރގެ ސަބަބުން ރާއްޖޭގެ ފްރީލާންސަރުންނާއި ވިޔަފާރިވެރިން ވަކިން ޚާއްސަކޮށް ރާއްޖޭން ބޭރާއި އެކި މުއާމަލާތްތައް ހިންގާ ވިޔަފާރިތަކާއި އެހެނިހެން ކަސްޓަމަރުންނަށްވެސް ބޮޑު ފައިދާއެއް ކުރާނެ ކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"މި ފީޗަރއާއެކު ކަސްޓަމަރުންނަށް މިހާރު މުޅިން އެހެން ގައުމެއްގައި ރަސްމީ ބޭންކް އެކައުންޓެއް ހުޅުވޭނެ މީގެ ސަބަބުން، ސްވައިޕް އަކީ ޑިޖިޓަލް މުޢާމަލާތްތަކަށް ބޭނުންކުރެވޭ ފުރިހަމަ އަދި ޝާމިލު ވަސީލަތެއްގެ ގޮތުގައި ހަރުދަނާވެ، މުޅި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށާއި އީޖާދީ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ހިތްވަރު ލިބިގެންދާނެ" މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
މި އަހަރުގެ ކުރީކޮޅު ތައާރަފްކުރި ސްވައިޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ އިތުރުވެފައެވެ. ފަސޭހަކަމާއެކު ފައިސާ ދެއްކޭ މި ޕްލެޓްފޯމަށް ކަސްޓަމަރުންގެ މެދުގައި އިތުބާރު އިތުރުވެ، މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ. މިހާރުވެސް 3،300 އަށްވުރެ ގިނަ ވިޔަފާރިން އަންނަނީ ސްވައިޕުން ފައިސާ ބަލައިގަތުމުގެ ޚިދުމަތްދެމުންނެވެ.
ބީއެމްއެލްއިން ސްވައިޕްގެ އިންޓަރނޭޝަލް އެކައުންޓްސް ފީޗަރ ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ