ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދައި، ރިވައިވަލް ސްޕޯޓްސް އިން ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ މުބާރާތްތަކަށް އެނބުރި އައުން ވަރުގަދަކޮށްފި އެވެ.
މިއީ، މިދިޔަ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުގައި ވާދަކުރަން އެންޓްްރީ ހަދައި، ބައިވެރިވުން ޔަގީންކޮށްފައި އޮތް ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ވަނީ ބާކީކޮށްފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދީފަ އެވެ. އަދި، މިއީ އެ ފަހުން ބީޑަބްލިއުއެފް ލެވަލް މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިން އެނބުރި އައިސް ކުޅުނު ފުރަތަމަ ފަހަރެވެ.
މިކްސް ޑަބަލްސް ފައިނަލުގައި، ރިވައިވަލްގެ ފާތިމަތު ނަބާހާ (ނަބާ) އާއި ޒަޔާން ޒަކީ ކުޅުނީ މިސްރުގެ އިއްޒަތު ކަރީމް އާއި ނޫރު އަހުމަދުގެ ޕެއާއާ އެވެ. އެ މެޗުން މޮޅުވީ، 21-18، 22-20 އިންނެވެ. މިއީ، ބީޑަބްލިއުއެފް މުބާރާތްތަކުގައި ޒަޔާން އާއި ނަބާގެ ޕެއާ އިން ކުޅުނު ތިން ވަނަ ފައިނަލެވެ. މީގެ ކުރިން، 2019 ވަނަ އަހަރު ޕާކިސްތާނުގައި، ރަން މެޑަލް ހޯދިއިރު، މިދިޔަ އަހަރު ބޮޓްސްވާނާގައި ވަނީ ރިހި މެޑަލް ލިބިފަ އެވެ.
އަންހެން ޑަބަލްސް ފައިނަލުގައި، ނަބާހާ އާއި އައިމިނަތު ނަބީހާ (ނަބީ) ވަނީ، ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒް އަތުން 21-16، 21-14 އިން ބަލިވެފަ އެވެ. އެއާ އެކު، ރިހި މެޑަލް ނަބީ އާއި ނަބާ އަށް ލިބުނުއިރު، މިއީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި މި ޕެއާ އިން ހޯދި 13 ވަނަ މެޑަލް އެވެ. އެ ގޮތުން، ނަބީ އާއި ނަބާގެ ޕެއާ އިން ވަނީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި، ހަތަރު ރަން މެޑަލް، ހަތަރު ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.
ރިވައިވަލް އިން ދެން ވާދަކުރާނީ، މި މަހު 20-23 އަށް ކުރިއަށްދާ ބޮޓްސްވާނާ އިންޓަނޭޝަނަލާއި މި މަހު 27-30 އަށް ސައުތު އެފްރިކާގައި ބާއްވާ އަކުއާސްޕްރިންގްސް ސައުތު އެފްރިކާ އިންޓަނޭޝަނަލްގަ އެވެ.
ރިވައިވަލް އިން ޒެމްބިއާ މުބާރާތުން ރަން މެޑަލަކާއި ރިހި މެޑަލެއް ހޯދައި އެނބުރި އައުން ވަރުގަދަ ރިވައިވަލް އިން ޒެމްބިއާ މުބާރާތުން ރަން މެޑަލަކާއި ރިހި މެޑަލެއް ހޯދައި އެނބުރި އައުން ވަރުގަދަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ