މިފްކޯއިން ބުނަނީ ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވާ މުއާޒަށް މިވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް މިފްކޯއިން ބުނަނީ ކޮރަޕްޝަނުގެ ތުހުމަތު އަމާޒުވާ މުއާޒަށް މިވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް

މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ވަޒީފާ އަދާ ކުރިއިރު، ރިޝްވަތު ހޯދަން މަސައްކަތް ކުރިކަމުގެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް މިވަގުތު އޭނާއާމެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް މިފްކޯއިން ބުނެފި އެވެ.
ރިޝްވަތަކަށް އެދުމުގެ ދައުވާ މުއާޒުގެ މައްޗަށް އުފުލައިދިނުމަށް އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. އެއީ ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓެއްގެ މަގާމުގައި މުއާޒް ހުރިއިރު ހިނގި ހާދިސާއެކެވެ.
މުއާޒުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން މިފްކޯއިން އެކަމުގައި ގާނޫނީ ލަފާ ހޯދާފައިވާނެ ކަމަށް އެ ކުންފުނީގެ ސީނިއާ މެނޭޖަރު ޕީއާރު، ޝިފްޒާ މުސްތަފާ ވިދާޅުވި އެވެ. ލަފާގައިވާ ގޮތުން މުއާޒަށް މިވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލައާ ގުޅިގެން މެނޭޖްމަންޓުން ވަނީ ގާނޫނީ ލަފާ ހޯދާފައި. ގާނޫނީ ލަފާ ލިބުނީ މުވައްޒަފާމެދު ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް މި މަރުހަލާގައި ނެތް ކަމަށް،" ޝިފްޒާ ވިދާޅުވި އެވެ.
އެކަމަކު، މުއާޒުގެ މައްސަލަ ގާތުން ބަލަމުންދާ ކަމަށާއި ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް އެ މައްސަލައިގައި އަމަލު ކުރަމުންދާނެ ކަމަށް ވެސް މިފްކޯއިން ބުނެ އެވެ.
"އަޅުގަނޑުމެން މިދަނީ ތި މައްސަލަ ޒިންމާދާރުކަމާއެކު ގާތުން ބަލަމުން. އަދި ކުންފުނީގެ ގަވަރނަންސް ޕޮލިސީތަކާއި ގާނޫނީ އިލްތިޒާމުތަކާ އެއްގޮތަށް އަމަލުކުރަމުން ދާނެ،" ޝިފްޒާ ވިދާޅުވި އެވެ.
މުއާޒުގެ މައްޗަށް ދައުވާކޮށްދޭން އެދުނީ 430 ކޭސް ސިނގިރޭޓު ރިއެކްސްޕޯޓް ކުރަން އަމިއްލަ ކުންފުންޏަކަށް ދިން ހުއްދައާ އެއްގޮތަށް ރިއެކްސްޕޯޓްކޮށްފައިނުވާ މައްސަލައިގައި، ރިޝްވަތު ދިނުމުން އެ ކުންފުންޏަށް ފަހިވާ ގޮތަށް މައްސަލަ ނިންމައިދޭން މުއާޒު ހުށަހަޅާފައިވާތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެ އެވެ.
"މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު އަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވޭ،" އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ