ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް، ބޭނުން ދާއިރާއަކުން ޕީއެޗްޑީ ހާސިލު ކުރުމަށް ސްކޮލަރޝިޕް ދެނީ

ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށް ބޭނުން ދާއިރާއަކުން، ޕީއެޗްޑީ ހާސިލު ކުރަން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ދިނުމަށް ނިންމަވައިފިއެވެ.
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވައިފައެވެ.
މިއަދު ސޯޝަލް މީޑިއާގައި ރައީީސް ވަނީ، މި ވައުދު ފުއްދަވައިދެއްވާކަން ރަސްމީކޮށް ހާމަކުރައްވައި، ޤުރުއާން ކިޔެވުމުގެ ގައުމީ މުބަރާތުގެ ތިން ބައިން ފަހުރުވެރި އެއްވަނަ ހޯދާ ފަރާތްތަކަށް ބޭނުން ގައުމަކުން، ޕީއެޗްޑީ ހާސިލު ކުރުމުގެ ފުރުސަތު ދޭނެކަމަށް ވިދާޅުވެފައެވެ.
”އެއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް.“ ރައީސް ވިދާޅުވިއެވެ.
މިގޮތުން މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމް ހާސިލް ކުރުމަށް ރައީސްގެ ހާއްސަ ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މުޅި މުބާރާތުން މި ތިން ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅިވިއެވެ.
ރައީސް ވިދާޅުވީ މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ ކަމަށެވެ.
އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ