އެންމެން އިންތިޒާރުކުރަމުން އައި ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ (ޔޫ-21) "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިއީ މި މުބާރާތް ބާއްވާ ހަވަނަ ފަހަރެވެ. މި މުބާރާތުގައި ޖުމްލަ ހަ ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަކަށާއި، ހއ. އަތޮޅުގެ ތެރެއިން ދައުވަތު ދީގެން އަންނަ ތިން ޓީމަކަށެވެ. މިގޮތުން ދައުވަތު ދީފައިވާ ރަށްތަކަކީ ހއ. އުލިގަން، ހއ. މޮޅަދޫ، އަދި ހއ. އިހަވަންދޫއެވެ.
ޓީމުތަކަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހެވެ. އަދި ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 15 ވަނަ ދުވަހުގެ 00:00 އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ލިންކު މެދުވެރިކޮށް ފޯމު ފުރިހަމަ ކުރުމަށް އިންތިޒާމްކުރާ ފަރާތުން އެދެއެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގެ 21 އަހަރުން ދަށުގެ ފުޓްސަލް ކުޅޭ ޒުވާނުންނަށް މުބާރާތްކުޅެ، ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ. މީގެ އިތުރުން، ރަށުގެ ކްލަބް ޖަމިއްޔާތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކޮށް، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ވެސް މި މުބާރާތުން މަގުފަހިކޮށްދެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރު ބޭއްވި (2024) "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫ އެންވީކޭ ޓީމުންނެވެ.
ބައިވެރިވާ ޓީމުތަކަށް މުބާރާތުގެ ގަވާއިދުތަކާއި، އުސޫލުތަކާއި، އާމް ބެޖްތައް ހިއްސާކުރެވޭނީ ރަޖިސްޓްރީވުމަށްފަހުއެވެ. ހޯރަފުށީގެ ޒުވާނުންގެ މެދުގައި ފުޓްސަލްގެ ހުނަރު އިތުރުކޮށް، ގުޅުން ބަދަހިކުރުމަށް މި މުބާރާތަކީ ވަރަށް މުހިންމު ފުރުސަތެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ