ކޮޕް30 ސަމިޓް ކުރިއަށް ދަނިކޮށް އިމާރާތުގެ ބައެއްގައި އަލިފާން ރޯވެއްޖެ
އދ ގެ މޫސުމާބެހޭ ބައްދަލުވުން، ކޮޕް30 ކުރިއަށް ދަނިކޮށް އިމާރާތުން ބައެއްގައި އަލިފާން ރޯވެއްޖެއެވެ. ކޮޕް30 ބައްދަލުވުން ކުރިއަށް ދަނީ ބްރެޒިލްގެ ބެލެމްގައެވެ. އަލިފާން ރޯވުމުން އެ ސަރަހައްދުން ވަނީ މީހުން ހުސްކޮށްފައެވެ. އދ އާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ނިއްވާލާފައިވަނީ ރޯވިތާ ހަ މިނެޓް ފަހުންނެވެ. ދުން ބޯވުމުގެ ސަބަބުން ނޭވާލާން އުދަނގޫވެގެން 13 މީހަކަށް ފަރުވާ ދީފައިވާއިރު، އަލިފާން ރޯވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް މަންޒަރު ދުށް މީހަކު ބީބީސީއަށް ބުނީ ކަރަންޓުން އަލިފާން ރޯވީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަލިފާން ރޯވީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ދެން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު އެއްބަސްވުމަށް މަޝްވަރާކޮށް ގާތްގަނޑަކަށް ނިމެނިކޮށެވެ. ނަމަވެސް އަލިފާނުގެ ސަބަބުން މަޝްވަރާތަކަށް ވަނީ ބުރޫ އަރާފައެވެ. "އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ސީލިންގާ ހަމައަށް ދިޔަ. މީހުން ދިޔައީ ހަޅޭއްލަވަމުން." އަލިފާން ރޯވި ތަނާ ޖެހިގެން ވާހަކަ ދައްކަމުން ދިޔަ ޑރ ހަރްޝިތާ އުމޭޝް ބީބީސީ ނޫހަށް ބުންޏެވެ. މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ އުމޭޝް ބުނީ އެތަނުން ފުރަތަމަ އެރި ދުންގަނޑުގައި ވަރަށް ބޮޑަށް ވިހައިގެ އަސަރު ހުރި ކަމަށާއި އެސަރަހައްދުގައި އޭރު އުޅުނު މީހުންނަށް އޮކްސިޖަން މާސްކު ދީފައިވާ ކަމަށެވެ. އދ ގެ މޫސުމާބެހޭ މަޝްވަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވަމުންދާއިރު، އޭގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަފުދުތަކުގެ މެމްބަރުންވެސް ހިމެނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ކުރިއެރުން ހޯދޭނެ ގޮތަކާ މެދު ގާތްގަނޑަކަށް 200 ގައުމަކުން އެއްބަސްވާން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އދ ން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ