ޒިންމާދާރުކަން ކުޑަ ނިންމުންތަކުގެ ބުރަ ރައްޔިތުން އުފުލަން ޖެހިގެން ނުވާނެ: ޝާހިދު

ސަރުކާރުގެ ޓްރެޝަރީ ބޮންޑު ގަތުމަށް ފަސޭހަކޮށްދިނުމަށްޓަކައި ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ ޗާޕްކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާތީ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ކަންބޮޑުވެ ވަޑައިގަންނަވައެވެ.
އިޤްތިސާދީ ކުއްލި ނުރައްކަލުގެ ހާލަތެއްކަމުގައިވާ ކޮވިޑް19ގެ ހާލަތުގައި އާދަޔާ ހިލާފު ފިޔަވަޅުތަކެއް އެޅުމަށް ފައިސާ ޗާޕް ކުރުމުން ޖަވާބުދާރީވެވުނު ނަމަވެސް، މި ފަހަރުގެ އެކަން ކުރުމަށް އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ޝާހިދު ވިދާޅުވެއެވެ. ކުރީގެ ހާރިޖީ ވަޒީރު ވިދާޅުވާ ގޮތުގައި އެކަށީގެންވާ ސަބަބެއްނެތި ފައިސާ ޗާޕްކުރުމަކީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ޓްރެޝަރީ ބޮންޑު ގަތުމަށް ފަސޭހަކޮށްދިނުމަށް ޕެންޝަން ފަންޑަށް ވިޔަސް ފައިސާ ޗާޕްކޮށްދީފިނަމަ އަގުތައް އުފުލި، ރުފިޔާގެ އަގު ދަށްވެ، އަދި ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވާނެ ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއެވެ. ނަތީޖާއެއްގެ ގޮތުން އިގުތިސާދީ ހަމަޖެހުމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުއެވެ.
ފައިސާ ޗާޕްކުރުމުގެ އަމަލަކީ ފިސްކަލް ރެސްޕޮންސިބިލިޓީ ގާނޫނުން ކަނޑައަޅާފައިވާ މާލީ ހަމަތައް ބޮއްސުންލާނޭ ކަމެއް ކަމުން އެކަމަކީ އޮތް ބިރުވެރި ކަމެއް އެކަންޏެއް ނޫނެވެ. ގާނޫނާ ހިލާފު ކަމަކަށްވެސް ވެދާނެކަމަށް ޝާހިދު ފާހަގަ ކުރައްވައެވެ.
އިގްތިސާދު ރައްކާތެރިކޮށް ހަމަ މަގުގައި އަގުތައް ހިފެހެއްޓުމަށް އެމްއެމްއޭ އަށް އޮންނަ މެންޑޭޓް ދެމެހެއްޓުމަށާއި ފިސްކަލް އަދި ފައިސާގެ ކަންކަމުގައި އަމަލުކުރާ ގޮތަކުން ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން އިގުތިސާދު ރައްކާތެރި ކުރުމަށް އެމްއެމްއޭއަށް އެމްޑީޕީގެ ރައީސް ގޮވާލައްވައެވެ. ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ޒިންމާދާރުކަން ކުޑަ ނިންމުންތަކުގެ ބުރަ ރައްޔިތުން އުފުލަން ޖެހިގެން ނުވާނެ ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ