ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ތިންވަނަ މީހާ އަދިވެސް ނުފެނޭ

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދާ ތިންވަނަ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. ޖުމުލަ ހަތް މީހުންނާ އެކު، ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި "އަލްމާކް ފިޔަ" ކިޔާ އެ ކޮޅުވެއްޓިން ދަތުރުކުރި ހަތަރު މީހުން ވަނީ ސަލާމަތްކޮށްފައެވެ. ސިފައިންނާއި ފުލުހުން ގުޅިގެން އެ ހާދިސާގައި ގެއްލިގެން ހޯދަން ފެށީ ޖުމުލަ ތިން މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން މިހާތަނަށް ފެނިފައިވާއިރު، އެ ދެ މީހުން ވެސް ފެނުނީ މަރުވެފައި އޮއްވައި ކަނޑު އަޑިންނެވެ. އެއީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނާއި ބިދޭސީއެކެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ކޯސްޓުގާޑުން ހަރަކާތްތެރިވަނީ: މި ހާދިސާގައި ހޯދަނިކޮށް ފެނުނު ދެމީހުން ވަނީ މަރުވެފައި ---- ފޮޓޯ/ މެރިން ޕޮލިސް 'ސަން'އިން ސުވާލުކުރުމުން މިއަދު އެމްއެންޑީއެފުން ބުނީ، އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު އަދިވެސް ނުފެންނަ ކަަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއީ، ވެސް ބިދޭސީއެކެވެ. ބަންޑުން ޖަހާލި ކޮޅުވެއްޓި ވަނީ އަޑިއަށް ގޮސްފައެވެ. އަދި، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، އިއްޔެ ވަނީ ކަނޑު މަތީގެ އިތުރު ހާދިސާއެއް ހިނގާފައެވެ. އެގޮތުން، މާލެއިން ޅ. ނައިފަރަށް ދަތުރުކުރި "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ވަނީ އަޑިއަށް ގޮސްފައެވެ. ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ނައިފަރަށް ވަނީ ގެންގޮސްދީފައެވެ. https://sun.mv/212753 އެ ބޯޓު އަޑިއަށްދިޔައިރު، ހާދިސާއާ ގުޅޭ މާ ގިނަ ތަފުސީލެއް ސިފައިން ނުދެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ