މަޝްރޫއުތައް ހުއްޓަން ވެއްޖެ، ދެން އަންނަ ރައީސަކު ވައުދުވާންވީ "މަޑުޖެހިލަން": ނަޝީދު
މަޝްރޫއުތައް ހުއްޓާލަން ވެއްޖެ ކަމަށާއި ދެން އަންނަ ރައީސްކަމަށް ކެމްޕެއިން ކުރައްވާ ބޭފުޅަކު ވައުދުވެވަޑައިގަންނަވަންވީ "މަޑުޖެހިލަން" ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ތަރައްގީއާއި، މާލީ ކަންކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިފަހުން ގިނަ ޚިޔާލުތަކެއް ލިޔުއްވަމުން ގެންދަވާ ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތަރައްގީގެ ނަމުގައި ހިންގާ އުމްރާނީ މަސައްކަތްތައް ހަތަރު ފަސް އަހަރަށް ހުއްޓާލުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ކުރިއަށް އޮތް އިންތިޚާބުތަކުގެ ޝިއާރަކަށް ވާންވީ، "އިހަށް މަޑުކޮށްލާ" ކަމަށާއި ދެން ވެރިކަމަށް އިންތިޚާބުވާ ރައީސަކު ވައުދުވާންވީ މަޝްރޫއުތައް ހިންގުމުގައި "މަޑުޖެހިލަން" ކަމަށް ނަޝީދު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/1979150157284286783 ނަޝީދު ވިދާޅުވީ، ހަމައެކަނި ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓުން ޚަރަދުކޮށްފައި ބާކީ ފައިސާ ހުރެ، ދައުލަތުގެ ރިޒާވް އިތުރުކޮށް، ދަރަނި ކުޑަ ކުރެވިގެން ކަމަށެވެ. އަދި، ދިވެހީންނަކީ "ތަންދޮރު ދަންނަ" ހޭލުންތެރި ބައެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރަށް ނިސްބަތްވާ ސުޕަމެޖޯރިޓީ މަޖިލީހަކާއެކު ފާސްކުރި ފުރަތަމަ ބަޖެޓު މި އަހަރަަށް ފާސްކުރިއިރު އެއީ 56 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ނަމަވެސް ބަޖެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕީއެސްއެއައިޕީ މަޝްރޫއުތަކަށް 12 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތަސް، އެންމެ ފަހުން ޚަރަދުތަކުގެ ހިސާބުތައް އާންމުކުރި ތާރީޚުކަމަށްވާ ނިމިދިޔަ މަހުގެ 18ވަނަ ދުވަހާ ހަމައަށް ހޭދަކުރީ 7.1 ބިލިއަން ރުފިޔާއެވެ. ގިނަ ރަށްތަކެއްގެ ރައްޔިތުން، މަޝްރޫއުތައް ނުހިނގާތީ އެކަމުގެ ޝަކުވާ ކުރަމުން އަންނައިރު، ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރަކީ މަޝްރޫއުތައް ނިމޭނެ ދެ އަހަރުކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެ މަނިކުފާނު ގެންދަވަނީ ގިނަ ރަށްތަކެއްގައި މަޝްރޫއުތައް ފައްޓަވައި ވެސް ދެއްވަމުންނެވެ. އޭގެ ތެރޭގައި އެއާޕޯޓުތައް އެޅުމާއި، މަގުހެދުމާއި، ފްލެޓު އެޅުން ފަދަ ކަންކަން ހިމެނެއެވެ. https://sun.mv/212720 ދައުލަތުގެ ދަރަނީގެ ހާލަތާ ގުޅުވައި ކަންބޮޑުުވުން ފާޅުކުރައްވައި، މަޝްރޫއުތައް މަޑުޖައްސައިލަން ނަޝީދު ގޮވައިލެއްވިއިރު މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ވަނީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ އާ މަޝްރޫއުތަކަށް ހޭދަކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ