އާއްމު ވިޔަފާރިތަކުގެ ހާލަތު ރަނގަޅުވެ، ޖީއެސްޓީ ދައްކާ އަދަދު އިތުރުވާން ފަށައިފި

ހުސްވި އޮގަސްޓް އަދި ޖުލައިމަހު ދައުލަތަށް ބަލައިގަތް އާއްމު ޖީއެސްޓީގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލަންޑް އެންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ނެރެ އާއްމުކޮށްފައިވާ ދައުލަތުެގ ރެވެނިއު ސީރީޒްއަށް ބަލާއިރު، މިދިޔަ ދެމަހު އާއްމު ވިޔަފާރީގެ ހާލަތު ރަނގަޅުވަމުން އައުމާއެކު، އެ މުއްދަތުގެތެރޭގައި އާއްމު ޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދު ވަނީ އޭގެ ކުރީއާ އަޅާބަާއިރު އިތުރުވެފައެވެ. އެގޮތުން ހުސްވި އޮގަސްޓްމަހު އާއްމު ޖީއެސްޓީގެ ގޮތުގައި 473.2 މިލިއަން ރުފިޔާ ލިބުނުއިރު ޖުލައިމަހު 448.5 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. އޭގެ ކުރީ ޖޫންމަހު 367 މިލިއަން ރުފިޔާ ބަލައިގަތްއިރު މެއިމަހު ބަލައިގަނެފައިވަނީ، 396 މިލިއަން ރުފިޔާއެވެ.
އާއްމު ޖީއެސްޓީގެ އިތުރުން މިދިޔަ ދެމަހުގެ ތެރޭގައި ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ލިބުނު އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޮގަސްޓްމަހު ޓީޖީއެސްޓީގެ ގޮތުގައި 44.4 މިލިއަން ޑޮލަރު ބަލައިގަނެފައިވާއިރު، ޖުލައިމަހުގެ ތެރޭގައި ބަލައިގަނެފައިވަނީ، 40 މިލިއަން ޑޮލަރެވެ. 
މިއަހަރުގެ މިހާތަނަށް އާއްމު ޖީއެސްޓީގެ ގޮތުގައި ޖުމްލަ 3.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ވަނީ 484.7 މިލިއަން ޑޮލަރު ލިބިފައެވެ. 
މިއަހަރުގެ ފުރަތަމަ 8 މަސްދުވަސް ނިމުނުއިރު ދައުލަތުގެ ބައިތުލްމާލަށް އާމްދަނީގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީ އުޅެނީ 19.6 ބިލިއަން ރުފިޔާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ