މާލެ ސަރަހައްދަށް ހޭޒް ނުވަތަ ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވުން ބޮޑުވެފައިވާތީވެ އޮރެންޖް އިންޒާރު ނެރެ، ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ވައިގެ ކޮލިޓީ މޮނީޓާ ކުރާ އައިކިއުއެއާ ވެބްސައިޓުން ދައްކާ ގޮތުން މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ދަށްވެ، މިހާރު ހުރީ އޮރެންޖް އިންޒާރުގަ އެވެ. އެއާ ކޮލިޓީގެ މި އެލާޓަކީ، ސިއްހީ މައްސަލަތައް ހުންނަ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނޭދެވޭ ފުރުސަތު އޮތުމުން ނެރޭ އިންޒާރެކެވެ.
އެއާއެކު އިއްޔެ އެޗްޕީއޭ އާއި މެޓް އޮފީހުން ވަނީ މިކަމާ ގުޅޭ ގޮތުން ސަމާލުވުމަށް އެދި ޕޯސްޓެއް ކޮށްފަ އެވެ.
ތަފްސީލު - އެޗްޕީއޭއިން ބުނި ގޮތުގައި އޮރެންޖް އެލާޓުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އެ އިދާރާއިން ދިން އިރުޝާދަކީ:
ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުން
ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
އެއާ ޕިއުރިފައިއާ ބޭނުން ކުރުން
ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
ނާޒުކު ހާލަތުގައިވާ ފަރާތްތަކުގެ ގޮތުގައި ބަލަނީ، ތުއްތުކުދިން/ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުން އަދި އެލާޖީ މައްސަލަތައް ހުންނަ މީހުންނެވެ.
އައިކިއުއެއާ ވެބްސައިޓުން ދައްކާ ގޮތުން މާލެ ސަރަހައްދުގައި ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 42 މައިކްރޯގްރާމްގަ އެވެ. އެއީ، ޕީއެމް 2.5 ހުންނަން ޖެހޭ ރައްކާތެރި މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްބްލިއުއެޗްއޯއ)އިން ކަނޑައަޅައިފައިވާ މިންވަރުގެ 8.4 ގުނަ އިތުރު އަދަދެއް ކަމަށް އައިކިއުއެއާއިން ފާހަގަކޮށްފައިވެ އެވެ.
މެޓް އޮފީހުގެ ބަސް - އެ އިދާރާއިން އިއްޔެ ކުރި ޕޯސްޓުގައި ބުނީ ދުންފިނީގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަލަށް ސާފުކޮށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގައި ވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
މާލޭ ސަރަހައްދުގެ ވައި ނުސާފުކަން ބޮޑުވެ، އޮރެންޖް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ