ރަސްމީ ޔުނިފޯމަށް ގެނެވޭ ބަދަލުތައް މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ހަމަހަމަކަން އިތުރުކުން: އެޑިއުކޭޝަން

ސަރުކާރުގެ ހުރިހައި ސްކޫލެއްގެ ދަރިވަރުންގެ ޔުނިފޯމް އެއްގޮތް ކުރުމަށް ތަޢުލީމީ ވުޒާރާއިން ނިންމާފައިވާ ނިންމުމަކީ ތަޢުލީމީ ދާއިރާއަށް އަންނަ  ބޮޑު ބަދަލެކެވެ. 2027 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަން ފަށާ މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ޔުނިފޯމް ހޯދުމާއި ބެލެހެއްޓުމުގެ ކަންކަން ފަސޭހަ ކުރުމާއި، ދަރިވަރުންގެ މެދުގައި ހަމަހަމަކަން އިތުރުކުރުމެވެ. މި ބަދަލުތައް ގެނެސްފައިވަނީ ސްކޫލްތަކުގެ އިސްވެރިންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ރަސްމީ ޔުނިފޯމަށް ގެނެވޭ ބަދަލުތައް
އާ އުޞޫލުގެ ދަށުން، ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމުގެ މަތީ ބައި (ގަމީސް/ޓޮޕް) ހުންނަންވާނެ ކުލަތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހުދު، ’ސްކައި ބްލޫ’، ’ޓީ ގްރީން’، އަދި ’ލައިޓް ރެޑް‘ ކުލައިގެ ތެރެއިން އެއް ކުލައެއް ބޭނުންކުރެވޭނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެ ވުޒާރާގެ ކުލައާއި ޤައުމީ ދިދައިގެ ކުލަތަކަށް ނިސްބަތްވާ ގޮތަށެވެ.
ޔުނިފޯމުގެ ތިރީ ބައި (ފަޓުލޫނު/ސްކާޓް/ސޯޓު) ހުންނަންޖެހޭނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ގަދަ ކުލައެއްގައެވެ. މީގެ އިތުރުން، ރަސްމީ ޔުނިފޯމާއެކު ބޭނުންކުރާ ބުރުގާ ހުންނަންވާނީ ނޭވީ ބްލޫ، ރޯޔަލް ގްރީން، ޑާކް ރެޑް ނުވަތަ ހުދު ކުލައިގައެވެ. މި ބަދަލުތަކުގެ ސަބަބުން ޔުނިފޯމް ފަހާ ތަންތަނަށް ދަތިވުމުގެ ބަދަލުގައި، އެއް މިންގަނޑެއްގެ ތެރެއިން ޔުނިފޯމް ލިބުން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ގަބޫލު ކުރެއެވެ.
އެކްޓިވިޓީ ޔުނިފޯމުގެ އުޞޫލުތައް
ރަސްމީ ޔުނިފޯމުގެ އިތުރުން، ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެކްޓިވިޓީ ޔުނިފޯމުގެ މަތީ ބައި (ޓީޝާޓް) ހުންނަންވާނީ ނޫ، ފެހި، ރަތް، ނުވަތަ ސްކޫލްގެ ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. ނަމަވެސް، އެކްޓިވިޓީ ޔުނިފޯމުގެ ތިރީ ބައި (ސޯޓު/ޓްރެކްސޫޓް/ސްކާޓް) ހުންނަންވާނީ އެއްވެސް ޑިޒައިނެއް ނެތް ކަޅު ކުލައިގައެވެ. މިގޮތަށް ކަނޑައެޅުމުގެ ސަބަބުން އެކްޓިވިޓީ ޔުނިފޯމް ހޯދުމުގެ ޚަރަދު ކުޑަވެ، ބެލެނިވެރިންނަށް ލުއިފަސޭހަ ވެގެންދާނެއެވެ.
އަންހެން ދަރިވަރުން އެކްޓިވިޓީ ޔުނިފޯމާއެކު ސްކާޓް ލާނަމަ، އެ ސްކާޓް ހުންނަންވާނީ ކަޅު ކުލައިގެ، ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައިވާ ސްކާޓެކެވެ. އަދި ކަކުލާ ހަމައަށް ހުންނަންޖެހޭ މި ސްކާޓުގައި އެއްވެސް ލޯގޯއެއް ނުވަތަ އެހެން އެއްޗެއް ބޭނުމެއް ނުކުރެވޭނެއެވެ. ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވައި އެހެން ހުރިހައި އަންހެން ދަރިވަރުން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ޓައީ ބޭނުންކުރުމުގެ އުޞޫލުތައް
ޔުނިފޯމުގެ އެހެން ބައިތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ޓައީ ބޭނުންކުރުމުގެ އުޞޫލުތައް ވެސް ވަނީ ކަނޑައަޅާފައެވެ. ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުން ޓައީ އަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް، ކީ ސްޓޭޖް 3 އަދި 4 ގެ ދަރިވަރުން ޔުނިފޯމާއެކު ޓައީ އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. އެހެންނަމަވެސް، ކީ ސްޓޭޖް 5 ގެ ދަރިވަރުންނަށް ޓައީ އަކީ ޔުނިފޯމުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ޓައީ ބޭނުން ކުރެވޭނީ ސްކޫލު ކުލައިގެ އިތުރުން ނޫ، ފެހި، ރަތް ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި ޓައީގައިވެސް ބެޖު ހަރުކޮށްފައި ހުންނަންޖެހެއެވެ. މީގެ އިތުރުން، ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް 1 ގެ ފިރިހެން ދަރިވަރުން ކަކުލުން ތިރިއަށް ހުންނަ ކަޅު ސޯޓު ލާއިރު، އަންހެން ދަރިވަރުންނަށް ވެސް ވަކި އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުގެ ހުރިހައި ސްކޫލެއްގެ ޔުނިފޯމް އެއްގޮތް ކުރުމަށް 2027 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަން ނިންމާފައިވާ އާ އުޞޫލަކީ ދިވެހި ތަޢުލީމީ ނިޒާމަށް ލުއިފަސޭހަ ކަމާއި ހަމަހަމަކަން ގެނެސްދޭނެ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޔުނިފޯމް ހޯދުމުގެ ޚަރަދު ކުޑަވެ، ބެލެނިވެރިންނަށް ދިމާވާ ދަތިތައް ކުޑަވެގެންދާނެއެވެ. މި ބަދަލުތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި އެއްގޮތްކަން އިތުރުވެ، ސްކޫލްތަކުގެ މާޙައުލު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މި އުޞޫލު ފޮނުވާފައިވާއިރު، 2027 ގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހައި ސްކޫލަކުން ވެސް މި ބަދަލުތަކަށް ތައްޔާރުވުމަށް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ