ގުރޭޑު 4 އިން މަތީގެ އަންހެން ދަރިވަރުން ސްކާޓާ އެކު ހަރުވާޅު ލާން މަޖުބޫރު
ސްކޫލުތަކުގެ އާ ޔުނީފޯމުގެ އުސޫލުގައި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓް ލާން ބޭނުން ނަމަ ހަރުވާޅުލާން ޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ނެރެފައެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ދިރާސީ އަހަރުން ފެށިގެންނެވެ. މިނިސްޓްރީން މި އުސޫލު އެކުލެވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތް ކުރުމަށެވެ. އެއާއެކު ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. މި އުސޫލުގައިވާ ގޮތުން، ޔުނީފޯމާ އެކީ ސްކާޓު އެކަނި ލެވޭނީ ހަމައެކަނި ބޭބީ ނާސަރީން ފެށިގެން ތިންވަނަ ގުރޭޑާ ހަމައަށް ކިޔަވާ ދަރިވަރުންނަށެވެ. ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެއެވެ. އަދި، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓުމުގެ އިޙުތިޔާރު ދީފައިވެއެވެ. ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހުތިޔާރު ދީފައިވެއެވެ. އަދި، ސްކާޓުގެ ދިގުމިނުގައި ކަކުލުން ތިރިއަށް ދެ އިންޗި ހުންނައިރު އޭގެ ދަށުން ހަރުވާޅު ލާ ގޮތަށް ލާޒިމުކޮށްފައިވެއެވެ. ބުރުގާ އަޅާ ކުދިން ސްކާޓް ނުލާ ނަމަ، ބެގީ ނުކުރާ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ. އަދި، ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅަށްވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށް ކަމަށް ވެސް އާ އުސޫލުގައި ބުނެފައިވެއެވެ. މީގެ އިތުރުން ވެސް މިނިސްޓްރީން ބުނީ، ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ މިނިސްޓްރީގެ ކުލައާއި ގައުމީ ދިދައިގެ ކުލަތަކާ ގުޅުވުމަށް ކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ. އެ ބަދަލާ އެކު، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓު ކަމަށް މިނިސްޓްރީން ބުންޏެވެ. އެ އުސޫލުގައި ބުނެފައިވަނީ ސްކޫލުތަކުގައި ބޭނުންކުރާ ރަސްމީ ޔުނީފޯމުތަކުގެ މަތި (ގަމީސް ޓޮޕް/ގަމީސް) ހުންނަންވާނީ ހުދު، 'ސްކައި ބްލޫ'، 'ޓީ ގްރީން'ގެ އިތުރުން 'ލައިޓް ރެޑް' ކުލައިގައި ކަމަށެވެ. އަދި، ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫން/ސްކާޓް/ސޯޓު) ހުންނަންވަނީ ކަޅު ނުވަތަ ނޭވީ ބްލޫގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައި ކަމަށް އުސޫލުގައިވެއެވެ. ސްކޫލުތަކުގައި ރަސްމީ ޔުނީފޯމާ އެކު ބޭނުންކުރާ ބުރުގާ ހުންނަން ވާނީ ނޭވީ ބްލޫ ނުވަތަ ރޯޔަލް ގްރީން ނުވަތަ ޑާކް ރެޑް ނުވަތަ ހުދު ކުލައިގައެެވެ. ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން 2027 އިން ފެށިގެން ބޭނުންކުރަންޖެހޭ އެކްޓްވިޓީ ޔުނީފޯމުތަކުގެ މަތި (ޓީޝާޓް) ހުންނަންވާނީ ނޫ ނުވަތަ ފެހި، ރަތް އަދި ސްކޫލްގެ ކުލަ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި، އެކްޓިވިޓީ ޔުނީފޯމުގެ ތިރި (ސޯޓު/ޓްރެކްސޫޓް/ސްކާޓް) ހުންނަންވާނީ ކަޅު ކުލައިގައެވެ. އެކްޓިވިޓީ ޔުނީފޯމާ އެކު ތިރިއެއް ލާނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ، ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ. ސްޓޭޖު އެކެއް އަދި ދޭއްގެ ދަރިވަރުން ގަމީސް ހުންނަންވާނީ ދަށަށް ޖަހާފައެވެ. ބެޖު ހުންނަންޖެހޭނީ ޖީބުގައި ހަރުކޮށްފައެވެ. މި ދަރިވަރުން ޓައީ އަޅާކަށް ނުޖެހޭނެއެވެ. އަދި، ކީ ސްޓޭޖް ތިނަކާއި ހަތަރެއްގެ ދަރިވަރުން ޔުނީފޯމާއެކު ޓައި އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. އެހެންނަމަވެސް ކީ ސްޓޭޖް ފަހެއްގެ ދަރިވަރުންނަށް ޓައީއަކީ ޔުނީފޯމުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ޓައި ބޭނުން ކުރެވޭނީ ސްކޫލު ކުލައިގެ އިތުރުން ނޫ، ފެހި، ރަތް ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި، ޓައީގައި ވެސް ބެޖު ހަރުކޮށްފައި ހުންނަންޖެހެއެވެ. ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް އެކެއްގެ ފިރިހެން ދަރިވަރުން ކަކުލުން ތިރިއަށް ހުންނަ ކަޅު ސޯޓު ލާއިރު، އަންހެން ދަރިވަރުންނަށް ބޭނުންކުރެވޭނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. އަދި، ސްކާޓާ އެއްކޮށް ހަރުވާޅު ވެސް ބޭނުން ކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. ފައުންޑޭޝަން ނުވަތަ ކީ ސްޓޭޖު އެކެއްގެ ދަރިވަރުން ފިޔަވާ އެހެން ސްޓޭޖުތަކުގެ އަންހެން ދަރިވަރުން ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ބުޑުގެ ތިރިން، 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ. ޔުނީފޯމާ އެކު ސްކާޓްލާ ދަރިވަރުން ހަރުވާޅުލާން ޖެހޭނެއެވެ. ސްކާޓް ހުންނަން ޖެހޭނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ ވަރަށެވެ. ކުރިމަތިންނާއި ފުރަގަހުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގާފައި ހުންނަން ޖެހެއެވެ. އަދި، އަރިމަތީގެ ކޮންމެ ރުލެއްގެ ފުޅާމިނުގައި ދެ އިންޗި ހުންނަން ޖެހެއެވެ. އަދި މެދުގައި ހުންނަން ޖެހެނީ ބޮކްސް ޕްލީޓް ނުވަތަ ރޫނަގައިފައެވެ. އަދި ފަޓުލޫނު ލާ ދަރިވަރުންނަށް ބެގީ ކުރުން މަނާވާނެއެވެ. އުސޫލު ބުނާގޮތުން ދަރިވަރުން ޕްރިފެކްޓަކަށް ބަދަލުވުމުން ޔުނީފޯމަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެއެވެ. https://sun.mv/214829 އުސޫލުގައި ބުނާގޮތުން ހުރިހާ ދަރިވަރުން ވެސް ބޭނުންކުރަން ޖެހެނީ އެއްވެސް ޑިޒައިނެއް ނުހުންނަ ކަޅު ބެލްޓާއި، ކަޅު އިސްޓާކީނެވެ. އަދި ބޭނުންކުރަންޖެހޭނީ ކަޅު ބޫޓެވެ. އެހެން ނަމަވެސް އެކްޓިވިޓީ ޔުނީފޯމާއެކު ސްޕޯޓްސް ބޫޓެއް ބޭނުންކުރެވިދާނެއެވެ. މިނިސްޓްރީން ބުނީ، ޔުނީފޯމަކީ ދަރިވަރުން އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް ފަސޭހަ އެއްޗަކަށް ވާންޖެހޭނެ ކަމަށެވެ. އަދި، ބެލެނިވެރިންނަށް ފަސޭހަކަމާއެކު ޔުނީފޯމު ލިބުމުގެ މަގު ފަހިކޮށްދިނުމަކީ މިނިސްޓްރީން ނުހަނު ބޭނުންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ