އެމްޑީޕީގެ ވަގުތީ ޗެއާމަން ހޮވާ ބައްދަލުވުން ހޯމަ ދުވަހު، ކުރިމަތިލެއްވީ ގަޕޯ އެކަނި

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަގުތީ ބޭފުޅަކުު ހޮވުމަށް ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް ހޮވަނީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް, އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތް ފައްޔާޒް، އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އިބްރޭ "ސަން" އަށް ވިދާޅުވީ ވަގުތީ ޗެއާޕާސަން ހޮވުމަށް ބައްދަލުވުން ބާއްވަން ތާވަލުކޮށްފައިވަނީ ހޯމަ ވިލޭރޭގެ 20:30 ގައި ކަމަށެވެ. މިވަގުތު މި މަގާމަށް ނަން ހުށަހަޅުއްވާފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެކަންޏެވެ. އެމްޑީޕީން ވަނީ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅާ މެންބަރަކާ ވަގުތީގޮތުން ހަވާލުކުރަން ނިންމައިފައެވެ. އެކަމާ ގުޅޭ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވިއެވެ. https://sun.mv/214313 އެ ބައްދަލުވުމުގައި ޞާލިޙްގެ ފެކްޝަނުން ހުށަހަޅަން ބޭނުންވީ ކުރީގެ މަޖިލިސް ރައީސް މުޙައްމަދު އަސްލަމްގެ ނަން ކަމަށް އޭރު ވާހަކަ ދެކެވުނެވެ. ނަމަވެސް އެމްޑީޕީގެ ގާނޫނީ ޓީމުން ލަފާ ދިނީ ގައުމީ މަޖިލީހުގައި ނީންނަވާ, އަދި އިންތިޚާބީ މަގާމެއްގައި ނެތް ބޭފުޅަކަށް އެ މަގާމަށް ވާދަ ނުކުރެއްވޭނެ ކަމަށެވެ. އެއާއެކު ވޯޓަށް ދިޔައީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅި ނަން، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ވަހީދުގެ ނަމާ ގުޅޭ ގޮތުންނެވެ. އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ ބައެއް ބޭފުޅުން: އެތެރޭ ކޯޅުމުގައި އެމްޑީޕީ ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް --- ސަން ފޮޓޯ ފަހުން އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ފަހު, އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު, އިބްރާހީމް ވަހީދު (އިބުރޭ), އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދަށް ފޮނުވި ރިޕޯޓެއްގައި ވަނީ ވަހީދަށް 48 ވޯޓް ލިބި, އޭނާ ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބު ވެފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ވަހީދު އެ މަގާމު ދޫކޮށްލެއްވީއެވެ. އޭގެ ފަހުން، ފައްޔާޒު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި، އިބުރޭ ޓެގް ކުރައްވައި ވަނީ، ވަގުތީ ޗެއާޕާސަން ހޮވަން، ގައުމީ މަޖިލީހުގެ ބައްދަލުވުން ބާއްވާނީ ކޮންއިރަކުތޯ ސުވާލު ކުރައްވައިފައެވެ. ވަގުތީ ޗެއާޕާސަން ހޮވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، ރިޔާސަތުން ދެފަހަރު ދެގޮތަށް އަމަލު ކުރި ކަމަށާއި ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ދިޔައީ އޭގެ ސަބަބުން ކަމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ، އަލުން ވަގުތީ ޗެއާޕާސަނެއް އައްޔަންކުރުމުގެ މަސައްކަތް ފަށަން ލަފާދެއްވައިފައެވެ. https://sun.mv/214824 އޭނާ ވިދާޅުވީ ވީހާ ވެސް އަވަހަށް ބައްދަލުވުން ބާއްވައި، ވަގުތީ ޗެއާޕާސަން އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށާއި މިހާރު ހުށަހަޅައިފައި އޮތް ހަމައެކަނި ނަމަކީ ޣަފޫރުގެ ނަން ކަމަށެވެ. ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ އިސްތިއުފާ ދެއްވި އެއް ސަބަބަކީ ޕާޓީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިގެންދާ މަންޒަރު ފެނިވަޑައިގަތް ކަމަށް ވިދާޅުވެފައެވެ. އަދި ޞާލިޙާއި ޝާހިދަށް އިޝާރާތް ކުރައްވައި އޭނާ ވަނީ، އެމްޑީޕީގެ އެޑްވައިޒަރާއި ޕާޓީގެ ރައީސަށް ޕާޓީގެ ކަންކަން ފުރިހަމައަށް ނިންމުމަށް އޭނާއަކީ "ހުރަހެއް ކަމަށް ދެކޭ ދެކުން" ނިމުމަކަށް ގެނައުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ