ހުޅުމާލެ ހޮސްޕިޓަލުގައި އެނދުމަތިކޮށް ނަފުސާނީ ބައްޔަށް ފަރުވާދޭން އަންނަ އަހަރު ފަށާނެ: ޙަލީމް
ހުޅުމާލެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ނަފުސާނީ ބަލިތަކަށް ފަރުވާދޭ ޚިދުމަތް އަންނަ އަހަރު ފެށާނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ހަފުތާ 104" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި ޙަލީމް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި މުހިންމު މަސައްކަތްތަކެއް ޕްލޭންކޮށްފައިވާ ކަމަށާއި، އިތުރު އެނދުތައް ވެސް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. "އެގޮތުން 28 އެނދު އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން. އީއީޖީގެ ޚިދުމަތް އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށަން މިދަނީ ތައްޔާރުވަމުން. މެންޓަލް ހެލްތުގެ މިހާރު ހަމައެކަނި އައުޓް ޕޭޝަންޓް ޚިދުމަތް މިދެނީ. އިން ޕޭޝަންޓް ވޯޑަކާއެކު އެ ދާއިރާ ފުޅާކުރުމަށްދަނީ މަސައްކަތް ކުރަމުން،" ޙަލީމް ވިދާޅުވިއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ދިހަ ބުރީގެ އިމާރާތެއް ތަރައްގީކުރުމަށް މަސައްކަތްކުރަމުން އެބަދެއެވެ. ފާހަގަކުރެވޭ ގޮތުގައި، އަންނަ އަހަރު ސިއްހީ ދާއިރާއަށް 831 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، ބޭސް ފަރުވާއަށް ދިވެހީން ބޭރު ގައުމުތަކަށް ދާ މިންވަރު މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވެފައިވެއެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ މަހުގެ 17ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެއަށް އިންސާނީ ވަސީލަތުގެ ގޮތުން އެތައް މުވައްޒަފުންނެއް ހޯދައިދީފައިވާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ތަރައްގީކުރުމަށް ޓަކައި އެތައް މަސައްކަތެއް ކުރެވިފައިވާ ކަމަށާއި އެއީ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިތުރަށް އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ބަޖެޓުގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި ސްޕެޝަލިޓީ ގިނަ ޚިދުމަތްތައް ގާއިމުކުރުމަށް ވަނީ ހިމަނައިފައެވެ. އެ އަމާޒަށް ވާސިލުވުމަށް ބަޖެޓުގައި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 500 މިލިއަން ރުފިޔާއާއި އެކި ކަންކަމަށް 331 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ޖުމުލަ 831 މިލިއަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ. މި ސަރުކާރުން އަންނަ އަހަރު އެންމެ އިސްކަން ދޭނީ ސިއްހީ ދާއިރާއަށް ކަމަށް ބުނެފައިވާއިރު، މި ހިނގަމުންދާ އަހަރުގެ ބަޖެޓު ޚާއްސަކުރީ ބޯހިޔާވަހިކަމަށެވެ. އެހެންނަމަވެސް ބޯހިޔާވަހިކަމަށް ބަޖެޓުން ޚަރަދު ކޮށްފައިވަނީ ކަނޑައަޅައިފައިވާ މިންވަރަށްވުރެ މާ މަދުންކަން ފާހަގަކޮށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ދިވެހީން ގިނަ އަދަދަކަށް އަވަށްޓެރި ލަންކާއާއި އިންޑިއާ ފަދަ ގައުމުތަކަށް ގޮސް އުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ