ރާއްޖޭގައި މަރުގެ ހުކުމް އިއްވޭނީ އަދުލުގެ ނިޒާމު މިނިވަންވެގެން: ޑރ. ޒިޔާދު ރާއްޖޭގައި މަރުގެ ހުކުމް އިއްވޭނީ އަދުލުގެ ނިޒާމު މިނިވަންވެގެން: ޑރ. ޒިޔާދު

ރާއްޖޭގައި މަރުގެ ހުކުމް އިއްވޭނީ އަދުލުގެ ނިޒާމު މިނިވަންވެގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
މަރުގެ ހުކުމް އިއްވުމުގެ އިހްތިޔާރު ރާއްޖޭގައި ފަނޑިޔާރުންނަށް އޮތްތޯ ސުވާލުކުރައްވާ ޒިޔާދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ގާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މަރުގެ ހުކުމް އިއްވުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.
"ރާއްޖޭގެ އަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ގާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެ. އެއްވެސް ފަރާތެއްގެ ނުފޫޒު ފަޑިޔާރުންގެ މައްޗަށް އޮތުމަކީ ޝަރްއީ ގޮތުން ހުއްދަ ވެގެންވާނެ ކަމެއް ނޫން،" ޒިޔާދު ވިދާޅުވި އެވެ.
ރާއްޖޭގައި ޝަރުއީ ނިޒާމުގެ ހާލަތު އޮތް ގޮތް އެންމެންނަށް ވެސް އެނގޭނެ ކަމަށާއި މީހަކު ފްރޭމްކޮށް މަރުގެ ހުކުމް ތަންފީޒުކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ވެސް ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.
"ޝަރުއީ ނިޒާމުގެ ހާލަތު ދުލުން މީހަކު ކިޔައިދޭކަށެއް ނުޖެހޭ. ހެޔޮވިސްނޭ ކޮންމެ މީހަކަށް މަންޒަރުތައް ވަރަށް ސާފުކޮށް ހާމަވެގެން ދޭ،" ޒިޔާދު ވިދާޅުވި އެވެ.
ޝަރުއީ ހުކުމެއް އެކުލެވޭ މިކަމުގައި ރާއްޖޭގެ ފަތުވާ މަޖިލިސް އާއި އިސްލާމިކް މިނިސްޓްރީއާ އެކަމުގައި މަޝްވަރާ ކުރެވުނީ ކިހާވަރަކަށްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
ޒިޔާދު ވިދާޅުވީ ޝަރުއުގައި ކަނޑައަޅުއްވާފައި ނެތް ކަމެއް ކޮންމެހެން ކަނޑައަޅަން ޖެހިއްޖެނަމަ ކަނޑައަޅަންވާނީ ވިސްނުންތެރިކަމާއެކު ފަންނީ މާހިރުންގެ ވެސް ލަފަޔާއެކުގައި ކަމަށެވެ. އެގޮތުން މިފަދަ ބޮޑެތި ނިންމުންތައް މިހާރު ނިންމަމުންދާ ގޮތުން ފަހުން ހިތާމަ ކުރަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެކަން ސާބިތުވެއްޖެނަމަ، އެކަމުގެ ހައްދު އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވިޔަސް، އެތަކެތި ގަނެވިއްކާ މީހާގެ އުގޫބާތް ދިނުމުގެ މިންވަރު ކަނޑައަޅަން ހާކިމާއަށް ވަނީ ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އޭނާ ވިދާޅުވީ މަސްތުވާތަކެތި ވިއްކުމުގެ މައްސަލާގައި ހާކިމާ ހުކުމެއް ކަނޑައަޅާއިރު މަސްތުވާތަކެތީގެ ހުރިހާ ބާވަތެއް ހިމަނަންވާނެ ކަމަށާއި އެކަން ނުވެއްޖެނަމަ އެއީ ޝަރުއީ މައްސަލަތަކާމެދު ވެވޭ ވަރަށް ބޮޑުއިހުމާލެއް ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ބަދަލު ގެންނަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ