އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ސޯސަން ޖަގަހަގައިގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރައްވަނީ ހަމަހަމަކަމާ އެކީގައި ކަމަށެވެ.
އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ކްރޫން ފަދަ މުވައްޒަފުންނަކީ މުހިންމު ބައެއް ކަމަށާއި އެ ދާއިރާގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
"ލަސްތަކެއް ނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫންނާ މިހެން ގޮސް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހި ރައްޔިތުން އަދިވެސް އިންތިހާބުގެ ވޯޓާ މެދުގައި ވިސްނެވުމަށް އެދިވަޑައިގެންފައެވެ. އެ ދުވަހު ނިންމޭ ނިންމުމެއްގެ ސަބަބުން ދިވެހިން މިއިން ދުވަހަކު ވެސް ނުދެކޭ ފަދަ ނާމާން، ބިރުވެރިކަމެއްގެ ތެރެއަށް ގޮސްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރަމުން ދާއިރު، އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ އެ މަންޒަރު. އެހެންވެ ވިސްނުންތެރިކަމާ އެކީގައި ނުކުމެވަޑައިގެން އަޅުގަނޑާއި އަޅުގަނޑުމެންނަށް ވޯޓު ދެއްވުން އެއީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ