ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައިވަނީ ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާއި މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާން ޖެހޭ ކަމެއް ކަމަށް ނަސޭހަތްތެރިވެފައެވެ.
އެގޮތުން ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށް ޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅުކަން ހުތުބާގައި ފާހަގަކުރިއެވެ. އެގޮތުން ކީރިތި ރަސޫލާ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ގާތްތިމާގެ ބޭފުޅުންނާއި އާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވައި އިސްލާމްދީނުގެ ދިފާއުގައި ގުރުބާންވެވަޑައިގެންނެވިކަން މިއަދުގެ ހުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ކީރިތި ރަސުލާ އެ ދަތުރުފުޅަށް މައްކާއިން ނުކުންނަވަމުން ހަދީސްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރަން ޖެހޭކަމަށް ހުތުބާގައިވެއެވެ.
ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާއެކު ދެމިތިބޭނޭކަމުގެ ފިލާވަޅުކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”ރަސޫލާ އާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނު ރަސޫލާއަށް ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! މައްކާގެ މުޝްރިކުންގެ މީހަކު ގުދުވެ އެ މީހުންގެ ފައިތިލަ އަޅައިގެން އެހެރަ ތަނަށް ބަލައިފިއްޔާ ތިމަންބޭކަލުން މި ތިއްބެވި ތަން އެބައިމީހުންނަށް ފެންނާނެއެވެ. މި ހިނދު ރަސޫލާ ޙަދީސްކުރެއްވިބަސްފުޅުގެ މާނައިގައިވެއެވެ. ”އޭ އަބޫބަކުރުގެފާނެވެ! ތިމަންމެން ދެ ބޭކަލުން އެކަނި ތިއްބެވިކަމަށް ހީފުޅުނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި ތިމަންބޭކަލުންނާ އެކު މާތް الله ވޮޑިގެންވެއެވެ.“
އެފަދަ ބަސްފުޅުތަކުން އިބުރަތް ލިބިގަނެ، ހުރިހާ ވަގުތެއްގައި ވެސް އިސްލާމްދީން މަތީގައި ތެދުވެރިކަމާއެކު ދެމިތިބުމަށް އަޒުމު ކަނޑައަޅައި ތިމާގެ އުހުރަވީ ހަޔާތް ބާއްޖަވެރިކުރެވޭތޯ ވެވުނުހައި މަސައްކަތެއް ކުރުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
ހިޖުރައިން ލިބޭ މުހިންމު ފިލާވަޅުތަކަށް ބަލާއިރު ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށް ހުތުބާގައިވަނީ ބުނެފައެވެ. މީގެ އިތުރުން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާއެކު ދެމިތިބުމަކީވެސް ހިޖުރައިން ލިބޭ މުހިންމު ފިލާވަޅެއްކަމެއް ހުތުބާގައި ބުނެފައިވެއެވެ.
ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން: ހުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ