ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަނަށް 50،000 ފޯމު؛ ސައްހަކަން ކަށަވަރުނުވާތީ 11،000 ފޯމު ބަލައެއް ނުގަތް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރޭޝަނަށް ފޮނުވި 50،000 އަށް ވުރެ ގިނަ ފޯމުގެ ތެރެއިން ސައްހަކަން ކަށަވަރުނުވާ 11،000 އަށް ވުރެ ގިނަ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ރޭ އެކްސްގައި ވިދާޅުވީ ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ހަމަވިއިރު، ޖުމްލަ 50،047 ފޯމު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ތަފްސީލް - އޭގެ ތެރެއިން ރީ-ރެޖިސްޓާ ކޮށްދިނީ 38،763 ފޯމެވެ. ބާކީ 11،284 ފޯމު ވަނީ އެކި ސަބަބުތަކާ ހުރެ ރިޖެކްޓުކޮށްފަ އެވެ.
ރީ-ރެޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތަފްސީލު
އޮންލައިންކޮށް ހުށަހެޅި - 26،011 ފޯމު (ރިޖެކްޓު ކުރީ 5،109 ފޯމު)
ފިޒިކަލްކޮށް ހުށަހެޅި - 24،036 ފޯމު (ރިޖެކްޓު ކުރީ 6،175 ފޯމު)
ބުނީ ކީކޭ؟ - ހަބީބުގެ ޕޯސްޓުގައި ފޯމުތައް ރިޖެކްޓު ކުރި ސަބަބުތައް ވެސް އޮޅުންފިލުވައިދެއްވި އެވެ.
"އޮންލައިންކޮށް ސައްހަކަން ކަށަވަރުނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ ފޮޓޯއިން މީހާ ކަށަވަރުނުވުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓު ހުށަހެޅުމާއި ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުން،" އޭނާ ވިދާޅުވި އެވެ.
"[ފިޒިކަލީ ހުށަހެޅި] ފޯމުގެ ސައްހަކަން ކަށަވަރުނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ފިންގަޕްރިންޓު ނެތުމާއި ހެކިންގެ މައުލޫމާތު ދިމާނުވުމާއި ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓު ހުށަހެޅުމާއި ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން."
ހަބީބު ވިދާޅުވީ ސައްހަކަން ކަށަވަރުނުވި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިން ކަމަށެވެ.
އެނގުން މުހިންމު - އިންތިހާބުގެ ދެ ވަނަ ބުރަށް ރީ-ރެޖިސްޓާ ކުރި ފޮއްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ރޭގެ 9 ޖެހުމާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
ޝަކުވާ ހުށަހަޅަން ޖެހޭނީ 'ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު' މެދުވެރިކޮށެވެ. މި ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި އެ ކޮމިޝަންގެ އިދާރާ އިން ލިބޭނެ އެވެ.
މާލޭގައި ފޯމު ބަލައިގަންނާނީ އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެ އިންނެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން، އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ވެސް ފޯމު ބަލައިގަންނާނެ އެވެ.
އީސީ އިން ބުނިގޮތުގައި ޝަކުވާ ހުށަހެޅޭނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން އެކަންޏެވެ.
އެނގުން މުހިންމު - އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި 282،803 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.
ވޯޓުލާން ދާން ޖެހޭ ތަން ޗެކު ކުރުމަށް:
VR (SPACE) NID number ޖެހުމަށްފަހު 1414އަށް މެސެޖުކޮށްލާ
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ވެސް ބަލައިލެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ