ވެރިކަަމަށް މީހަކު ހޮވާއިރު ބަލަންވީ އެމީހެއްގެ އެޗީވްމަންޓަށް ނުވަތަ އެމީހަކު ހާސިލްކޮށްފައިވާ ކަންކަމުގެ މައްޗަށްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ގާސިމްގެ ތަސައްވުރު 2023" ގެ ނަމުގައި މީޑިއާތަކަށް ދެއްވި ހާއްސަ ބަސްދީގަތުމެްގެ ތެރެއިން ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅު ދައްވަމުން ގާސިމް ވަނީ އެމަނިކުފާނުގެ އިޖުތިމާއީ ހިދުމަތްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ.
ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ހިދުމަތްތަކުގެ ވާހަކަ ދައްކަވަން އުނދަގޫ ނަވަމެސް މިއަދު ގައުމު ވެއްޓިފައިއޮތް ހާލަތުން އެވާހަކަ ނުދައްކަވާ ހުރެވެން ނެތް ކަމަށެވެ.
ވެރިކަމަށް ރަނގަޅު މީހަކު ކަނޑައެޅުމުގައި މީހެއްގެ މާޒީގައި އެމީހަކު ކޮށްފައިހުރި އުފެއްދުންތެރި މަސައްކަތްތަކާއި، އިޖުތިމާއީ ހިދުމަތްތަކާއި، އެމީހެއްގެ ތޫނުފިލި ވިސްނުމާއި، އެމީހަކީ ރައްޔިތުންނާމެދު ވިސްނާ މީހެއްތޯ ކަށަވަރުކުރުމުގެ އިތުރުން، ކަންކަން ކާމިޔާބުކޮށްފައި ހުރިކަމުގެ މައްޗަށް ބަލަންޖެހޭނެ ކަމަށް ގާސިމް އިބްރާހިމް ފާހަގަކުރެއްވިއެވެ.
ގާސިމްވަނީ ހަމައެކަނި އިލްމެއް ލިބުނަސް ވެރިކަމަށް ކުފޫ ހަމަނުވާނެ ކަމަށާއި އިލްމާއެކު ހިލްމުވެސް ވެރިކަމުގެ މައިދާނަށް ނުކުންނައިރު ބޭނުންވާކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ މާޒީގައި އެމަނިކުފާނު ވަރަށް ގިނަ ކަންކަން ހާސިލްކޮށްފައިވާ ކަމަށާއި އެހެންވުމުން ދެން ވެރިކަން ހޯދައިގެން މިހާރުގެ ސަރުކާރުތަކުން ކުރަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތައްފަދަ އަމަލުތައް ކުރުމުގެ ބޭނުމެއްނެތް ކަމަށެވެ.
ހަމައެކަނި ބޭނުންވަނީ ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި ބައިވެރި އެ ރައްޔިތުންނަށް އިހްލާސްތެރި ވެރިކަމެއް ކޮށްދިނުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ އަދި މިހާތަނަށް ދިވެހި ރައްޔިތުން ތަޖުރިބާ ނުކުރާ ފިކުރަކީ ޖުމްހޫރީ ފިކުރުކަމަށް ވިދާޅުވެ އެ ފިކުރު ތަޖުރިބާ ކޮށްލެއްވުމަށް އިންތިހާބުގައި ވަކި ފަރާތަކަށް ނުޖެހި ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ވެރިކަަމަށް މީހަކު ހޮވާއިރު ބަލަންވީ އެމީހަކު ހާސިލްކޮށްފައިވާ ކަންކަމުގެ މައްޗަށްކަމަށް ގާސިމް ވިދާޅުވިއިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ފައުންޑަރ އަދި ވިލާ ގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާހިމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އެންމެ ކާމިޔާބު، އެންމެ ތަޖުރިބަކާރު އެއް ފަރާތެވެ.
ރާއްޖޭގެ އިގްތިސާދުގައި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމުގައި ގާސިމް އިބްރާހިމްގެ ހިއްސާ ފުޅާދާއިރާއެއްގައި ފާހަގަކޮށްލެވެއެވެ.
ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ގައުމަށް ހިދުމަތްތަކެއް ކޮށްފައިވާ ގާސިމް އިބްރާހީމަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަމުގެ މަގާމުގައި ރައްޔިތުންނަށް ހިދުމަތްކޮށްދެވަމުން އަންނަ ބޭފުޅެކެވެ.
މީގެ އިތުރުން ޤާސިމް އިބްރާހީމް ވަނީ މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އެމްއެމްއޭގެ ގަވަރުނަރުކަމާއި ސާކް ޗޭމްބަރ އޮފް ކޮމަރސްގެ ރައީސް ކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރައްވައިފައެވެ.
ވެރިކަަމަށް މީހަކު ހޮވާއިރު ބަލަންވީ އެމީހެއްގެ އެޗީވްމަންޓަށް: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ