މިއަދުގެ ހަވީރު މާޒިޔާ އާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވެލެންސިއާގެ ޓީމު ހަމަނުވި!

އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އާއި މާޒިޔާ ކުޅެން ހަމަޖެހިފައި އޮތް މެޗަށް ވެލެންސިއާގެ ޓީމު ހަމަ ނުވުމުން، އެމެޗުން 2-0 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވިކަމަށް ނިންމައިފިއެވެ.
އޭގެ ފަހުން އެ ކްލަބުން ނެރުނު ބަޔާނުގައި ބުނީ އެހެން ދިމާވީ މާލޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހި އެ ކްލަބްގެ ގިނަ ކުޅުންތެރިން ހުން އައިސް ހޮޑުލައި ބޭރަށްހިންގާތީ ކަމަށެވެ.
"ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅެން އޮތް މެޗަށް މި ކްލަބްގެ އޮފިޝަލުންނާއި ހާޒިރުވެވެން ތިބި ކުޅުންތެރިން ވަނީ ދަނޑަށް ހާޒިރުވާން އޮންނަ ގަޑިއަށް ދަނޑަށް ދިއުމަށްފަހު އެކަން މުބާރާތް ހިންގާ ފަރާތްތަކަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މެޗެއް ފުރިހަމަކުރުމަށް ބޭނުންވާ އެންމެ އަސާސީ މިންވަރުކަމަށްވާ 11 ކުޅުންތެރިން މިއަދުގެ މެޗަށް ހަމަކުރެވޭ ގޮތް ނުވީ އެވެ." ހުމުގެ ރޯގާގެ އަސަރުކޮށްގެން ކުޅުންތެރިން ބަލިވެ އުޅޭކަން ހާމަކުރުމުގެ ގޮތުން ވެލެންސިއާއިން ނެރުނު ބަޔާނުގައި ވެއެވެ.
ގިނަ ކުޅުންތެރިން ބަލިވެ އުޅޭތީ މެޗު އެހެން ތާރީހަކަށް ފަސްކޮށް ދިނުމަށް އެ ކްލަބުން އެދުނު ކަމަށް ވެސް ވެލެންސިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.
މެޗުން މާޒިޔާ މޮޅުވި ކަމަށް ނިންމިކަން ހާމަކޮށް އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، އެ އެސޯސިއޭޝަންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވީ ކުޅުންތެރިން ބަލިވެ އުޅޭތީ މެޗު ފަސްކޮށް ދިނުމަށް މެޗަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ވެލެންސިއާއިން އެދުނު ކަމަށެވެ. ނަމަވެސް އެހާ ވަގުތުކުޑަތަން ވެފައިވަނިކޮށް އެހެން އެންގި ނަމަވެސް މުބާރާތުގެ ގަވާއިދަށް ރިއާޔަތްކޮށް ވެލެންސިއާ މެޗުން ބަލިވީ ކަމަށް މުބާރާތުގެ ކޮމިޓީން ނިންމާފައިވާ ކަމަށް ޖަވާޒު ވިދާޅުވި އެވެ.
ލީގުގައި މިރޭ، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަ އީގަލްސްގެ ޓީމަށް ވެސް ހުމުގެ ރޯގާގެ އަސަރުކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވަނީ ބުނެފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ހަ މެޗުން މާޒިޔާއަށް 18 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ވެލެންސިއާ މިވަގުތު އޮތީ ކުޅުނު ހަ މެޗުން ވެސް ބަލިވެ ލީގު ތާވަލުގެ ފުލުގައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ