ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފަނޑިޔާރުންގެ މުސާރަ 75 ޕަސަންޓް ބޮޑުކޮށްދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަސްތެރޭގައި ފަނޑިޔާރުންގެ މުސާރަ 75 ޕަސަންޓުގެ ކުރިއެރުން ދޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ މެނިފެސްޓޯ ލޯންޗު ކުރުމަށް މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ކޮންމެ ބަޔަކު ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ރާއްޖޭގެ ޝަރުއީ ނިޒާމު ހައްލު ކުރުމުގެ ވާހަކަ ކަމަށާއި ނަމަވެސް އެއީ މިހާތަނަށްވެސް ހައްލެއް ނުލިބިވާ މައްސަލައެއް ކަމަށެވެ.
ގާސިމް ވިދާޅުވީ، މިއަދު އަނެއްކާވެސް އިވެނީ ފަނޑިޔާރުގޭގެ ކަންކަން ގޯސްކޮށް ދާ ވާހަކަ ކަމަށެވެ. އެގޮތުން ފަނޑިޔާރުންނަށް މަސައްކަތް ކުރުމަށް ރަނގަޅު ކޯޓު އިމާރާތެއް ނެތްކަން ގާސިމް ފާހަގަކުރެއްވިއެވެ. ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި މަތީ ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ފަނޑިޔާރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނުތައް ދެވިފައި ނުވާއިރު، ރަނގަޅު މުސާރައެއް ވެސް ނުދެވޭ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްވާއިރު އެ ބޭފުޅުންގެ މުސާރައިގެ މިހާރު އޮތް ވަރުގެ 75 ޕަސަންޓް އެއަށް އިތުރުކޮށްދޭނަން" ގާސިމް ވިދާޅުވިއެވެ.
ފަނޑިޔާރުންނަށް ތަމްރީނު ދިނުމުގެ ގޮތުން ބޭރުގެ ގައުމުތަކުން ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ،
ގާސިމް އިތުރަށް ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފިނަމަ ކޯޓުތަކުގައި ނުވަތަ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަވެސް 35 ޕަސަންޓް ބޮޑުކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ