އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓެނީ ރާއްޖޭގައި ތިބެގެންތަ؟: ގައުމީ ކެންޑިޑޭޓް ގާސިމް

އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓެނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާގޮތަށް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެންތޯ ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.
އެމަނިކުފާނު މިފަދައިން ސުވާލު އުފެއްދެވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ބ.މާޅޮހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނާއި ހިލާފަށް ކިތަންމެ ކަމެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ތަނެއްކަމަށް ވިދާޅުވެ ރައީސް ސާލިހު މޮރިޝަސްގެ ރައީސްއަށް ފޮނުއްވި ސިޓީފުޅެއްގެ ސަބަބުން ރާއްޖޭގެ އިމުން ބައެއް ގެއްލުމަކީ މިފަދައިން ގާނޫނީ އިމުގެ ބޭރުން ކުރެއްވި ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭކަމަކީ އެއްވެސް ޝައްކެއްނެތް މިންވަރަށް އެންމެނަށް ވެސް އެނގޭކަމެއްކަމަށް ވިދާޅުވެފައެވެ. ގާސިމް އެ އިޝާރާތްކުރެއްވީ ލ. ކައްދޫ، އައްޑޫ ގަން، ހދ. ހަނިމާދޫ އަދި އުތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ސަރުކާރުން ގާއިމްކުރި ވާހަކައެވެ.
ގާސިމް ވަނީ އިގުތިސާދީގޮތުން ގައުމަށް ހެޔޮއެދިގެން ލޯނު ދޭކަމަށް އިންޑިއާއިން ބުނާއިރު އަމިއްލަ ގައުމުގެ ރައްޔިތުން ތިބީ ބޯފެންފޮދެއްވެސް ނެތް ހާލަތުގައިކަމަށް ވިދާޅުވެ ލޯނުދެނީ ހަމަ ރާއްޖެއަށް ހެޔޮއެދިގެންތޯ ސުވާލު އުފައްދަވާފައެވެ.
ގާސިމްގެ މެނިފެސްޓޯގައި ރާއްޖޭގެ ސަރަހައްދާއި މިނިވަންކަން ހިމާޔަތްކުރުމުގެ ވައުދުގެ ތެރެއިން ބޭރުގެ އެއްވެސް ފަރާތެއްގެ އަސްކަރީ ބޭހެއް ގާއިމްކުރުމުގެ ފުރުސަތު ނުދިނުމާއި، އިޓްލޮސް އިން ނިންމި ނިންމުމާއެކު ގައުމުން ގެއްލުނު ބައި އަނބުރާ ހޯދުމާއި ރާއްޖޭގެ ސަރަހައްދު ވައިގެމަގުން ބެލެހެއްޓުމަށް އެއާފޯސްއެއް އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ނޭވީއެއް އުފެއްދެވުމާއި، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމަށް ޖާސޫސީ އިދާރާއެއް ގާއިމްކުރުމާއި ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޯޑަރު ސަރަހައްދު ބެލެހެއްޓުމާއި ރާއްޖޭގެ އެތެެރެއާއި ބޭރުން ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމްކުރުމާއި ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި އިންޓެލިޖެންސް ގާނޫނެއް ވުޖޫދުކުރުމުގެ ވައުދުތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ