އިމްރާން ހާންގެ ޖަލު ހުކުމް ކޯޓުން ސަސްޕެންޑްކޮށްފި

ބޭރުން ދިން އެހީ އަމިއްލައަށް ބޭނުން ކުރެއްވި ކަމަށް ސާބިތުވެ، ތިން އަހަރަށް ޖަލަށް ލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމް އެ ގައުމުގެ ކޯޓަކުން މިއަދު ސަސްޕެންޑްކޮށްފި އެވެ.
އިސްލާމްއާބާދުގެ ހައި ކޯޓު (އައިއެޗްސީ)ގެ ދެ ފަނޑިޔާރުންގެ ބެންޗުން ވަނީ އިމްރާން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އަންގާރަ ދުވަހު އަމުރުކޮށްފަ އެވެ.
އިމްރާން، 70،ގެ މައްޗަށް ޝަރީއަތުގެ މަޖިލީހުން ހުކުމް ކުރީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު އިމްރާން ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އިރު، ބޭރުގެ ސަރުކާރުތަކާއި ލީޑަރުންގެ ފަރާތުން ލިބުނު ހަދިޔާތައް ގާނޫނާ ހިލާފަށް ވިއްކުމުގެ ކުށުގަ އެވެ.
ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލީހުގައި އޭޕްރީލް 2022ގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން ބަލިވެ، 100އަށް ވުރެ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ޖަލަށް ލާފައިވަނީ އިސްލާމްއާބާދާ ގާތްގަނޑަކަށް 88 ކިލޯމީޓަރު ދުރުގައި އޮންނަ ހުޅަނގު އުތުރުގެ އެޓޮކް ސިޓީގަ އެވެ.
އިމްރާން ޖަލަށްލުމާ ގުޅިގެން ފަސް އަހަރަށް އިންތިހާބުގައި ވާދަކުރުން ވެސް، އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ މަނާކޮށްފަ އެވެ.
އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ތަރުޖަމާނު ސައީދު ޒުލްފިގާރު ބުހާރީ ވަނީ ކޯޓުން މިއަދު ނިންމި ނިންމުމަށް ތައުރީފުކުރައްވައި އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައި މިހާރު އެއްވެސް "އޮޅުވާލުމެއް" ނެތް ކަމަށް ވިދާޅުވެފަ އެވެ.
"އިމްރާނަށް ކަފާލާތު ލިބުމުން ވަރަށް އުފާވޭ. އޭނާގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް، އޭނާ ގެއަށް ގެނައުމަކީ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއް،" ބުހާރީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހަމައެކަނި ކަންބޮޑުވުމަކީ އޭނާ ސަލާމަތުން ގެއަށް ގެންދިއުން، އެޓޮކް ޖަލުގެ ބޭރުގައި ކަމާބެހޭ ފަރާތްތަކުން އެއްވެސް ގޯހެއް ނުހިންގުން. އެފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެކަމުގެ ސަބަބުން ގައުމުގެ ޝަރުއީ ނިޒާމާއި ގާނޫނުގެ ވެރިކަން އިތުރަށް ބަލިކަށިވެގެންދާނެ."
ޕީޓީއައިގެ އޮފިޝަލް ވިދާޅުވީ އިމްރާން ހުކުމުން "މުޅިން ބަރީއަ" ކުރި ނަމަ، އެ ޕާޓީން ރުހޭނެ ކަމަށާއި، ނަމަވެސް ސުޕްރީމް ކޯޓުން އެ ލުއި ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އިސްލާމްއާބާދު ކޯޓުގެ އަމުރަށް ފާޑު ވިދާޅުވަމުން ކުރީގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ހަމައެކަނި "ސަސްޕެންޑް" ކޮށްފައިވާ ހުކުމެއް ކަމަށާއި އެއީ "އުވާލާފައިވާ" ހުކުމެއް ނޫން ކަމަށެވެ.
"އިއުލާނު ކުރުމުގެ ކުރިން ނިންމާނީ ކޮން ނިންމުމެއްކަން އެންމެންނަށް ވެސް އެނގޭ ނަމަ، އެއީ އަދުލު އިންސާފުގެ ނިޒާމާ މެދު ކަންބޮޑުވާން ޖެހޭ ކަމެއް. މަތީ ކޯޓަކުން ސާފު މެސެޖެއް ދީފި ނަމަ، ދަށު ކޯޓަކަށް އެ ނޫން ގޮތެއް ނޯންނާނެ،" ޝަރީފު ޓުވިޓާގައި އުރުދޫ ބަހުން ލިޔުއްވާފައިވެ އެވެ.
އައިއެޗްސީން މިގޮތަށް ނިންމާފައި މިވަނީ، ޝަރީއަތުގެ މަޖިލީހުގެ ހުކުމުގައި "އިޖުރާއީ އުނިކަމެއް" ހުރި ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށެވެ.
އިމްރާން އަލުން ހައްޔަރުކުރުން މަނާކުރުމަށް އެދި ޕީޓީއައިއިން ވަނީ އައިއެޗްސީއަށް ހުށަހަޅައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ބަލޫޗިސްތާން ޕްރޮވިންސްގެ ކޯޓަކުން ޕީޓީއައިގެ ވެރިޔާއަށް އިތުރު ލުޔެއްދީ، އޭނާގެ މައްޗަށް އުފުލާފައިވާ ގައުމިއްޔަތާ ހިލާފު ކަމަށް ބުނާ ދައުވާ ބާތިލުކޮށްފައިވެ އެވެ.
ނަމަވެސް ކޯޓުގެ ދެ އަމުރާ އެކު ވެސް އިމްރާންއަށް ކުރިމަތިވެފައިވާ ގާނޫނީ އުނދަގޫތަކާއި ގޮންޖެހުންތައް ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ ހަފުތާގައި ލާހޯރުގެ އެންޓި ޓެރަރިޒަމް ކޯޓުން ވަނީ މިދިޔަ މެއި މަހު އިދިކޮޅު ލީޑަރު އިމްރާން ކުރު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިމްރާން ހިފަހައްޓައި ސުވާލު ކުރުމުގެ ހުއްދަ ފުލުހުންނަށް ދީފަ އެވެ.
އެ ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބީ ޕީޓީއައިގެ ސަޕޯޓަރުން ކަމަށް ސަރުކާރުން ތުހުމަތުކޮށް، ވަރުގަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅައި ޕީޓީއައިގެ އެތައް ހާސް ލީޑަރުންނާއި ސަޕޯޓަރުން ހައްޔަރުކުރި އެވެ. އިމްރާން ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކުރައްވަމުން ވިދާޅުވީ އާންމު އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕާކިސްތާނުގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލައިގެން ދާއިރާތައް އަލުން ކަނޑައެޅުމުގެ މަސައްކަތް ކުރާތީ، މި އަހަރު އިންތިހާބު ނުބޭއްވިދާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ