އިނގިރޭސި ވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ތިނެއް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލު ކުރެއްވީ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގަ އެވެ. އެ ބައްދަލްވުމުގެ ފޮޓޯ "ދަ ރޯޔަލް ފެމެލީ" ގެ ރަސްމީ އެކްސް އެކައުންޓުން ވެސް ޕޯސްޓް ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުމާއި މެދު ދެ ބޭފުޅުން މަޝްވަރާ ކުރައްވާ އެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާމެދު ވާހަކަ ދެއްކެވި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާ ކުރެވޭނެ އެވެ.
ރަސްގެފާނު ޗާލްސް އާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން، ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ އެވެ.
ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގަ އެވެ. މި އަހަރަކީ، ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.
ރަސްގެފާނު ޗާލްސް އާއި ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ