ވިސާއާ ނުލައި ޑޮމިނިކާއަށް ދެވޭ ގޮތް ހަދައިފި
ރާއްޖެ އާއި ޑޮމިނިކާއާ ދެމެދު ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އ.ދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ޑޮމިނިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ޑޮމިނިކާއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބާޓް އެރޮންއެވެ.މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ޑޮމިނިކާއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ އެވެ. އަދި ޑޮމިނިކާ ރައްޔިތުންނަށް ވެސް ވިސާ ނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ދަތުރުކުރެވޭނެ އެވެ. ފޮރިން މިނިސްޓްރީން ވަނީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުން އެއް ގައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބުނެފަ އެވެ.ސައުތު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖޭން ދިފާއުކޮށްފައި ވާއިރު މިހާރު ރާއްޖެއިން 94 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ