'މީީޑިއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް އައިއެފްޖޭއިން ގޮވާލައިފި

މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިޔުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި  އިއްޔެ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ނަމަވެސް ސަރުކާރަށް ތާއީދުކޮށްގެން ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މި ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ވެސް ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިޔުމަށް އިއްޔެ ގޮވާލާފަ އެވެ.
އެމްޖޭއޭއިން ނެރުނު ބަޔާނަށް ތާއީދުކޮށް، މިއަދު އައިއެފްޖޭއިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.
ބުނީ ކީކޭ؟ - އައިއެފްޖޭއިން ބުނިީ، މިޑިއާ ރެގިއުލޭޓް ކުރުމުގެ މިފަދަ ބިލެއް ހުށަހަޅަން ވަނީ މި ދާއިރާގެ ފަރާތްތަކާއެކު ހިޔާލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށެވެ. އެގޮތުން ބަޔާނުގައި ފާހަގަކުރި ގޮތުގައި:
 އެގޮތަށް ނޫސްވެރިން އަދި ޖަމިއްޔާތަކުގެ މަޝްވަރާއެއް ނެތި، މިފަދަ ބިލެއް ހުށަހެޅުމުން ކަންބޮޑުވާ ކަމަށް
މިގޮތައް ކަންތައް ކުރުމުގެ ނަތީޖާއަކީ މިފަދަ ރެގިއުލޭޓަރީ ކޮމިޝަނެއް އުފައްދާއިރު، އޭގެ މަގްސަދުކަމަށްވާ ނޫސްވެރިކަން ހަރުދަނާކޮށް ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ އަސާސީ ހަމަ ގެއްލުން ކަމަށް
ތަފްސީލު - އައިއެފްޖޭގެ ބަޔާނުގައި ބިލާ ގުޅޭ ގޮތުން އެމްޖޭއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާކަންވެސް ހިމަނާފައިވެ އެވެ. އަދި އެ ކަންބޮޑުވުންތަކަށް ތާއީދުކޮށް، ބިލު އަނބުރާ ގެންދިޔުމަށް ފެޑްރޭޝަނުން ގޮވާލި އެވެ.
ބިލުގައި ވާގޮތުން މި ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.
ބިލުގައި ވާގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރައްވާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުން
މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން
މި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ ގޮތަށް
މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ
ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން 
ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ.
މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:
މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު
ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު
ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ. އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު
ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ