ކައުންސިލާއި ފެނަކަ ކޯޅެނީ، ރައްޔިތުން ހަނާވަނީ!

އައްޑޫން ކަރަންޓް ކެނޑޭ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. މި މައްސަލަ އަށް އެކަށީގެންވާ ހައްލެެއް ނުލިބި އާންމުންގެ ދިރިއުޅުމަށް ބޮޑު ތަކުލީފެއް ވަނީ ކުރިމަތިވެފަ އެވެ.
އެއްކޮޅުން ރައްޔިތުންގެ ކަނު އަނދިރީގަ އެވެ. ހޫނުކަމާއި މަދިރީގެ ތެރޭގަ އެވެ. އަނެއްކޮޅުން މީސްމީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެނީ އެވެ.
ކަރަންޓް ކެނޑޭ މައްސަލާގައި އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެސް ވެފައި ވަނީ އިންޒާރެއް ނެތި ދޭތެެރެ ދޭތެރެ އިން ކަރަންޓް ކެނޑޭ އިރު އިލެކްޓްރޯނިކް ސާމާނުތަކުގައި މައްސަލަ ޖެހި، ހަލާކުވަމުން ދިއުމެވެ. އަގު ބޮޑުކޮށް ގަނެފައިވާ މިފަދަ ތަކެތި ކަރަންޓްގެ މައްސަލާގައި ވިޔަސް ހަލާކުވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ.
ކަރަންޓްގެ މައްސަލަ ހައްލު ނުވެ ދިގުލައިގެންދާ އިރު އާންމުންގެ ސުވާލަކީ މިގޮތަށް ކިހާ ދުވަހެއް ވަންދެން އުޅެން ޖެހޭނެތޯ އެވެ؟ މިކަމަށް ދާއިމީ އެކަށީގެންވާ ހައްލެއް ލިބޭނެތޯ އެވެ؟ އެކަމަށް އޮތީ ކޮން ޔަގީން ކަމެއްތޯ އެވެ؟
އައްޑު އަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަނީ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން އިންނެވެ. އެއީ މިދިޔަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިނގަމުން އަންނަ ކުންފުންޏެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެސްޔޫއެލްގައި އޮތް ބޯޑެއް ވެސް މިހާރަކު ނެތެވެ. ސަރުކާރުން ވަނީ އެ ބޯޑް އުވާލައި، އެސްޔޫއެލް ހިންގުން ފެނަކައިގެ ދަށަށް ގެނެސް ކުންފުނީގެ ޒިންމާތައް އެސްޔޫއެލްގެ އަމިއްލަ ފައިމަތީގައި ކުރުމުގެ ފުރުސަތު ވެސް ހަނިކޮށްފަ އެވެ. މާނައަކީ އެސްޔޫއެލްއަކީ ފެނަކަ އިން "ޖަހާހާ ބެރަކަށް ނަށަން" މިހާރު އޮތް ކުންފުންޏެކެވެ.
އެ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހޭރު (އަބްހަރީ) ގެ ބަހުރުވައިން ނަމަ އައްޑު އަށް ކަރަންޓްގެ ހިދުމަތްދޭ އިންޖީނުތަކުގެ ހާލަތު ވަރަށް ދަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިންޖީނުތައް ސާވިސްކޮށް، އޯވަހޯލްކޮށް، މަރާމާތު ކުރުމުގެ މަސައްކަތެއް އެކަށީގެންވާ ގޮތަކަށް ކޮށްފައެއް ނެތެވެ.
އިންޖީނުތަަކަށް ބޭނުންވާ ސްޕެއާ ހޯދައިފައެއް ނެެތެވެ. އިންޖީނުތަކުގެ ހާލަތު އެހާ ދަށީ އެހެންވެގެންނެވެ. ޒުހޭރުގެ ވާހަަކައަކީ މި އެވެ. ކަރަންޓް ކެނޑެން ދިމާވާ މައިގަނޑު ސަބަބަކީ ވެސް އިންޖީނުތަކުގެ ހާލަތު ގޯސްވެ، އެތަކެއްޗަށް ބޮޑެތި މަރާމާތުތަކެެއް ބޭނުންވާ ކަމުގެ އިންޒާރެކެވެ. ފެނަކަ އާއި އެސްޔޫއެލް ގުޅިގެ އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒުހޭރު ވިދާޅުވި އެވެ. އަދި ބޭރުން ސްޕެއާ ގެނެސް އިންޖީނުތައް މަރާމާތުކޮށް، ކަރަންޓްގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ގެނެވެން އަދި ގާތްގަޑަކަށް ދެ މަހެއްހާ ދުވަސް ނަގާނެ އެވެ.
ފެނަކަގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވެސް ވިދާޅުވާ ގޮތުގައި އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ ކުރިން އެސްޔޫއެލް ހިންގި ފަރާތްތަކުންނެވެ. މިއީ އެ މީހުންގެ އިހުމާލުން ދިމާވެފައި އޮތް މައްސަލައެކެެވެ. ފެނަކަ އިން އެސްޔޫއެލް އާ ހަވާލުވި އިރު، ކުންފުނީގެ ހާލަތު "އެހާ ގޯހެ"ވެ.
ކުންފުންޏަށް އެތައް މިލިއަން ރުފިޔާއެއް ނުލިބި އެބަ ހުއްޓެވެ. ސަަތާރަ ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި ބިޔަ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ އެންމެ ކަރަންޓް ބިލަކަށް ވެސް މިހާތަނަށް ލޯ ލާރިއެއް ވެސް ދައްކައިފައެެއް ނެތެވެ. ބިލްތަކަށް ވަނީ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރައިފަ އެވެ.
އަނެއްކޮޅުން އައްޑޫ ސިޓީ ކައުންސިލުން ފެނަކަ އަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށް ނިމާލް ވިދާޅުވެ އެވެ. އަދި އެ ފައިސާ ލިބިގެން ނޫނީ އައްޑު އަށް ކުރިމަތިވެފައިވާ ކަރަންޓްގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ނުހޯދޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ. ރައްޔިތުން ކަރަންޓްގެ ހިދުމަތް ހޯދަނީ ބަރާބަރަށް ފައިސާ ދައްކައިގެންނެވެ. އެކަމަކު އެހެން ބައެއްގެ އިހުމާލުންވެފައި އޮތް ކަމެއްގެ ހުރިހާ ތަކުލީފެއް، ތުރާލެއް އުފުލަން ޖެހިފައި ވަނީ ނިކަމެތި ރައްޔިތުންނަށެވެ.
ފެނަކަ އިން އެސްޔޫއެލްގެ ކުރީގެ ބޯޑާއި އައްޑޫ ސިޓީ ކައުންސިލްގެ ބޮލަށް ކަނޑާލަނީ އެވެ. އަނެއްކޮޅުން ކައުންސިލާއި ފެނަކަ އާ ކޯޅެނީ އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ ބަހުރުވައިން ނަމަ ފެނަކަ އުޅެނީ ރައްޔިތުންނާއި ކައުންސިލް ޖައްސާށެވެ. އަދި އެ ކުންފުނި އުޅެނީ ޒިންމާތަކުން ރެކި ގަނެ، ކައުންސިލް ބަދުނާމް ކުރާށެވެ. ކައުންސިލުން ފެނަކަ އަށް އެތައް މިލިއަން ރުފިޔާ އަށް ދައްކަން ޖެހިފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ކައުންސިލްގެ އަގު ވައްޓާލަން އެ ކުންފުނިން ފަތުރާ ދޮގު ވާހަކަތަކެވެ. އަދި ފެނަކައިން އެހާ ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލު ކުރަމުންދާތީ އެ ކުންފުންޏާ ދޭތެރޭ ކައުންސިލުން ގާނޫނީ ފިޔަވަޅު ވެސް އަަަަަަޅާ ނެ އެވެ.
ކައުންސިލުން ތުހުމަތު ކުރާ ގޮތުގައި ފެނަކަ އިން އުޅެނީ، ހަމައެކަނި އެސްޔޫއެލް އަށް ލިބޭ ފައިސާ އިން ފެނަކައިގެ ދަށުގައި ހުރި ހުރިހާ އިންޖީނުގެތައް ހިންގާށެވެ. އަދި އެއީ ރައްޔިތުން ގަބޫލް ކުރާނެ ކަމެއް ނޫނެވެ.
މޭޔަރު ވިދާޅުވާ ގޮތުގައި ކުރީގެ ސަރުކާރުން އުފެއްދި އެސްޔޫއެލްއަކީ ފެނަކައިގެ ދަށަށް ބަދަލު ކުރުމުގެ ކުރިން ބަރާބަރަށް ހިނގަމުން ދިޔަ ފައިދާވާ ކުންފުންޏެކެވެ. އަދި އެ ކުންފުނި ހިންގުމުގެ ގާބިލްކަމާއި ތަޖުރިބާ ހުރި މީހުން އައްޑޫގައި އެބަތިބި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ނަމަވެސް ކައުންސިލާއި ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި އެސްޔޫއެލް ފެނަކައިގެ ދަށަށް ބަދަލު ކުރުމަކީ ސަރުކާރުން ވެސް ކޮށްފައި އޮތް ގާނޫނާ ހިލާފް އަމަލެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން އެސްޔޫއެލް ފިޔަވައި ފައިދާވާ ގޮތަށް ހިނގަމުން ދިޔަ ޔުޓިލިޓީ ކުންފުންޏެއް ނެތް. އެހެން ނަމަވެސް ފެނަކައިން މިހާރު އެ މަސައްކަތް ކުރަނީ ހަމައެކަނި އެސްޔޫއެލް އަށް ލިބޭ ފައިސާ އިން ރާއްޖޭގެ ހުރިހާ އިންޖީނުގެތައް ހިންގަން. އެއީ އަޅުގަނޑުމެން ބަލައި ގަންނާނެ ކަމެއް ނޫން،" މޭޔަރު ވިދާޅުވި އެވެ. "އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިބެ، އެސްޔޫއެލް އަށް ލިބޭ ފައިދާ އިން ފެނަކައިގެ ދަށުގައި ހުރި ހުރިހާ އިންޖީނުގެތައް ހިންގަން އެ ކުންފުނިން އެ އުޅެނީ. މިއީ އައްޑޫ ރައްޔިތުން ބަލައި ގަންނާނެ ކަމެއް ނޫން. އެ ތަކުލީފް އައްޑޫ ރައްޔިތުން އުފުލާކަށް ނުޖެހޭނެ."
ދެ ކޮޅުން ހަނގުރާމަކޮށް އެއް ބަޔަކު އަނެއް ބަޔަކަށް ރައްދު ދިނުން ނޫން ކަމެއް، ރައްޔިތުން ކަންކަން ހަވާލުކޮށްގެން ތިބި މަސްއޫލުވެރިން ވެސް ކުރައްވާ ތަނެެއް ނުފެނެ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ކުށްވެރި ކުރަނީ އެވެ. ޒިންމާތަކުން ރެކެން އުޅުއްވަނީ އެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާ އިރު ރައްޔިތުންނަށް ގަބޫލް ކުރެވޭ ގޮތަކީ ވެސް އެއީ އެވެ.
އެއްވެސް ބަަޔަކު ރައްޔިތުންގެ ހައްގުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާ ތަނެެއް ގައިމު ވެސް ރައްޔިތުންނަކަށް ނުފެނެ އެވެ.
ފެނަކަގެ އެމްޑީ ވެސް އުޅުއްވަނީ ކުލަބޮކިތަކުގެ ތެރޭގައި ޕާޓީ ކެމްޕޭން ތެރޭގަ އެވެ. އެއް ޖީބަށް އަތް ޖަައްސަވާލައްވައިގެން، އަނެއް އަތް ރައްޔިތުންގެ ވޯޓަކަށް އެދި އުފުއްލަވަނީ އެވެ.
ފުރަތަމަ ރައްޔިތުން ތިބި ހާލަތު ކައިރި އަށް ވަޑައިގެން ބައްލަަވާށެވެ. ހަވާލު ކުރެވުނު ޒިންމާ އަދާ ކުރެއްވޭތޯ ފުރަތަމަ ބައްލަވާށެވެ. އޭގެ ފަހުގައި ވޯޓަކަށް އެދި ރައްޔިތުންނާ ދިމާއަށް އަތް ދިއްކުރައްވާށެވެ.
އެ ނޫން ގޮތަކަށް ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ އެވެ. ފާއިތުވި ތިން އަހަރޭ، އިހުމާލޭ ވިދާޅުވުމުގެ އެއްވެސް މާނައެއް، ބޭނުމެއް މިހާރަކު ނެެތެވެ. އެސްޔޫއެލް އޮތީ ފެނަކައިގެ ދަށުގަ އެވެ. ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދެއްވޭތޯ ބައްލަވާށެވެ.
ރައްޔިތުން މި އޮތް ހަނާވަނީ އެވެ. ރައްޔިތުންގެ އުދާސްތައް ކޮޅުން ލަނީ އެވެ. ރައްޔިތުންގެ ޝުއޫރުތައް ބަންޑުން ވަނީ އެވެ. ކަރަންޓަކީ ކިހާ އަސާސީ ހިދުމަތެެއްތޯ އެވެ؟ އައްޑޫ ރަައްޔިތުން ކަރަންޓް ފަސޭހަ އިހުސާސް ކުރަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ.
މީގެ އެތައް އަހަރެއް ކުރިން ފެށިގެން އައްޑޫ ރައްޔިތުން ދިރިއުޅެމުން އަންނަކީ ކަރަންޓްގެ އަލިކަމުގެ ތެރޭގަ އެވެ. ފަޅި ސިކުންތަކަށް ވެސް ކަރަންޓާ ނުލައި 21 ގަރުނުގެ ތެރޭގައި އަދި 2013 ވަނަ އަހަރުގެ ތެރޭގައި އުޅެން ޖެހުމަކީ އައްޑޫ ރައްްޔިތުންނަށް ބޮޑު ބުރައަކަށް ވާނެ އެވެ. އެ ތަކުލީފް އުފުލަން އެ މީހުންނަށް ފަސޭހައެއް ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ