5 އަހަރުތެރޭ ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕި)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިހާރު އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވާމުން އަންނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވާނީ މީން ޒަމާނެއްގައިވެސް ނުދެކޭވަރުގެ ހަރުދަނާ ސަރުކާރަކަށް ކަމަށެވެ. އަދި ސިޔާސީ ފިކުރުތަކުގެ ކަސްތޮޅުން ނެއްޓި، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ރޫހު ދަމަހައްޓާނޭ ސަރުކާރަކަށް ވެގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ކަމަށާއި ޖުމްހޫރި ޕާޓީގެ ވެރިކަމެއްގައި ދިވެހި ރައްޔިތުންގެ ހާސްކަން ފިލުވާލާ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުމަށް ވަރަށް ތަފްސީލީ މެނިފެސްޓޯއެއް އެކުލަވާލާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ވެރިކަމަށް ހޮއްވަވައިފި ނަމަ ފަސް އަހަރު ތެރޭ 100 މިލިއަނަރުން އުފައްދަވާނެ ކަމަށާއި ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި ފެންނާނެ ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރަށް ހަދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
“ދަޢުލަތުން ވައްކަންކޮށް، ކޮރަޕްޝަން ހިންގުމަކަށް އަޅުގަނޑުމެންގެ ސަރުކާރަކުން ޖާގައެއް ނުދޭނަން. ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވާ، ދަޢުލަތުގެ މާލިއްޔާއިން ލޯ ލާރިއެއްވެސް ގެއްލި ނުދާނޭ ގޮތަށް މި ގައުމު ހިންގާނޭ ތަޖުރިބާ އަޅުގަނޑުގެ އެބަހުރި” ގާސިމް ވިދާޅުވިއެވެ.
އިޓްލޮސްގެ ހުކުމުން ގެއްލިގެން ދިޔަ ބައި ހޯއްދެވުމަށް، ބައިނަލްއަގުވާމީ އެކްސްޕާޓުންގެ އެހީގައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ ބާއްވަމުންގެންދަވާ ޖަލްސާގައިވަނީ ކެމްޕެއިނުގައި ބޭނުންކުރާ ލޯގޯއާއި ކެމްޕެއިނުގެ ރަސްމީ ލަވަވެސް ވަނީ އިފްތިތާހްކޮށްފައެވެ. ޤާސިމުގެ ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުންކުރަނީ "ހާސްކަނޑާލާ، ހަމަޖެހޭނެ" މިއެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ގާސިމް ވާދަކުރައްވާއިރު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙެވެ. މީގެއިތުރުން އެމްއެންޕީގެ ޓިކެޓުގައި އެޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އިންތިހާބުގައި ވާދަކުރައްވާއިރު އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެެވެ.
5 އަހަރު ތެރޭ ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ