ކޮމެޓީ މަސައްކަތްތައް އަވަސްކުރުމަށް ނަޝީދު އަނެއްކާވެސް ގޮވާލައްވައިފި

ކޮމެޓީ މަސައްކަތްތައް އަވަސްކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ކޮމެޓީ މަސައްކަތްތައް އަވަސްކުރުމަށް ގޮވާލައްވައި އެކަމަށް އެދިވަޑައިގެންފައެވެ. ކޮމެޓީ މަސައްކަތްތަކުގައި ހޭދަކުރާ ވަގުތު އިތުރުކުރެއްވުމަށް ރައީސް ނަޝީދު ބާރު އަޅުއްވައެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ މިދައުރު ނިމުމުގެ ކުރިން ބިލުތަކުގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި މިވަގުތު ކޮމެޓީތަކުގައި ހުރި ބިލުތައް ފާހަގަކުރައްވައި ބިލުތަކުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލެއްވިއެވެ.
އެގޮތުން އިގްތިސާދީ ކޮމެޓީގައި އޮތް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ބިލުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެބިލުގެ މަސައްކަތް އަވަސްކުރުމަށް އެދިވަޑައިގެންނެވިއެވެ. ކުންފުނީގެ ބިލު އިގްތިސާދީ ކޮމެޓީގައި އޮންނަތާ ގިނަ ދުވަސްތަކެއް ނުވިނަމަވެސް އެބިލުގެ މަސައްކަތްވެސް އަވަސްކުރުމަށް ގޮވާލެއްވިއެވެ.
ޖުޑިޝަރީ ކޮމެޓީގައި 7 ބިލެއް އޮތްކަން ނަޝީދު ފާހަގަކުރެއްވިއެވެ. އެއީ އިފުލާސްވުމާއި އިފުލާސްކުރުމުގެ ބިލު، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ 2 ބިލު، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ހެއްކާއިބެހޭ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. މިއީ ބަންޑާރަނައިބުގެ އޮފީހާއި އެއްގޮތްކުރުމަށް މަޑުޖެހިފައިވާ މަސައްކަތްތައް ކަމުގައިވިޔަސް ވީހާވެސް އަވަހަށް ކޮންމެވެސް ގޮތެއް ނިންމަވައިދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
މީގެ އިތުރުން އިޖުތިމާއީ ކޮމެޓީގައި ޖަނަވާރުގެ ސިއްހަތާއި ބެހޭ ބިލު އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކުރުމަށާއި ލާމަރުކަޒީ ކޮމެޓީން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، މާލިއްޔަތު ކޮމެޓީން އިންޝުއަރަންސްއާއި ބެހޭ ބިލާއި މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލުގެ މަސައްކަތް އަވަސްކުރުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ބިނާވެހި ޕްލޭންކުރުމުގެ ބިލު އަދި ކަނޑާއި އެއްގައުމުގައި ދުއްވާ ތަކެއްޗާއި ގުޅޭ ބިލުގެ މަސައްކަތް އަވަސްކުރެއްވުމަށްވެސް ގޮވާލެއްވިއެވެ.
ރައީސް ނަޝީދު ވަނީ ރޯދަ މަހުގެ ކުރިއަށް މިބިލުތަކުގެ މަސައްކަތް ރަނގަޅު ހިސާބަކަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ