ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ޒުވާނުން ސައިކަލް ބުރެއް ބާއްވައިފި

ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މާލޭގައި ސައިކަލް ބުރެއް ބާއްވައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ސައިކަލް ބުރުގައި ބައިވެރިވި ފަރާތްތަކުންވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އަޑުއުފުލައިފައެވެ.
މީގެ އިތުރުން ސައިކަލްބުރުގެ ބައިވެރިން ވަނީ ރައީސް ޔާމީން ގެނެސްދެއްވިފަދަ ކޮންކްރީޓް ތަރައްޤީއެއް ގެނެސްދިނުމަށް އެމްޑީޕީ ކޯލިޝަން ސަރުކާރަށް ގޮވާލައިފައެވެ.
މި ސައިކަލްބުރުގައި ބޭނުން ކޮށްފައިވަނީ ރައީސް ޔާމީން ތަރައްޤީކޮށްދެއްވި މާލޭގެ ރިންގްރޯޑް (ބޭރުމަގު) ސަރަހައްދު އެކަނިކަން ވެސް ފާހަގަ ކުރެވެއެވެ.
މި ސައިކަލު ބުރުގައި އިދިކޮޅުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ޕީޕީއެމް ކޯލިޝަންގެ ހިންގުމާ މިވަގުތު ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު، ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން އަދި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11އަހަރުގެ ޖަލުޙުކުމެއް އިއްވައިފައިވަނީ މިދިޔައަހަރުގެ ޑިސެމްބަރު 25ގައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ “ހަރާން” ޙުކުމެއް ކަމަށް ބުނެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ޕީޕީއެމް ކޯލިޝަނުން އަންނަނީ ސިލްސިލާ އިހުތިޖާޖުތަކެއް މާލެއާ އަތޮޅުތެރޭގައި ކުރަމުންކަން ފާހަގަ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ