ސިއްހީ ދާއިރާގެ މުވައްޒަފުންގެ އޯޓީ ލިމިޓް ކުރުމުން ޝަކުވާ ބޮޑުވެއްޖެ

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް މި ފަހުން ގެނައި ބަދަލުގައި، އިތުރު ގަޑީގެ އިނާޔަތް 10 ޕަސެންޓަށް ލިމިޓް ކުރުމުން ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ސިއްހީ ދާއިރާގެ ފަންނީ މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށައިފަ އެވެ. އެކަމުގެ ތަފްސީލުތައް މި ހަފުތާގައި މުވައްޒަފުންނަށް ހިއްސާ ކޮށްފައި ވެ އެވެ.
އެކަމާ ގުޅޭގޮތުން "މިހާރު" އާ ވާހަކަ ދެއްކި ސިއްހީ ދާއިރާގެ މުވައްޒަފުން ބުނީ، އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިތުރު ގަޑީގެ އިނާޔަތް އެތައް ގުނައަކުން ހިފެހެއްޓުން ކަމަށެވެ. މީގެ ކުރިން، މެޑިކަލް އޮފިސަރުންނާއި ނަރުހުން އަދި ލެބް ޓެކްނީޝަނުންނަށް އިތުރު ގަޑީގެ ފައިސާގެ އަދަދު ނޯޓް ކުރި ވަރަކަށް ލިބެ އެވެ.
އެކަމަކު، އަލަށް އަމަލުކުރަން ފެށި އުސޫލުން، އިތުރު ގަޑީގެ އިނާޔަތުގެ ގޮތުގައި ލިބޭނީ 10 ޕަސެންޓެވެ. ބާކީ 90 ޕަސެންޓަށް އެއްވެސް އިނާޔަތެއް ނުލިބޭނެ އެވެ. މިއީ، އެންމެ ބާރު ބޮޑު އައިޖީއެމްއެޗްގެ ނަރުހުން ދެކޭ ގޮތުގައި ވަރަށް ބޮޑު ބޭއިންސާފެކެވެ.
"ހަގީގަތުގައި އޯވަޓައިމް އަށް އިތުރު ފައިސާ ހޯދާކަށް ނޫން ޑިއުޓީ ނިމޭ ފަހުން ވެސް މަސައްކަތުގައި އުޅެނީ. ޑިއުޓީ ގަޑި ނިމޭ ފަހުން، ކުރަންޖެހޭ މަސައްކަތްތައް ނިންމާފައި ގެއަށް ދެވެނީ 2-3 ގަޑިއިރު ފަހުން. އެކަމަކު ވެސް ކޮށްފައި ހުންނަ މަސައްކަތަށް އިނާޔަތް ލިބެން ޖެހޭނެ،" ނަރުހަކު ބުންޏެވެ.
"ގަޑި ޖެހުނަސް އިންވެންޓްރީ ބަލާފައި، ޕޭޝަންޓުންގެ ޑޮކިއުމެންޓޭޝަން ހަދައި ހޭންޑް އޯވާ ހަދާފައި ދެވޭނީ. ބަލި މީހުންގެ ލިޔުންތައް ވީމާ، ތިމަންނަ ޑިއުޓީ ނިމިއްޖެއޭ، މާދަމާ ނިންމާލާނީއޭ ކިޔާފައި ފަސްކުރެވޭނެ ކަންކަމެއް ނޫން އެއީ. ބަލި މީހާ މާ ބޮޑަށް ބަލިވިއްޔާ. އެ މީހާ ހޭންޑް އޯވާ ދެވޭނީ ސްޓޭބަލް ވީމާ."
މީގެ ކުރިން، ހުކުރާއި ހޮނިހިރު ދުވަހަކީ ވެސް އިތުރު ގަޑީގެ އިނާޔަތް ލިބޭ ދުވަހެކެވެ. އެކަމަކު، މި މަހުން ފެށިގެން އިނާޔަތް ލިބެނީ ހަމައެކަނި ހުކުރު ދުވަހު މަސައްކަތަށް އެކަންޏެވެ. ހޮނިހިރު ދުވަހު މަސައްކަތަށް ނުކުތަސް، އޯޓީ ލިބޭނީ، މިހާރު ވެސް އޯޓީ ލިބޭ 8 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކޮށްފި ނަމަ އެވެ.
"ކުރިން އީދު ހުރިހާ ދުވަހެއް ބަންދު. އެކަމަކު، މިހާރު ބަންދު ވާނީ އީދު ފުރަތަމަ ދުވަސް އެކަނި. އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރީމާ އެ ދުވަސްތަކަށް ވެސް ލިބޭނީ. އެއްޗެއް ނުލިބެންޏާ ކާކު ބޭނުން ވާނީ އީދު ދުވަހު މަސައްކަތް ކުރަން،" އޭނާ ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ނަރުހުންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް
އެނގިފައިވާ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންނާއި އައިޖީއެމްއެޗްގެ ޑޮކްޓަރުން އަންނަނީ މުސާރައިގެ އާ އޮނިގަނޑުގެ ކަންބޮޑުވުންތަކާ ގުޅޭ ޕެޓިޝަނެއް ހަދަމުންނެވެ.
ޑޮކްޓަރުންގެ ޝަކުވާތަކުގެ ތެރޭގައި، ޑޮކްޓަރުންނަށް ވަޒީފާގެ ކުރިއެރުން ނުދީ ހިފަހައްޓާފައި އޮތުމަށް ފަހު، އާ އޮނިގަނޑަށް އަމަލުކުރަން ފެށުމުން އެ މީހުންނަށް ހައްގުވާ މުސާރަ އާއި އުޖޫރަ ނުލިބުން ހިމެނެ އެވެ. އޭގެ އިތުރުން އޯޓީ ލިމިޓޭޝަން ވެސް 50 ޕަސެންޓަށް އިތުރުކުރަން ވަނީ ޕެޓިޝަންގައި ގޮވާލައިފަ އެވެ.
ސްޕެޝަލިސްޓުންނަށް މީގެ ކުރިން އިތުރު ގަޑީގެ އިނާޔަތެއް ނުލިބެ އެވެ. އެކަމަކު، އާ އޮނިގަނޑުން އޯޓީ ލިބެ އެވެ.
އޯޓީ ލިމިޓް ކުރުމަކީ ޖެންޑާ މިނިސްޓްރީގެ ހެލްތު ކެއާ ވޯކަރުން ފަދަ، 24 ގަޑިއިރު އޮންކޯލް އަދި މަސައްކަތުގައި ތިބޭ މުވައްޒަފުންގެ ވެސް ކަންބޮޑުވުމެކެވެ.
"މިހާރު" އާ ވާހަކަ ދެއްކި ސޯޝަލް ވޯކަރެއް ބުނީ، އެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ ދާއިރާ އަށް ރަނގަޅު މީހުން ނުލިބޭތީ ކަމަށެވެ. އިތުރު ގަޑީގެ އިނާޔަތަށް ގެނައީ ރަނގަޅު ބަދަލެއް ނޫންކަން އޭނާ ފާހަގަކުރި އެވެ.
"ކުރިން އިތުރު ގަޑި ލިބެނީ 44 ގަޑިއިރު މަސައްކަތްކޮށް، 45 ގަޑިއިރުން ފެށިގެން. ރަސްމީ ވަގުތަކީ 8-2 އަށް ވިޔަސް، އޯޓީ ލިބޭނީ 8 ގަޑިއިރަށް ވުރެ އިތުރު ވަގުތު މަސައްކަތް ކުރީމާ. އެ އިން ވެސް 10 ޕަސެންޓް ލިބޭނީ،" ސޯޝަލް ވޯކަރު ބުންޏެވެ.
ޑޮކްޓަރުންނަށް އޮން-ކޯލް އެލަވަންސް ލިބޭ ގޮތަށް، ކޮންމެ ވަގުތަކު ވެސް މަސައްކަތަށް ނުކުންނަން ޖެހިދާނެ ސޯޝަލް ވޯކަރުންނަށް ވެސް އިނާޔަތް ދިނުމަށް އެ މީހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ