އެމްޑީޕީގެ ސިޔާސަތު ވިއްކައިގެން ވެރިކަމަށް ވަޑައިގެން ދަރިން ދަރުވާލައިފި: އިންތި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސިޔާސަތުތައް ތަންފީޒުކުރާނެކަމުގެ ވަޢުދާއެކު ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ދަރިންނާއި ދަރިންގެ ދަރިން ދަރުވާލާފައިވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ. 
އިންތި މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ފާޑުކިޔުން އަމާޒުކުރައްވާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 
އެގޮތުން އިންތި އެމްޑީޕީން ކެންޑިޑޭޑަކު ނެރެނީ ޤައުމަށް ދިމާވެފައި ހުރި ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމަށް ކަމަށެވެ. އެކަން ކުރާނެ ގޮތުގެ މެނިފެސްޓޯއެއް ވެސް 2018 ވަނަ އަހަރަވަނަ އަހަރު އެމްޑީޕީން ނިކުތް ރިޔާސީ ކެންޑިޑޭޓަށް ދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. 
Advertisement
އެކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ އެމްޑީީޕީ އިސްވެ އޮވެ ހިންގާ މި ސަރުކާރުން ރައްޔިތުންނަށްވީ ބޮޑެތި ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާ ކަމަށެވެ. 
އެގޮތުން އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރި ކަމަކީ ދަރިންގެ ބޮލުގައި ދަރަނި ނާޅުވާނެކަމުގެ ވައުދުކަމަށް އިންތި ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން ދަރިން ދަރަނިވެރިކުރުވާފައިވާ ކަމަށާއި، އަދި އާމްދަނީ އިތުރުކުރާނެ ގޮތެއްވެސް ހޯދައިދެވިފައި ނުވާކަމަށް އިންތި ވިދާޅުވިއެވެ. 
"އަޅުގަނޑުމެންގެ ދައުލަތަށް ވަންނަ އާމްދަނީ އިތުރެއް ނުކޮށްދެވުނު. އަޅުގަނޑުމެންގެ ދަރިން ދެރީ. އިންތިހާއަށް ދަރައިގެން މިޔޮއް ދަނީ. އެހެންވީމަ ބޮޑެތި މައްސަލަތަކަށް ޙައްލު ނުހޯދި ދާ ދިއުމާމެދު އަޅުގަނޑު ކަންބޮޑުވަން"
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)
އޭގެ އިތުރުން އިންތި ވިދާޅުވީ އެމްޑީޕީއިން ވައުދުވި މުހިންމު ކަންކަމުގެ ތެރޭގައި މަރުތަކުގެ މައްސަލަ ބެލުމާއި، ކޮރަޕްޝަން ހުއްޓުވުމާއި ބޯހިޔާވަހިކަމަށް ޙައްލު ހޯދައިދިނުންފަދަ މުހިންމުކަންކަން ކޮށްދިނުމަށް ވެސް ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. 
"އަޅުގަނޑުމެން ވެރިކަމަށް އައުމަށް ވިއްކި އެންމެ ބޮޑު ވާހަކަތަކަކީ ހިއުމަން ޓްރެފިކިންގެ މައްސަލަތައް ބެލެން ޖެހޭނެއޭ. އަޅުގަނޑުމެންނަށް އެބާވަތުގެ މައްސަލަތަކެއް ނުބެލޭ. ކޮރަޕްޝަންގެ މައްސަލަތައް ބެލެންޖެހޭނެއޭ އެމްއެމްޕީއާރުސީގެ.. ހަމަ ޒީރޯ ސުމެއް ނުބެލޭ! މަރުތަކުގެ މައްސަލަ ބެލެން ޖެހޭނެއޭ، ނުބެލޭ. ބޯހިޔާވަހިކަން އަޅުގަނޑުމެންނަށް ލިބެންޖެހޭނެއޭ.. ސުމެއް"
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)
އިންތިގެ ވާހަކަ ކުރުކޮށްލަމުން ވިދާޅުވީ މި ސަރުކާރުން ވީ ވައުދުތައް ފުއްދިއްޖެ ކަމަށާއި، މިހާރު ދެން އޮތީ ސުވިމިން ޕޫލު އެޅުންފަދަ މަސައްކަތްތައް ކޮށްލުންކަމަށް ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ކަމަށެވެ.
އެހެން ނަމަވެސް، އެމްޑީޕީގެ ސިޔާސަތުތައް ސަރުކާރަށް ތަންފީޒުކޮށްދެވިފައި ނުވާކަމަށާއި، އެމްޑީޕީއިން ވައުދުވީ ބޮޑު ބަދަލު މި ސަރުކާރަށް ގެނެސްދެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރަން ހުރި ބޮޑެތި މަސައްކަތްތަކުގެ ބަދަލުގައި ސަރުކާރުން މަޖިލީހަށް ހުށައަަޅަމުންދަނީ ވެސް ބޭކާރު ބިލުތަކެއްކަމަށް އިންތި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ