ވަގުތީ އަމުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ކްރިމިނަލް ކޯޓުން މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކްރިމިނަލް ކޯޓުން މިހާރު ވަނީ ހެކިބަސް ނަގަން ތައްޔާރުވެފަ އެވެ. ކްރިމިނަލް ކޯޓުން މައްސަލަ ކުރިއަށް ގެންދަން ތާވަލުކުރި ނަމަވެސް، އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.ހަމައެޔާއެކު އެ ކޯޓުން އެކަމާމެދު ގޮތެއް ނިންމަންދެން ދަށު ކޯޓުގައި ހިނގަމުންދާ މައްސަލަ މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވެ އެވެ.ވަގުތީ އަމުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ކްރިމިނަލް ކޯޓުން މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. "ދައުލަތުން އަމަލުކުރާ ގޮތުން އަޅުގަނޑު ހަމަ ހަގީގަތުގައި ނަފްސާނީ މައްސަލައެއް އުޅެނީ ބާއޭ! އަޅުގަނޑަށް ކޯޕް ނުކުރެވޭ ވަރަށް މިހާރު ކަންކަން މިދަނީ. ހެކި ނަންގަވަން، ހެކި ނަންގަވަން އެއް ދުވަހަށް އެ ޝެޑިއުލް ކުރައްވަނީ ހަތަރު މީހުން. އަޅުގަނޑަކަށް ލޯޔަރުންނަކާ ބައްދަލުކޮށް އެ ހެއްކާ ބެހޭ ގޮތުން މުތޯލިއާ ކުރާކަށް ވަގުތެއް ނުލިބޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވާ ގޮތުގައި މިހާރު މި މައްސަލައަށް ތިން އަހަރުވެފައިވާތީ މައްސަލަ އަވަހަށް ނިންމަން ޖެހެ އެވެ. ޔާމީން ވިދާޅުވީ ވ. އާރަށު މައްސަލަ ހިންގަން މި މައްސަލަ ހުއްޓުވާފައި ބޭއްވީ ވެސް ކްރިމިނަލް ކޯޓުން ކަމަށެވެ. ވަކީލުންނާ ބައްދަލުކޮށް މައްސަލަ ދިރާސާ ކުރާނެ ވަގުތު ވެސް ލިބިވަޑައިނުގަންނަވާތީ ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ހެކިބަސް ނަގަން ފެށުމަށް މިއަދަށް ތާވަލު ކުރި ނަމަވެސް މާދަމާއަށް ވަނީ ފަސްކޮށްފަ އެވެ. ފުއްގިރި މައްސަލައިގެ ހެކިބަސް ނަގަން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:30 އަށެވެ. އޭގެ ފަހުން ވިދިވިދިގެން އަޑުއެހުންތައް ތާވަލުކޮށްފައިވާ ކަމަށް ރައީސް ޔާމީން ފާހަގަކުރައްވާފައިވެ އެވެ.އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް އެ މައްސަލަ ދަށު ކޯޓުގައި މަޑުޖައްސާލަން އަމުރުކޮށްފަ އެވެ. އެ ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައަށް އެ މުއްސަތުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ވެސް މިއަދު ވަނީ ނިންމާލައިފަ އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަތުމަށް އެދިފައިވެ އެވެ. އެ ދެ މީހުންނަކީ ޔާމީންގެ އަދާވާތްތެރިން ކަމަށް ގއ. ވޮޑުމުލާ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލް އަބްދުﷲ ސިޔާޒް ފާހަގަކުރައްވާފައިވެ އެވެ.އަނެއް ކަމަކަށް ހުށަހަޅާފައި ވަނީ، މި ދެ ހެކިން ނުލާ ދެން ހުށަހަޅާފައިވާ ހެކިތަކާ މި މައްސަލައާ ގުޅުން އޮތްތޯ ބެލުމަށް ހުށަހަޅާފައިވާ ނުކުތާއެކެވެ. ދެން ހުރި ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމިއިރު، ސަބަބު ބަޔާންކޮށްފައި ނުވާ ކަމަށް ސިޔާޒް ފާހަގަކުރެއްވި އެވެ.މީގެ އިތުރުން، ދައުލަތުން ސިއްރުކޮށްފައިވާ ހެކިތަކެއް ހާމަކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ފުއްގިރީގެ މުއާމަލާތް ކުރިއަށް ދިޔައިރު ރައީސް އޮފީހާއި އޭރުގެ ޓޫރިޒަމް މިނިސްޓަރާއި ދެމެދު އަދި ރައީސް އޮފީހާއި އެމްއެމްޕީއާރްސީއާ ދެމެދު ބަދަލުކުރި ސިޓީތަކެއް ހާމަކުރަން އެދިފައިވެ އެވެ.ޔާމީންގެ ނުކުތާތަކަށް ޖަވާބުދެއްވަމުން ދައުލަތުން އެދިފައި ވަނީ ހައިކޯޓުގެ ނިންމުން ދަމަހައްޓާ ދިނުމަށެވެ.ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ