އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އުމަރު ނިންމަވައިފި

އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާ ވާދަ ކުރެއްވުމަށް ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އުމަރު ނަސީރު ނިންމަވާ އެކަން އިއުލާން ކުރައްވައިފި އެވެ. އުމަރު މިކަން އިއުލާން ކުރެއްވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ.
މި ނިންމެވުން ނިންމަވާ އުމަރު އިއުލާން ކުރެއްވީ އުމަރު ވެސް ނިންސްބަތްވާ ޕީޕީއެމްގެ ތެރޭގައި ބޮޑެތި ކޯޅުން އުފެދި ނުތަނަވަސް ކަމެއް މެދުވެރިވެފައި ވަނިކޮށެވެ. ވަކިން ހާއްސަކޮށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާ ދެމެދު ބޮޑެތިހަމަނުޖެހުންތަކާއި ކޯޅުންތައް އުފެދިފައި ވަނިކޮށެވެ.
މި ނިންމެވުމަށް ނިންމެވި އިރު ތަފާތު އެކި ފަހަރު މަތިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ 2023 ވަނަ އަހަރުގައި ކަމަށް ވިދާޅަވަމުން ގެންދިއުމުގެ އިތުރުން 2018 ވަނަ އަހަރު ތާއީދު ކުރައްވަނީ ރައީސް ޔާމީނަށް ކަމަށް އެކި ފަހަރު މަތިން ވިދާޅުވެފައި ވެއެވެ.
އުމަރު ދާދެންމެ އަކު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައ ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމަށް ނަޒާހާތްތެރިއަކު ބޭނުންވެފައިވާ ކަމަށާއި މިނިވަން ކަންމަތީގައި އޮތް ދިވެހި ރާއްޖެއަށް ވެރިކަން ހިންގާނެ ނަޒާހާތްތެރިއެއް ބޭނުންވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ބޭނުން ނުވާ ކަމަށާއި ކުއްލި ގޮތަކަށް ގޮތް ނިންމަވައި 2018 ގައި ވާދަ ކުރައްވަން ބޭނުންފުޅުވެ އެކަން އިއުލާން ކުރެއްވީ އެހެންވެގެން ކަމަށް ވެސް ވިދާޅުވި އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ރައީސް މައުމޫނަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވަމުން ވަޑައިގަންނަވާ އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމަނިކުފާނު ދެ އުސޫލެއް ގެންގުޅުއްވާ ކަމަށާއި ފުރަތަަމަ ގޮތަކީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވައި އެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން އިންތިހާބުގައި ވާދަ ކުރެއްވުން ކަމަށެވެ. އަނެއް ގޮތަކީ އަމިއްލަފުޅު ހައިސިއްޔަތުން ސީދާ އިންތިހާބީ ރޭހަށް ވަޑައިގެންނެވުން ކަމަށެވެ.
"އަޅުގަނޑު ބޭނުން ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ބާއްވަން. އަދި އެ ޕްރައިމަރީ ވިންކޮށްގެން އިންތިހާބުގައި ވާދަ ކުރައްވަން. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ނުބާއްވާނަމަ އަޅުގަނޑު ދާނީ އަމިއްލަ ގޮތުން ސީދާ ރިޔާސީ ރޭހަށް، އެއާ ހިލާފަށް ޕްރައިމަރީއެއް ބާއްވާ އަޅުގަނޑު ބަލިވެއްޖެނަމަ އަޅުގަނޑު އަމިއްލަ ގޮތުން ވެސް ވާދައެއް ނުކުރާނަން، އަނެއްކާވެސް މަޑުކޮށްލާނީ،" އުމަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރާއްޖޭ ސިޔާސީ ޒިންމާދާރު އިސް ފަރާތްތައް ތިއްބެވީ އޭނާގެ ފަހަތްޕުޅުގައި ކަމަށާއި ރިޔާސީ ޕްރައިމަރީއެއް ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
މީގެ ކުރިން 2008 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރެއްވި އަުމަރު ރިޔާސީ ރޭހަށް 2018 އިގައި ނުކުންނަވާނެ ކަން އިއުލާން ކުރެއްވި އިރު ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވާނަމަ އަމަލު ކުރަންޖެހޭ ތިން އުސޫލެއް ޕާޓީގެ އަސާސީ ގަވައިދުގައި ފާހަގަ ކޮށްފައި ވެއެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ. އަދި އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގައިކަމަށެެވެ.
ހަމަ އެ ގަވައިދުގައި ދެވަނަ އުސޫލެއްވެސް ވެއެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. މީގެ އިތުރުން ތިންވަނަ އުސޫލެއް ވެސް ކަނޑައަޅާފައި އޮވެއެވެ. އެއީ ޕާޓީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަން އަދާކުރައްވާ ބޭފުޅާއާ، ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދިއުމެވެ.
މި ގޮތަށް އޮތް ނަމަވެސް ޕީޕީއެމްގެ ބައެއް އިސް ފަރާތްތަކުން ބުނެފައި ވަނީ ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ޕާޓީގެ ރިޔާސީ ޓިކްޓެ ދޭން ޖެހޭނެ ކަމަށާއި އެކަން އެހެން ނުވުން ވެގެންދާނީ އެންމެ ފަހުގެ ރިޔާސީ ޕްރައިމަރީން ނުކުތް ހިތި ނަތީޖާ އަލުން ތަކުރާރުވެ ޕާޓީ ބައިބައިވެ ފިތުނަ އުފެދުމަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ