ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ، ސްރީލަންކާގެ ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާއާއި، ތައުލީމާއި، ފަންނީ ތަމްރީނު ދިނުމުގެ އިތުރުން އިޖުތިމާޢީ އަދި އިޤްތިސާދީ ތަރައްޤީގެ ދާއިރާތައް ހިމެނެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މިދިޔަ އަހަރު ސްރީލަންކާއަށް އެރި ތޫފާން، ސައިކްލޯން ޑިޓްވާއާ ގުޅިގެން އެ ޤައުމަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.
އަދި ދެބޭފުޅުންގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަސައްކަތްތަކަށް ދެމުންދާ އަގުހުރި ޚިދުމަތްތަކާއި، ސްރީލަންކާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން، އެ ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކަށް ދެމުންދާ ޚިދުމަތްތަކުގެ އަގުވަޒަން ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މި މަހުގެ 3 އިން 6 އަށް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ލަންކާގެ ބޮޑުވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ