"ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދަން އިމިގްރޭޝަނާ ޒާތީ މައުލޫމާތު ހިއްސާއެއް ނުކުރަން"

ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުން ކޮށްގެން، ބޭރުގެ އޭޓީއެމާއި ޕީއޯއެސް މެޝިނުން ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހެދުމަކީ އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް، އެކަން ކުރަނީ އިމިގްރޭޝަނަށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ދީގެން ނޫން ކަމަށް، ގައުމީ ބޭންކު ބީއެމްއެލުން މިއަދު ބުނެފިއެވެ. ރާއްޖޭގައި ތިބޭ މީހުންގެ ކާޑު، ކާޑުގެ ވެރިފަރާތާއި ނުލައި ރާއްޖޭން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭ ގޮތަށް ހަދަން ހަމަޖައްސަން ނިންމިކަން ބީއެމްއެލުން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހެވެ. ބީއެމްއެލްގެ އެ ނިންމުމާއެކު، އެކި ފަރާތްތަކާއެކު އިމިގްރޭޝަނުން މައުލޫމާތު ހިއްސާކުރާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، މީގެ ކުރިން އިމިގްރޭޝަނުން އަމަލުކުރާ އުސޫލަށް ބަލާއިރު ތިންވަނަ ބަޔަކާ އެއްވެސް މައުލޫމާތެއް ހިއްސައެއްނުކުރެއެވެ. ނަމަވެސް، މުވާސަލާތާއި މާލީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ކަމާބެހޭ އިދާރާތަކާ މައުލޫމާތު ހިއްސާކުރާ ގޮތަށް، އިމިގްރޭޝަންގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. https://sun.mv/221416 އެ ބަދަލުގެ ސަބަބުން އާންމުން ބީއެމްއެލަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށް، ޚިޔާލު ފާޅުކުރި މީހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިިގެން ބީއެމްއެލުން ބުނީ، ކާޑުގެ ވެރިފަރާތާއި ނުލައި، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންދިޔަކަން ބަލަނީ އިމިގްރޭޝަނަށް ކަސްޓަމަރުންގެ މައުލޫމާތުތައް ދީގެނެއް ނޫން ކަމަށެވެ. ބީއެމްއެލުން ބުނީ، އެ ޕްރޮސެސްގެ ތެރޭގައި ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމުގައި ވާއިރު، ކާޑުގެ ސައްހަކަމާއި، އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާ ދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓިކުން ސިސްޓަމުން އަންގައި ދޭނެ ކަމަށެވެ. ބޭންކުން ބުނިގޮތުގައި، މިހާރު އިމިގްރޭޝަނާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ ސަބަބުން މި އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސް ތެރެއިން ރާއްޖޭން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު، ކަސްޓަމަރު ހުރީ ރާއްޖެއިން ބޭރުގައިތޯ އޮޓޮމެޓިކުން ބެލޭނެއެވެ. މި މަސައްކަތަކީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބޭންކުން ވަނީ ސިފަކޮށްފައެވެ. އަދި މި ފިޔަވަޅަކީ ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމާއި ސްކޭމްގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅުނު ސީދާ ފިޔަވަޅެއްގެ ގޮތުގައި ބޭންކުން ގަބޫލުކުރާ ކަމަށް، ބީއެމްއެލުން ބުންޏެވެ. "ޚާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭނގި ނުވަތަ އޮޅުވާލައިގެން ކާޑު ގެންގޮސްގެންނާއި ބައެއް ފަހަރު ކާޑު ނަކަލުކޮށްގެން، ރާއްޖޭން ބޭރުގައި ހުއްދަ ނެތް އެތަކެއް މުއާމަލާތްތައް ހިންގާ މައްސަލަތައް ފާހަގަވޭ،" މީޑިއާއާ ހިއްސާކުރި މެސެޖުގައި ބީއެމްއެލުން ބުންޏެވެ. ބީއެމްއެލުން ބުނީ، ބޭންކުގެ ކާޑު ބޭނުންކުރުމުގެ އާންމު އުސޫލުތަކާއި ޝަރުތުތަކުގައި ކާޑުގެ ވެރިފަރާތުން ދޭންޖެހޭ އަދި ކާޑު ބޭނުންކުރުމުގައި ވެރިފިކޭޝަން ހަދަންޖެހޭ މައުލޫމާތު ކޮންމެ ފަރާތަކުން ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް އަބަދުވެސް ދީފައި އޮންނަ ކަމަށެވެ. އަދި އިމިގްރޭޝަނާއެކީ ގާއިމްކުރެވުނު އިންޓަގްރޭޝަނާއެކު، އެ މާއްދާ އިތުރަށް ތަފުސީލުކުރެވިފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ. ބޭންކުން ކާޑުގެ މުޢާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކްތަކުގެ މިންގަނޑުތަކުގެ ދަށުން، ދުނިޔޭގެ ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ. ބީއެމްއެލުން އެ ގޮތަށް އަމަލުކުރަން ފެށުމާއެކު، އެ ބޭންކު ވެފައި ވަނީ ބޭންކިންގެ ސަލާމަތީ ކަންކަމުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ކުރިއަރައިފައިވާ ބޭންކަކަށް ކަމަށް، ބީއެމްއެލުން ބުންޏެވެ. މިއީ އާންމު ބޭންކިން ސިސްޓަމްތަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ ރައްކާތެރިކަމެއް ކަމަށާއި، އެހެންކަމުން މި އިންޓަގްރޭޝަނަކީ ރާއްޖޭގެ ޕޭމެންޓް ސިސްޓަމުގެ ރައްކާތެރި ކަމަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި، ބީއެމްއެލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ