އެންޕީއެމްގެ އަހަރީ ރިޕޯޓު: ރިމާންޑް ބަންދުމީހުން ގިނަވެ، ސިއްހީ ފަރުވާ ލަސްވާ މައްސަލަ ފާހަގަކޮށްފި

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން 2025 ވަނަ އަހަރު ކުރި ޒިޔާރަތްތަކުގެ މައްޗަށް ބިނާކޮށް އެކުލަވައިލި އަހަރީ ރިޕޯޓުގެ ހުލާސާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އާންމުކޮށްފިއެވެ.
އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުން މީހުންނާއި ކުދިން ބަންދުކުރާ ނުވަތަ ބަލަހައްޓާ 10 މަރުކަޒަކަށް 2025 ވަނަ އަހަރު އެންޕީއެމްގެ ފަރާތުން ޒިޔާރަތްކޮށްފައިވެއެވެ. އެ ޒިޔާރަތްތަކުގެ ތެރޭގައި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލާއި، ހުޅުމާލެ ޖަލާއި، މާފުށީ ޖަލު ޔުނިޓާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ފަދަ ތަންތަން ހިމެނެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ކަންބޮޑުވުންތަކުގެ ތެރޭގައި ޖަލުތަކާއި ޕޮލިސް ކަސްޓޯޑިއަލްތަކުގައި ރިމާންޑް ބަންދުމީހުންގެ އަދަދު ގިނަވުމުގެ މައްސަލަ ކުރީ އަހަރުތަކެކޭ އެއްފަދައިން 2025 ގައި ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. މީގެ ސަބަބުން ބަންދު މަރުކަޒުތައް ހިންގުމުގައާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ.
ދެވަނަ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ސިއްހީ ފަރުވާ ލިބުން ލަސްވުމެވެ. ގިނަ މަރުކަޒުތައް ހުރީ ގްރޭޓާ މާލެ ސަރަހައްދުން ބޭރުގައި ކަމަށް ވާއިރު، އެ ރަށްރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ލިބޭ ހޮސްޕިޓަލްތައް ނެތުމަކީ ފަރުވާ ލަސްވާ އެއް ސަބަބު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގިނަ އަދަދެއްގެ ގައިދީންނާއި ބަންދުމީހުން މާލެ ގެންނަންޖެހުމުގެ ސަބަބުން ސިއްހީ ފަރުވާއަށް މާލެ ގެނައުމުގައި ދަތިތައް ކުރިމަތިވާ ކަމަށް އެމްސީއެސްގެ ފަރާތުން އެންޕީއެމް އަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މުވައްޒަފުންގެ ދަތިކަމާއި، ބައެއް މަރުކަޒުތަކުގައި ތައުދީބީ ފިޔަވަޅުތައް އެޅުމާ ގުޅޭ ކަންބޮޑުވުންތަކާއި، މަރުކަޒުތައް ހިންގުމަށް ބޭނުންވާ މުހިންމު އުސޫލުތަކާއި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރ (އެސްއޯޕީ) ތައް ހެދިފައި ނުވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބައެއް މަރުކަޒުތަކުގައި މުވައްޒަފުން ޑަބަލް ޑިއުޓީ އަދާކުރަންޖެހުމާއި، ގިނަ އަދަދެއްގެ މުވައްޒަފުން ފާއިތުވި އަހަރުތަކުގައި ވަޒީފާއިން ވަކިވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
2024 އަދި 2025 ވަނަ އަހަރު ކުރި ޒިޔާރަތްތަކާ ގުޅިގެން ޖުމްލަ 12 ރިޕޯޓެއް ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށާއި، ގާނޫނުތަކާ ގުޅޭ 11 ހުށަހެޅުމަކާއި، ސިޔާސަތުތަކާ ގުޅޭ 19 ހުށަހެޅުމަކާއި، އިދާރީ ކަންތައްތައް ތަންފީޒުކުރުމާ ގުޅޭ 97 ހުށަހެޅުމެއް އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ