ބޭރުން ދަރަނި ނުލިބި ރުފިޔާގެ އަގު ވެއްޓިދާނެ ކަމުގެ އިންޒާރެއް

ސަރުކާރުން ރާވާފައިވާ ގޮތަށް ބޭރުގެ މާލީ ބާޒާރުތަކުން ދަރަނި ނުލިބުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓިދާނެ ކަމުގެ ބިރު އޮތް ކަމަށް ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސިޔާސަތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރުތަކުގައި ބަޖެޓު އެކުލަވާލުމުގައާއި ތަންފީޒުކުރުމުގެ މަރުހަލާގައި ވެސް މެދު ރާސްތާގެ ފިސްކަލް ސިޔާސަތާއި ދަރަނީގެ ސިޔާސަތުގައި ކަނޑައަޅާފައިވާ އިންތަކުން ސަރުކާރު ވަނީ ބޭރުވެފައެވެ. އަދި 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ދަރަނި ނެގުމަށް ކަނޑައެޅި މިންވަރާއި 2025 އިން 2027 އަށް އެކުލަވާލި ދަރަނީގެ ސިޔާސަތާ ދެމެދު ބޮޑެތި ތަފާތުތައް ހުރި ކަން ވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ބަޖެޓު ފާސްކުރުމަށް ފަހު މުހިންމު މާލީ އިސްލާހުތައް ތަންފީޒުކުރުން ފަސްކުރަން ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން ދަރަނީގެ ސިޔާސަތާ އިތުރަށް ހިލާފުވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ދަރަނީގެ ސިޔާސަތުގައި ބޭނުންވާ ފައިސާގެ ބޮޑު ބައެއް ބޭރުގެ މާލީ އިދާރާތަކުންނާއި ބާޒާރުތަކުން ހޯދުމަށް ރާވާފައި އޮތް ނަމަވެސް، ބޭރުން ފައިސާ ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން އެ ޕްލޭން ކާމިޔާބުކަމާ އެކު ތަންފީޒުކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން ސަރުކާރަށް މަޖުބޫރުވެފައި ވަނީ އެތެރޭގެ ބާޒާރަށް ބަރޯސާވާށެވެ. ރިޕޯޓުގައިވާ ގޮތުން ބޭރު ފައިސާގެ ދަތިކަން ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ކުރު އަދި މެދު ރާސްތާގައި ރުފިޔާގެ އަގު ވެއްޓުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާނެއެވެ. އަދި މިކަމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވުމުގެ ތަކުލީފު އާންމު ރައްޔިތުންނަށް އުފުލަން ޖެހިދާނެ ކަން ރިޕޯޓުގެ ހޯދުންތަކުން ދޭހަވެއެވެ.
އެތެރޭގެ ބާޒާރުން މެދުކެނޑުމެއް ނެތި ފައިސާ ހޯދަމުން ދިއުމަކީ ދަރަނީގެ ދެމެހެއްޓެނިވިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި، އެތެރޭގެ ބޭންކުތަކުން ދައުލަތަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުން އަމިއްލަ ވިޔަފާރިތަކަށް ލޯނު ދޫކުރެވޭ ފައިސާ މަދުވެ، މުޅި އިގުތިސާދުގެ ދުވެއްޔަށް ނޭދެވޭ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ ބަޖެޓަކީ މާލީ ގޮތުން ދެމެހެއްޓެނިވި މިންގަނޑެއްގައި ރޭވިފައިވާ އެއްޗެއް ކަން ކަށަވަރުކުރުމަށާއި، ދަރަނީގެ ސިޔާސަތުގެ މިންގަނޑުތަކަށް ވުރެ އިތުރަށް ދަރަނި ނުނެގުމަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ