ވަހީދު ވިދާޅުވަނީ ނަޝީދު އެހާ "މެޗުއާ" ނޫން ކަމަށް!

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދަކީ "މެޗުއާ" ބޭފުޅެއް ނޫން ކަމަށް އެމަނިކުފާނުގެ ކުރީގެ ނާއިބު އަދި ފަހުން ރާއްޖޭގެ ރައީސްކަން ކުރެއްވި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
"އަވަސް އޮންލައިން"ގެ "ފަށަމާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދު ރައީސް ވަހީދާއި އެއްވެސް ކަމަކާއި އެއްގޮތަކަށްވެސް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ފަހުން ފަހުން އައިސް އެއްވެސް ކަމެއްގައި ރައީސް ވަހީދު ނުބައްސާ މަސައްކަތް ކުރައްވާ ކަމަށެވެ. ރައީސް ނަޝީދުގެ އިސްތިއުފާ ދެއްވުން ވެސް ހިނގައި ދިޔައީ ހަމަ އެފަދައިން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ވެރިކަން ވެއްޓުނީ އިދިކޮޅުން އޭރު ކުރި މުޒާހަރާތައް ހޫނުވެގެން ދިއުމާއި އެކުގައެވެ. ރައީސް ވަހީދު ވިދާޅުވީ އިސްތިއުފާ ދެއްވަމުން ވެސް ރައީސް ނަޝީދު އިސްތިއުފާ ދެއްވާ ކަމާއި އަދި އެމަނިކުފާނާއި އެކުގައި އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވި ނަމަވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑާ ގުޅުއްވާލައްވައިގެން އުޅުއްވިނަމަ އަޅުގަނޑު ކައިރީގައި ވިދާޅުވިނަމަ އަޅުގަނޑު ވެސް އިސްތިއުފާދީފައި އެކީގައި ގޮސް އަނެއް ދުވަހު އިންތިހާބަށް ނިކުންނާނީ ނޫންތޯ. އެގޮތަކަށް ނޫން އެކަން ކުރެއްވީއެއް. އަޅުގަނޑު ދަންނަވާނީ އެބޭފުޅުން މެޗުއަނޫނީއޭ އެވަރަށް،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް އެދުވަހު އެތައް ފަހަރަކު ރައީސް ނަޝީދު އެދިލެއްވި ކަމަށް ބައެއް ބޭފުޅުން ބުނަމުންދާ ކަމަށާއި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ