ޕްރައިމަރީ އިންތިޚާބުތަކުގައި ޕާޓީގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ވޯޓުދިނުމަށް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެދުމަކީ ޑިމޮކްރަސީގެ ނަމުގައި ޑިކްޓޭޓާޝިޕް ހިންގުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ކުރިޔަށް އޮތް މަޖިލީސް އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ބޭނުންވާ ބޭފުޅުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޝައުގުވެރިކަން ފާޅުކުރެއްވުމުގެ ފުރުސަތު ހުލުވާލާފައިވާ ކަމަށެވެ. އަދި ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ޝައުގުވެރިވާ ބޭފުޅުންގެ އަދަދަށް ބެލުމަށްފަހު ދެން ކަންކުރަންވީ ގޮތް ނިންމާނީ ކައުންސިލުން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ޝައުގުވެރިވާ ގިނަ ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށާއި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ވަކި ބޭފުޅަކަށް ވޯޓުދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފިނަމަ އެކަން ވާނީ ވަރަށް ބޭއިންސާފުން ކުރެވޭ ކަމަކަށް ކަމަށެވެ.
ގާސިމް ވިދާޅުވީ ބައެއް އެހެން ޕާޓީތަކުން އެކަން އެގޮތަށް ކުރާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް އެއީ ޑިމޮކްރަސީގެ ނަމުގައި ޑިކްޓޭޓާޝިޕް ހިންގުން ކަމަށެވެ. އަދި ޑިމޮކްރަސީގެ ހިމާޔަތުގައި ކަމަށްބުނެ މިފަދަ ވާހަތައް ދެއްކުމުން އެވާހަތައް ދެކޮޅު ނުޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީން އަބަދުވެސް އަމަލުތައް ބަހައްޓާނީ ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއްކަން ދަނެގެން އެކަން ދެމެހެއްޓޭނެ ފަދަ އުސޫލަކުން ކަމަށެވެ. އަދި ދުނިޔެމަތީގައި ދެ ޖިންސުން އިންސާނުން ލައްވައި ކުރުން ހަރާމް ކުރައްވާފައިވާ އެއްވެސް ކަމަކަށް މަގުފަހިވާނެ ފަދަ ވާހަކައެއް ޖުމްހޫރީ ޕާޓީން ނުދައްކާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ އެއްވެސް އަމަލަކަށް އަރައިގަތުމަށް ހިތްވަރު ނުދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އަބަދުވެސް އަމާޒަކީ ދިވެހި ރައްޔިތުންނަށް އަމާން މުޖުތަމައެއް ބިނާކޮށްދީ ފާގަތި މުސްތަގުބަލެއް ހޯދައިދިނުން ކަމަށެވެ. އަދި ދިވެހި ގައުމަކީ އިންސާފުވެރި ގައުމަކަށް ހެދުން ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ވޯޓުދޭން ލީޑަރު އެދުމަކީ ޑިކްޓޭޓާޝިޕް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ