ގައުމު ހަލާކުވެގެން ދަނީ ވެރިޔަކަށް ހުންނަ މީހެއްގެ ގޮތުން: ގާސިމް

ގައުމެއް ހަލާކުވެގެންދަނީ އެގައުމެއްގައި ވެރިކަން ކުރަން ހުންނަ މީހެއްގެ ގޮތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާ އާ މެމްބަރުންތަކެއް ގުޅުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ހަރުދަނާ އަދި ޒިންމާދާރު މުޖުތަމައެއް ބިނާކޮށް ރަގަނޅުގޮތުގައި މުއައްސަސާތައް ހިންގައި ގައުމު ކުރިޔަށްް ގެންދަނީ ގާނޫނުއަސާސީ ނުވަތަ ގާނޫނު ނޫން ކަމަށެވެ. ގައުމުގެ މުސްތަގުބަލާއި މުޅި މުޖުތަމައާ ގުޅިފައިވާ މުއައްސަސާތައް ހަލާކުވެގެންގޮސް މުޅި ގައުމު އެ އަވައިގައި ޖެހިގެންދަނީ ގައުމުގައި ވެރިޔަކަށް ހުންނަމީހާ މިނިވަން މުއައްސަސާތަކަށް ބާރުފޯރުވައި ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރުމުން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެފަދަ ހާލަތްތަކުގައި ސިފައިންނާއި ފުލުހުން އަދި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީސް ވެސް ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުގައި އޮންނަ ތަން ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން ފެނިގެންދަނީ ބާރު ލިބުމަށްފަހު އެމީހަކު ބޭނުންވާ ގޮތަކަށް ގާނޫނުތައް ބަދަލުކޮށް ގައުމު ހަލާކުވުމަށް ދޫކޮށްލާ މަންޒަރު ކަމަށެވެ. ގާސިމް ވިދާޅުވީ ފެހި ގާނޫނުއަސާސީ ވުޖޫދުވުމާއެކު ދިވެހިރާއްޖޭގައި އޮތީ މުޅި ދުނިޔޭގައިވެސް ނަމޫނާ ދެއްކޭނެ ފަދަ ފުރިހަމަ ގާނޫނުއަސާސީއެއް ކަމަށެވެ. އެހެންނަމަވެސް ފަހުން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެނައި ބަދަލުތަކާއި އެކު މުޅި ގައުމަށް ބޮޑެތި ބަދަލުތަކެއް އައިސް ގައުމު ދިޔައީ ފަނާވެގެން ދިޔުމުގެ ތުންފަތްމައްޗަށް ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ވެރިކަން ހޯދުމަށްޓަކައި ކެމްޕޭން ކުރަމުންދާއިރު ކޮންމެ މީހަކުވެސް ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވާނެ ކަމަށާއި އެތައް ހުވަފެންތަކެއް ދައްކާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަން ލިބި އެ ބާރުގެ ރަހަ ޖެހުމާއި އެކު ކޮންމެ މީހަކުވެސް އެމީހަކު ވީވައުދުކާއި ރައްޔިތުންނަށް ދެއްކި ހުވަފެންތަކުގެ ހަނދާން ނެތި ބާރުގެ އަވައިގައި ޖެހި ހުރިހާ ކަމެއް އަމިއްލަ ބާރުގެ ދަށަށް ގެނައުމުގެ ދަހިވެތިކަމުގައި މަޝްޣޫލުވަނީ ކަމަށެވެ. ގައުމު ފަނާވެގެންދާ އެންމެ ބޮޑު ސަބަބަކީވެސް އެއީ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން އެފަދަ މަންޒަރުތަކެއް ފެނިފައިވީ ނަމަވެސް މިހާރު ގައުމުގެ ވެރިއަކަށް ކޯލިޝަނުން ނިކުމެވަޑައިގެން ރައްޔިތުން އައްޔަން ކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާއަކީ އެފަދަ ބޭފުޅެއް ނޫން ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނަކީ އިންސާފުވެރި، ރައްޔިތުންގެ މަތިން ހަނދާން ނުނެތޭނެ އަދި ވައުދުތައް ފުއްދަވާނެ ވެރިއެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އިންތިޚާބުގައި ވާދަކޮށް ކޯލިޝަނުން އެކުގައި ވެފައިވާ ވައުދުތައް ފުއްދުމުގައި ޖުމްހޫރީ ޕާޓީން އަބަދުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ