ގާސިމް ގޭބަންދަށް ބަދަލުކުރުމަށްވުރެ މުހިންމީ ބޭސްފަރުވާއަށް ފޮނުވުން: ސަމީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޭބަންދަށް ބަދަލުކުރުމަށް ނިންމުމަށްވުރެ މުހިންމީ ބޭސްފަރުވާއަށް ފޮނުވުން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނިކޮށް އެމަނިކުފާނުގެ ޣައިރުހާޒިރުގައި އިއްވި ހުކުމާ ގުޅިގެން އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ކަރެކްޝަނަލް ސާވިސްއިން ވަނީ އެމުއައްސަސާގެ ބެލުމުގެ ދަށަށް އެމަނިކުފާނު ގެންގޮސްފައެވެ. އެގޮތުން ހޮސްޕިޓަލުގައި އޮންނެވި ނަމަވެސް ކަރެކްޝަނުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންއައިސް ރޭގައި ވަނީ ގާސިމް ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައެވެ. ނަމަވެސް ހޮސްޕިޓަލުން ދުކޮށްނުލާތީ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ރޭ 11:23 އިން ފެށިގެން އެމަނިކުފާނާމެދު އަމަލުކުރަމުންދަނީ ގޭބަންދުގައި ހުންނަ މީހަކާ އެއްގޮތަށް ކަމަށާއި އެގޮތުން މީގެ ކުރިން ހިފެހެއްޓިފައި ހުރި ބައެއް ހައްގުތައް ލިބިދީފައިވާ ކަމަށެވެ. ޖަލު ސެކިއުރިޓީން ކޮޓަރިތެރޭ ތިބުމުގެ ބަދަލުގައި ކޮޓަރި ބޭރުގައި ތިބުމާއި، މީގެ ކުރިން އެމަނިކުފާނާ ބައްދަލުކުރެވެނީ އާއިލާގެ އެންމެ ބޭފުޅަކަށް ނަމަވެސް މިހާރު އާއިލާގެ ކޮންމެ ބޭފުޅަކަށްވެސް ވަދެވޭ ގޮތަށް ފުރުސަތު ދީފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ކުރިން ނުލިބޭ ހައްގުތަކެއް ލިބިދިނުުން އުފާކުރައްވާ ކަމަށާއި ނަމަވެސް ގޭބަންދަށް ބަދަލުކުރުމަށް ނިންމީ ހެޔޮ ނިޔަތެއްގައި ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ސަރުކާރުގެ ބަހާއި އަމަލާ އެއްގޮތަކަށްވެސް ދިމާނުވާ ކަމަށް އޭނަ ވިދާޅުވިއެވެ.
"އަޅުގަނޑު އެބޭފުޅުން ކުރެން އަހާލަން ބޭނުން ގޭބަންދުގައި ގާސިމް އިބްރާހީމް ހުންނެވީމަ ޑޮކްޓަރު އެވިދާޅުވާ އޮޕަރޭޝަން ކުރެވޭތޯ. އެވިދާޅުވާ ޓެސްޓު ހެދޭތޯ. އެބޭފުޅުން މޮޔަފުޅު ވީތޯ. މިދަރަޖައަށް ކަންކަން ދިޔައީމާ ވަރަށް ދެރަ. ސަރުކާރުގެ އަމަލުތައް މިހުރީ ދިމާއިދިކޮޅަށް. މިކަންކަން އިސްލާހު ކުރަން ރައްޔިތުން އެބަ ނުކުންނަންޖެހޭ. ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދައްކަވާ ވާހަކަފުޅާ އަމަލާ ދިމާނުވުމަކީ ވަރަށް ހިތާމަހުރި ކަމެއް. އޭގެ ބަދަލުގައި އެބޭފުޅުންނާ ހަމައަށް ގާނޫނު އަރާހަމަކުރާނެ" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ފޮނުވުން އަވަސްކުރާނެ ކަމަށް ސަރުކާރުން ބުނުމަށްފަހު ގޭބަންދަށް ބަދަލުކުރުމަށް ނިންމުމަކީ އެމަނިކުފާނަށް އިއްވާފައިވާ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލުހުކުމް ގޭގައި ހުންނަވައިގެން ތަންފީޒުކުރެއްވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި މިއީ ވަގުތީ ކަމެއް ކަމަށެވެ. ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓުތައް ނުހެދި، ދެވޭނެ އިތުރު ފަރުވާއެއް ނެތް ހާލަތުގައިވެސް އެމަނިކުފާނު ރާއްޖެއިން ބޭރަށް ނުފޮނުވައި ގޭބަންދަށް ބަދަލުކުރަން ނިންމީ ރަގަޅު ނިޔަތެއްގައި ކަމަށް ގަބޫލުނުކުރެވޭ ކަމަށް ސަމީރު ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވަނީ އަދި ރާއްޖެއިން ބޭރުން ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރު ލަފާދެއްވާފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅަކާ ގުޅިގެން ކަމުގައި ވާއިރު، ޖަލުގައި ހުކުމް ތަންފީޒު ކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް ހުރެއްޖެނަމަ، އެހެން ތަނަކަށް ބަދަލުކުރެވިދާނެ ކަމަށް ޖަލުތަކާއި ޕެރޯލް ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނެއެވެ. އަދި 76 ވަނަ މާއްދާގެ (ހ) ގައި ވަނީ 75 ވަނަ މާއްދާގެ ދަށުން ޖަލު ނޫން އެހެން ތަނަކަށް ބަދަލުކުރެވޭ މީހުން ފަރުވާ ނިމިގެން ދޫކޮށްލެވެންދެން ނުވަތަ އެނޫންވެސް ގޮތަކުން އަނބުރާ ޖަލަށް ގެނެވެންދެން ތިބޭނީ ބަންދުގައި ކަމަށެވެ.
ސަމީރު ވިދާޅުވީ ގޭބަންދުގައި ހުންނަ މީހަކަށް ލިބިދޭ ހައްގުތައް ގާސިމް އިބްރާހީމަށް ދިނުމަށްފަހުވެސް ކަރެކްޝަނަށް ފެނިއްޖެ ހިނދެއްގައި އެމަނިކުފާނު ޖަލަށް ނުގެންދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވި ފަނޑިޔާރަށް ކަރެކްޝަނުގެ އުސޫލުތައް އެނގިވަޑައިގަންނަވާ ކަމަށާއި އެއީ ފަނޑިޔާރަށް އެނގިވަޑައިނުގެން ކުރެއްވި ހުކުމެއް ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ. ނަމަވެސް ހުކުމަށް ހަދުވަސް ވެގެންދިޔައިރު ތަންފީޒު ނުކުރުމަކީ ސަރުކާރު ގާނޫނަށް ތަބާނުވެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ކޯޓުތަކުން ނެރޭ ހުކުމްތަކަށް ސަރުކާރުން ތަބާނުވުން ކަމަށާއި ސުޕްރީމް ކޯޓުން މިކަމާ ފިޔަވަޅު އަޅާންޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އައިޖީއެމްއެޗުގައި ގާސިމް އެޑްމިޓްކޮށްފައިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމުން ކަމަށާއި އަދި އެމަނިކުފާނު ބެއްލެވި ހުރިހާ ޑޮކްޓަރުންވެސް ރާއްޖެއިން ބޭރުން އެމަނިކުފާނަށް ފަރުވާ ދިނުމަށް ލަފާދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ގާސިމަށް ބޭނުންވަނީ ރާއްޖެއިން ބޭރުން ފަރުވާ ލިބުން ކަމަށް ސަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހީމަށް ބޭނުންވާ ސިއްހީ ފަރުވާ ލިބިގަތުމަށް ރާއްޖެއިން ބޭރަށް ވަޑައިގަނެވޭނެ މަގެއް ހޯދުމަށް އާއިލާއާއި އެޕާޓީން ކުރާ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ. އަދި ގާސިމްގެ އާއިލާއާއި ޖުމްހޫރީ ޕާޓީގެ އެދުމަކީ ވީހާވެސް އަވަހަށް އެ ފުރުސަތު ތަނަވަސްވެގެން ދިއުން ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ގޭބަންދަށް ބަދަލުކުރުމަށް ކަރެކްޝަނުން ނިންމާފައިވާއިރު އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ވަނީ އަމުރުކޮށްފައިވެއެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިއްޔެ ބަންޑާރަނައިބުގެ އޮފީހުން ވަނީ އިސްތިއުނާފުކޮށްފައެވެ. ބަންޑާރަނާއިބުގެ މި އަމަލާއިމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ